Roadha Mihaaru
ޗޯޓާ ރަފީ: ރަފީގެ 800 ލަވަ ހިތުދަސް

ޗޯޓާ ރަފީ: ރަފީގެ 800 ލަވަ ހިތުދަސް

18 ސެޕްޓެމްބަރ 2020

އިންޑިއާ ދުށް އެންމެ ހުނަރުވެރި ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ރަފީގެ ފެންވަރުގައި ލަވަ ކިޔުމަކީ އާދައިގެ ކަމެއް ނޫނެވެ. އިންޑިއާގައި މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓި މީޑިއާތަކުގައި ވެސް މިހާރު އެންމެ ހޫނުކޮށް ދެކެވެނީ "ޗޯޓާ ރަފީ" އެއްގެ ވާހަކަ އެވެ، މި ކުޑަކުޑަ ރަފީ އަކީ ކެރެލާ އަށް ނިސްބަތްވާ 23 އަހަރު ސޯރަވް ކިޝެން އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ ދުށް އެންމެ ހުނަރުވެރި ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ރަފީގެ ފެންވަރުގައި ލަވަ ކިޔުމަކީ އާދައިގެ ކަމެއް ނޫނެވެ. އިންޑިއާގައި މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓި މީޑިއާތަކުގައި ވެސް މިހާރު އެންމެ ހޫނުކޮށް ދެކެވެނީ "ޗޯޓާ ރަފީ" އެއްގެ ވާހަކަ އެވެ، މި ކުޑަކުޑަ ރަފީ އަކީ ކެރެލާ އަށް ނިސްބަތްވާ 23 އަހަރު ސޯރަވް ކިޝެން އެވެ.

ރަފީ ކިޔާފައިވާ ލަވަތަކެއް "ހަމަ އެ ޖާދޫގައި" ސޯރަވް ކިޔާފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު، ކުއްލިއަކަށް އޭނާ މަޝްހޫރުވެ ބޮޑު ތަރިއަކަށްވެއްޖެ އެވެ. އެކަމަކު ސޯރަވް ރަފީގެ ލަވަތައް ކިޔަން ފެށީ މިހާރަކު ނޫނެވެ. އޭނާގެ އުމުރުން 10 ވަރަކަށް އަހަރުގައި ރަފީ އަށް ވާން މަސައްކަތް ފަށައިފި އެވެ. ބައެއް ލަވަ މުބާރާތްތަކުގައި ވެސް ރަފީގެ ލަވަތައް ކިޔައިގެން ސޯރަވަށް އެތައް ބައެއްގެ ލޯބި ލިބިފައިވެ އެވެ.

ރަފީ 1949 ގެ ފިލްމު "ދުލާރީ" އަށް ކިޔާފައިވާ ލަވަ "ސުހާނީ ރާތު ދަލް ޗުކީ" މީގެ ނުވަ އަހަރު ކުރިން ރިއަލިޓީ ޝޯއެއްގައި ސޯރަވް ކީ އަޑު އިވިގެން ހައިރާންވި އަންތަރީސްވި އެކަކީ ޝޯގެ ޖަޖްކަން ކުރި ކެރެލާގެ ކުރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ޖޯންސަން މާސްޓާ އެވެ. އެ ލަވަ ސޯރަވް ކީލެއް ރީތިކަމުން ތައުރީފުކޮށް، އޭނާގެ މައިންބަފައިންނާ ވެސް ބައްދަލުކޮށް ޖޯންސަން ވަނީ ސޯރަވް ލައްވައި ރަފީގެ ލަވަތައް ކިޔުއްވަން ހިތްވަރު ވެސް ދީފަ އެވެ. އަދި އެގޮތުގައި ކުރިއަށްދާ ނަމަ ރަފީ ފެންވަރުގެ ލަވަކިޔުންތެރިއަކަށް ސޯރަވް ވެދާނެ ކަމަށް ޖޯންސަން ބުންޏެވެ.

