Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

25 ޑިސެމްބަރ 2020

އެކްޓަރު ސިދާތު މަލްއުތުރާ "މިޝަން މަޖުނޫ" ކިޔާ ފިލްމަކަށް ސޮއިކޮށް، އޭގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ސިދާތު މަލްއުތުރާ "މިޝަން މަޖުނޫ" ކިޔާ ފިލްމަކަށް ސޮއިކޮށް، އޭގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އިންޑިއާގެ ވަތަނީ ރޫހު ދައްކުވައިދޭ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަކީ މި ޒާތުގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 2018 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ޝަންތަނޫ ބަގްޗީ ޑައިރެކްޓްކުރާ ފިލްމެކެވެ.

ސިދާތު ރޯ އެޖެންޓެއްގެ ރޯލް ކުޅޭ "މިޝަން މަޖުނޫ" ގެ ބަތަލާއަކަށް ހަމަޖައްސާފައި ވަނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. މި ފިލްމަކީ 1970 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ދައްކުވައި ދޭނެ ތުރިލާއެކެވެ.

"މިޝަން މަޖުނޫ" ގެ ޝޫޓިން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިދިޔަ އަހަރު "މަރުޖާވާ" އިން ފެނިގެން ދިޔަ ސިދާތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝޭރްޝާހް" އާއި "ތޭންކް ގޯޑް" ހިމެނެ އެވެ.

"12 އޮކްލޮކް" ޖެނުއަރީ 8 ގައި

"ބޫތު" ފަދަ ކާމިޔާބު ބިރުވެރި ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާގެ އާ ބިރުވެރި ފިލްމު "12 އޮކްލޮކް" އަންނަ މަހުގެ 8 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމު ވާނީ އާ އަހަރާ އެކު ސިނަމާތަކުގައި އެންމެ ފުރަތަމަ އަޅުވާ ފިލްމުތަކުގެ ތެރެއިން އެއް ފިލްމަށެވެ.

"12 އޮކްލޮކް" ގެ ކާސްޓްގައި މިތުން ޗަކްރަބަތީ އާއި މަކްރަންދު ދޭޝްޕާންޑޭ އާއި މާނަލް ކޯލްގެ އިތުރުން އަޝިޝް ވިދިއާތީ ހިމެނެ އެވެ.

"ޔޯދާ" އިން ޝާހިދު ވަކިވެއްޖެ

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޑައިރެކްޓަރު ޝިޝާންކް ކައިތާން ހަދަން ނިންމާފައި އޮތް ފިލްމު "ޔޯދާ" އިން ޝާހިދު ކަޕޫރް ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ޝާހިދު ފިލްމު ދޫކޮށްލީ ސްކްރިޕްޓާ މެދު ފިލްމުގެ ޓީމާ އެކު އެއްގަލަކަށް ނޭރި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އެވެ. ޑިޝާ ޕަޓާނީ ބަތަލާގެ ރޯލު ކުޅޭ ގޮތަށް އޮތް "ޔޯދާ" ގެ ޝޫޓިން ޖެނުއަރީގައި ފަށާ ގޮތަށް ކުރިން ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ޝާހިދު ފިލްމުން ވަކިވެފައިވާތީ މިއަށް ދެން ބޮޑު ލަސްވުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

"ޔޯދާ" ހަދާ ގޮތަށް ޝިޝާންކް ނިންމީ ވަރުން ދަވަނާ އެކު ހަދަން އިއުލާންކުރި "މިސްޓަ ލޭލޭ" ވެސް ބައެއް ސަބަބުތަކާ ހެދި ފަސްކޮށްފައި ވަނިކޮށެވެ. ޝިޝާންކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ދަޅަކް" އެވެ.

ދާދި ފަހުން "ޖާޒީ" ގެ ޝޫޓިން ނިންމައިލި ޝާހިދުގެ އަތުގައި މި ވަގުތު އެމެޒޯންގެ ޕްރައިމް ވީޑިއޯގެ ވެބް ސީރީޒެއް ވެސް އެބަ އޮތެވެ. އޭގެ ޑައިރެކްޓަރުންނަކީ ރާޖް އެންޑް ޑީކޭ އެވެ.

"ޓައިގާ 3" ގެ ޝޫޓިން މާޗްގައި

ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން އަންނަ މާޗް މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމު މި ފަހަރު ޑައިރެކްޓްކުރާނީ "ބޭންޑް ބާޖާ ބާރާތު" އާއި "ފޭން" ގެނެސްދިން މަނީޝް ޝަރުމާ އެވެ. ޓައިގާ ސީރީޒްގެ ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" 2012 ގައި ގެނެސްދިނީ ކަބީރް ޚާނެވެ. "ޓައިގާ ޒިންދާ ހޭ" 2017 ގައި ގެނެސްދިނީ އަލީ އައްބާސް ޒަފަރެވެ.

މި ސީރީޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން މާޗަށް ތާވަލުކޮށްފައިވާ އިރު ސަލްމާން މި ވަގުތު އަންނަނީ "އަންތިމް" ގެ މަސައްކަތް ކުރަމުންނެވެ. ކެޓްރީނާ "ފޯންބޫތު" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އަލީގެ ސުޕަހީރޯ ފިލްމު "ސުޕަ ސޯލްޖާ" އަކީ ވެސް އަންނަ އަހަރުގެ ކުރީކޮޅު ކެޓްރީނާ ވަގުތު ދޭނެ ފިލްމެކެވެ.

ރިޕޯޓްތައް ބުނާގޮތުން "ޓައިގާ 3" ގެ ވަރަށް ބޮޑު ބައެއް މެދުއިރުމަތީގައި ޝޫޓްކުރާނެ އެވެ.