Roadha Mihaaru
ހިރާނީގެ ފިލްމަށް ޝާހްރުކް ބޯ ދިގުކުރަނީ

ރާޖްކުމާރު ހިރާނީގެ ފިލްމަށް ޝާހްރުކް ޚާން ބޯ ދިގުކުރަނީ

22 ޖޫން 2020

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އާ ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ނިންމާފައިވާތީ، އެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޝާހްރުކް ޚާން ބޯ ދިގު ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އާ ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ނިންމާފައިވާތީ، އެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޝާހްރުކް ޚާން ބޯ ދިގު ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަތުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ހިޖުރަކުމާ ބެހޭ ގޮތުން ހިރާނީ ހަދާ ފިލްމު މިހާރު އޮތީ ޕްރި-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. އެގޮތުން ވަރަށް ގިނަ މަސައްކަތްތައް އޮކްޓޯބަރާ ހަމައަށް އަންނަންވާ އިރަށް ތަރުތީބުރަމުން އަންނަ ކަމަށް ބުންޏެވެ.

ހިރާނީގެ އާ ފިލްމުގެ ބަތަލަކީ ޝާހްރުކް ކަމަށް ވާހަކަ ދެކެވޭތާ މިހާރު އަހަރެއްހާ ދުވަސްވެއްޖެ އެވެ. އެކަމަކު އަދިވެސް އެކަން އެ ދެ މީހުން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ. ނަމަވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހޮލީވުޑްގެ އެކްޓަރު ވުޑީ އެލަން އާއި ހިރާނީއާ ދެ މީހުން ކުރެ އެކީގައި މަސައްކަތްކުރަން އިހުތިޔާރުކުރާނީ ކާކުތޯ އެހުމުން ޝާހްރުކް ވަނީ ހިރާނީ އަކީ ގާތުގައި ހުރި މީހަކަށްވާތީ އިހުތިޔާރަކީ އެއީ ކަމަށް ބުނެފަ އެވެ.

މީޑިއާތަކުން އެ ވާހަކަ މާނަކުރީ ހިރާނީގެ ފިލްމަށް ސޮއިކުރިކަން މާ ނޫން ގޮތަކަށް ޝާހްރުކް ޔަގީންކޮށްދިނުން ކަމަށެވެ.

ދެހާސް އަށާރައިގައި ރިލީޒްކުރި "ޒީރޯ" ބޮޑުތަނުން ފްލޮޕްވުމުން ޝާހްރުކް މިހާތަނަށް އެއްވެސް ފިލްމަކަށް ރަސްމީކޮށް ސޮއިކުރިކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު އޭނާ އަށް ބައެއް ޑައިރެކްޓަރުން ފިލްމުތައް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި "ހެޕީ އެންޑިން" އާއި "ގޯ ގޯއާ ގޯން" ފަދަ ފިލްމުތައް ގެނެސްދިން ރާޖް އެންޑް ޑީކޭ އާއި ތަމަޅަ ޑައިރެކްޓަރު އެޓްލީ ހިމެނެ އެވެ.

"ޕީކޭ" އާއި "3 އިޑިއަޓްސް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ސަންޖޫ" އެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާ ޝާހްރުކާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ބަތަލާ އަކީ ކާޖޮލެވެ.