އޭގެ އަހަރުތަކެއް ފަހުން ސޯރަވްގެ ފަރާތުން މިހާރު ފެންނަނީ އެ ހުނަރާއި އެ ޝައުގުވެރިކަމެވެ. ރަފީގެ ލަވަތައް ނޫން ލަވައެެއް ކިޔާކަށް މި ހުނަރުވެރިޔާ ގަޔާވާ ކަމަކަށް ވެސް ނުވެ އެވެ. މިކަމާ ހެދި ގްރޭޑް 6 ހިސާބުން ފެށިގެން އޭނާ ދަންނަ މީހުން ސޯރަވަށް ކިޔަމުން އަންނަނީ "ޗޯޓާ ރަފީ" އެވެ. އޭނާ ދައްކަމުން އަންނަ ހުނަރުގެ ސަބަބުން ރަފީގެ އާއިލާގެ ސަމާލުކަން ސޯރަވަށް ލިބިފައިވެ އެވެ. އެގޮތުން ރަފީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "އާނޭ ސެ އުސުކޭ އާއޭ ބަހާރު" ސޯރަވް 16 އަހަރުގައި ކީ ހަފުލާއެއްގެ ތެރެއިން ރަފީގެ ދޮށީ ފަރިހެން ދަރިފުޅު ޝާހިދު ރަފީ އަށް އިވިގެން ސޯރަވްގެ ހުނަރަށް ތައުރީފުކޮށް، ކުރިއަށްދާން ވެސް ހިތްވަރު ދީފައިވެ އެވެ.

މިހާރު ކުއްލިއަކަށް ލިބުނު މަޝްހޫރުކަމާ އެކު ރިޕަބްލިކް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ސޯރަވް ބުނީ އޭނާގެ ލަވަކިިޔުމުގެ ހުނަރު ތަރައްގީ ކުރުމާއި ރަފީގެ ލަވަތައް ކިޔަން ވަކިން ބޮޑަށް ހާއްސަ ލޯތްބެއް ޖެހުނީ ޖޯންސަން ދިން ހިތްވަރުން ކަމަށެވެ.

"އެހެންވެ އެ ޝުކުރު އަބަދު ވެސް އަހަރެންގެ ހިތުގައި އޮންނާނެ،" ސޯރަވް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރަފީގެ ލަވަތަކަކީ ކިޔަން އެއްގޮތަކަށް ވެސް ފަސޭހަ ލަވަތަކެއް ނޫނެވެ. އަދި އެކަމާ ވަރަށް ވެގެން ނޫނީ އެ ފެންވަރުގެ ލަވަކިޔުންތެރިއަކަށް ނުވެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

ރަފީ ރެކޯޑްކުރި ލަވަތަކުގެ އަދަދު 28،000 އަރާއިރު، އޭގެ ތެރެއިން 800 ލަވަ ސޯރަވް ހިތުދަހެވެ. އެކަމާ ބެހޭ ގޮތުން އޭނާ ބުނީ ލަވަތަކުގެ ޅެންތަކުގެ ރީތިކަމާއި ޖާދުވީކަމުން ލަވަތައް ހިތުދަސްކުރަން ވަކިން ޝައުގުވެރިކަން ބޮޑު ކަމަށެވެ.

"އެއްޗެއް ބަލައިގެން އިނދެ ލަވަކިޔުމަކީ އަހަރެން ގަޔާވާ ކަމެއް ނޫން. ހަގީގަތުގައި ލަވައިގެ ޅެމާއި އޭގެ މިއުޒިކްގެ ތެރެއަށް ވަދެވެނީ ހިތުން ދަސްކޮށްގެން ލަވައިގެ ތެރެއަށް ގެއްލިގެން ހުރެ ލަވަކީމަ،" ސޯރަވް ބުންޏެވެ. "އެހެންވެ އަހަރެން ލަވަތައް ދަސްކުރާ އިރު ލަވަތަކުގެ ވީޑިއޯ ބަލައިގެން އެކްޓަރުންގެ މޫނުމައްޗަށް ގެންނަ އެކްސްޕްރެޝަންތައް ވެެސް ވަރަށް ބޮޑަށް ފާހަގަކުރަން. އެގޮތަށް މަސައްކަތްކުރީމަ ލަވައިގެ އިހުސާސް ލަވަކިޔާ އިރު ގެނެސްދެވޭ."

