Roadha Mihaaru
މައުމޫނާއެކު މަސައްކަތް ކުރަން ތައްޔާރު: އެމްޑީޕީ

ގައުމު ހަމަމަގަށް އެޅުވުމަށް މައުމޫނާއެކު މަސައްކަތް ކުރަން ތައްޔާރު: އެމްޑީޕީ

28 އޮކްޓޯބަރ 2016

ގައުމު ހަމަމަގަށް އަޅުވައި ޑިމޮކްރަސީގެ އުސޫލުތައް އަލުން އިއާދަ ކުރުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް އެމްޑީޕީން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގައުމު ހަމަމަގަށް އަޅުވައި ޑިމޮކްރަސީގެ އުސޫލުތައް އަލުން އިއާދަ ކުރުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް އެމްޑީޕީން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރަށް ކުރެއްވި ތާއީދު މައުމޫން އަނބުރާ ގެންދެވުމާ ގުޅިގެން އެމްޑީޕީން މަރުހަބާ ކިޔައި ނެރުނު ބަޔާނުގައިވަނީ މައުމޫނާއެކު މަސައްކަތްކޮށް ރާއްޖެ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން އެ ޕާޓީން ބޭނުންވާ ކަމަށެވެ.

އެހެންކަމުން ސިޔާސީ މަސްރަހަށް ދިމާވެފައިވާ ހަލަބޮލިކަން ހައްލުކުރަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ފެށުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

"އެމްޑީޕީން މަސައްކަތް ކުރާނީ ގާނޫނުތަކަށް ބަދަލު ގެނެސް، މުއައްސަސާތައް މިނިވަންކޮށް، މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވޭނެ މާހައުލެއް ގާއިމުކުރަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހިނގަމުން އަންނަ ކޮރަޕްޝަންގެ އަމަލުތައް ބަލައި ތަހުގީގު ކުރުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލި އެވެ. އަދި "ރައީސް ޔާމީންގެ އޯޑަރަށް" ކޯޓުތަކުން ކުރަމުންދާ ހުކުތައް ހުއްޓުމަކަށް ގެނެސް، އިންސާފުވެރި ހުކުމްތަކެއް ކުރުމަށް ވެސް ގޮވާލި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމީންގެ ވެރިކަން އިތުރަށް ދިފާއު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، އިއްޔެ ޓުވީޓެއް ކުރައްވައިފަ އެވެ. ނަޝީދުގެ ޓުވީޓުގައި މައުމޫންގެ ފަޅިއަށް މަޖިލީހުގެ މެމްބަރުންތަކެއް ގުޅިވަޑައިގަތުމާ ގުޅިގެން މަރުހަބާ ދެންނެވި އެވެ.

ނަޝީދު ކުރެއްވި ޓުވީޓު.

ރައީސް ޔާމީންގެ ސަރުކާރަށް އެ މަނިކުފާނުގެ ބޭބޭފުޅު މައުމޫންގެ ތާއީދު އަނބުރާ މި ގެންދެވީ ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދެއްކެވުމަށްފަހު އެވެ. މައުމޫން ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ކުރަމުން މިހާރު ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގައި ތިން ބާރު މަސްހުނިކޮށް، ހުރިހާ ބާރުތަކެއްގައި ވެސް ގަދަވެފައި ވަނީ އެއް ބޭފުޅެއްގެ އަޑު ކަމަށް މައުމޫން ވިދާޅުވި އެވެ.