އޭނާ ބުނީ ރަފީގެ ލަވަތަކަށް ގޮސްހުސްވެފައި ހުއްޓަސް ކުރިއަށް އޮތް ތަނުގައި އެކި ޖޯންރާގެ ލަވަތައް ކިޔާނެ ކަމަށެވެ. އެކަމަކު އެ ލަވަތައް ވާން ޖެހޭނީ މިއުޒިކާއި ޅެމުގެ ގޮތުން ވެސް އަޑު އަހައިލަން ރީތި، ހިތަށް ފިނިކަން ގެނުވާ ކަހަލަ ލަވަތަކަކަށް ކަމަށް ބުންޏެވެ.

މި ވަގުތު ޗައިނާގައި އެމްބީބީއެސް އަށް ކިޔަވަމުން އަންނަ ސޯރަވް ބުނިގޮތުގައި އޭނާގެ ހިތުގައި މިއުޒިކަށް ހާއްސަ ލޯތްބެއްގެ ޖެހުމުގެ އެއް ސިއްރަކީ ކާފަ އެވެ. ސޯރަވްގެ ކާފަ ޑރ. ރާމަކްރިޝަންނަން އަކީ ލަވަހޮޅިން އިހުގެ ލަވަތައް ޖަހަން ލޯބިކުރި މީހެކެވެ.

"ކާފަގެ ދުނިޔޭގައި ބަލި މީހުންނަށް ފަރުވާދޭ އިރު އަބަދު ވެސް ލަވަހޮޅިން ލަވަ ޖަހާނެ. އޭރު ރަފީގެ އިތުރުން ލަތާ މަަންގޭޝްކަރާއި ކިޝޯރު ކުމާރު ފަދަ ފަންނާނުންގެ ލަވަތައް ޖަހައި އުޅޭނެ،" ސޯރަވް ބުންޏެވެ. "އެގޮތަށް ވަރަށް ކުޑައިރުއްސުރެ އެ މީހުންގެ ލަވަތައް އަޑު އިވިއިވި ވަކިން ހާއްސަކޮށް ރަފީގެ ލަވަތަކަށް ސަމާލުކަން ހުއްޓުނީ."

އޭނާ ބުނީ މިހާރު ވެސް ދުވާލަކު ދެ ގަޑިއެއްހާ އިރު ވޯކަލް ޓްރޭނިން ހަދާ ކަމަށެވެ. އަދި މިކަމުގައި އެންމެ ހީވަނީ ބައްޕަ ސުނިލް ކުމާރެވެ. ސޯރަވްގެ ކޮއްކޮ ވައިބާވް އަކީ ގިޓާ ކުޅޭ ފަންނާނެކެވެ.

"ހުރިހާ ވެސް އެއްޗަކީ އާއިލާގެ ސަޕޯޓް. މަންމަ އާއި ބައްޕަ އަބަދު ވެސް އެންމެ ހިތްވަރެއް ދެނީ." ސޯރަވް ބުންޏެވެ.

އިންޓަވިއު ނިންމައިލަމުން އޭނާ ބުނީ ރަފީގެ ލަވަތައް ކިޔާ އިރު އަބަދު ވެސް ރަފީ ގާތުގައި އަޑުއަހަން އިންނަ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެ އިހުސާސްގައި އަހަރެން ލަވަކިޔަނީ. އަދި އަބަދު ވެސް ލަވަކިޔަން ފެށުމުގެ ކުރިން ރަފީ އަށް ހެޔޮދުއާކުރަން." ސޯރަބް ބުންޏެވެ.