22 ސެޕްޓެމްބަރ 2020
ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށްދޭން މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅެވެ. ބަލިން އަރައިގަތުމުގައި ރާއްޖެ އިން ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ؛ މި މަސައްކަތުގައި ފެންނަން އޮތް ގޯހަކީ، ދައުލަތުގެ ފައިސާ ޚަރަދުކޮށްފައިވާ ގޮތެވެ. އޮޑިޓް ރިޕޯޓްތަކުން ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފަ އެވެ.
ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށްދޭން މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅެވެ. ބަލިން އަރައިގަތުމުގައި ރާއްޖެ އިން ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ؛ މި މަސައްކަތުގައި ފެންނަން އޮތް ގޯހަކީ، ދައުލަތުގެ ފައިސާ ޚަރަދުކޮށްފައިވާ ގޮތެވެ. އޮޑިޓް ރިޕޯޓްތަކުން ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފަ އެވެ.
ސަރުކާރުން އާއްމުކޮށްފައިވާ ސިޔާސަތަކީ "ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް" ކަން މުއައްސަސާތަކަށް ސާފެވެ. އެހެންވެ، ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮޑިޓް ރިޕޯޓުގައި ދެއްކި މައްސަލަތަކާ ގުޅިގެން މި ގޯސްވީ އޮޑިޓް އޮފީހެވެ. ހެލްތު މިނިސްޓްރީ އާއި އެންޑީއެމްއޭ އިން ވެސް ބުނަނީ އޮޑިޓްކުރީ "ހާލަތަށް" ރިއާޔަތް ނުކޮށް ކަމަށެވެ. ގަސްތުގައި ވައްކަމެއް، ކޮރަޕްޝަނެއް ހިންގައިފައެއް ނޯންނާނެ ކަމަށެވެ.
ކޮވިޑުގެ މި "ހާލަތަކީ" ގޯސްތަކުގެ ދިފާއުގައި ދައްކާ "އައްޑަނަ" އެވެ!
އެކަމަކު، ވެފައިވާ އިހުމާލަށް ބަލާއިރު، މިހެން ބުނެ ނިންމާލެވެން އެބައޮތް ހެއްޔެވެ؟
އެއް މިސާލަކީ ކޮވިޑުގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދުމެވެ. މުޅި ދުނިޔޭގައި ޑިމާންޑް ބޮޑުވި އަދި ރާއްޖެ އަށް ނުލިބިއްޖެ ނަމަ، އެތައް ރައްޔިތުންނެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމުގެ ހާސްކަމުގައި ވީ އެންމެ އަވަހަކަށް ވެންޓިލޭޓަރު ހޯދަން މަސައްކަތް ކުރުމަކީ ޒިންމާ އަދާކުރުމެވެ. ކުރިމަތިވެފައި އޮތީ ކުރު މަގަކުން ވެންޓިލޭޓަރުތައް ހޯދަން ޖެހޭ ހާލަތެކެވެ.
މައްސަލައަކީ ކުރު މަގުން އަވަހަށް ދަތުރުކުރުމުގައި ގަވާއިދާ ޚިލާފަށް އަމަލުކޮށްފައި ވުމެވެ. ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސްއަކީ ދިވެހި ސަރުކާރުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގި ބައެއް ނޫނެވެ. އެއީ ވެންޓިލޭޓަރު ވިއްކާ ބައެއްތޯ، ކުންފުނީގެ މާލީ ގާބިލްކަމަކީ ކޮބައިތޯ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި މާލީ ޒިންމާދާރުވެރިޔާ ވެސް ނުބަލަ އެވެ. ގުދަނުގައި ސްޓޮކްކޮށްފައި ވެންޓިލޭޓަރުތައް ހުރި ކަމަށާއި ވެއާހައުސް ފީ ނުދައްކައިފި ނަމަ ވެންޓިލޭޓަރުތައް ނުލިބިދާނެ ކަމަށް ކުންފުނިން ބުނުމާ އެކު އެއީ ތެދެއްތޯ ވެސް ނުބަލައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ތެޅިފޮޅިގަނެގެން ދިނީ އެވެ. އެކަމަކު، ގެރެންޓީއަކާ ނުލައި 15 ޕަސެންޓަށް ވުރެން އިތުރަށް އެޑްވާންސް ފައިސާ ދިނުމަކީ ކިތަންމެ ކުރު މަގަކުން ދާން ވެސް އޮތް އިޚްތިޔާރެއް ނޫނެވެ. އެޑްވާންސް ފައިސާ ދިނުމާ ގުޅޭ ގޮތުން މާލިއްޔަތު ގަވާއިދުގައި އޮތް ވާހަކަތައް މިނިސްޓްރީތަކުގައި ހަވާލުވެ ތިބި މީހުންނަކަށް އޮޅިގެން ނުވާނެ އެވެ. ވެންޓިލޭޓަރުތަކުގެ ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އެދުމުން ވެސް މިވަނީ ކިހިނެއް ކަމެއް އިތުރަށް ބަލާކަށް ބޭނުމެއް ނުވި އެވެ. ފަހުން ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކުރީ އަމިއްލަ މީހަކާ އެކު އެގޮތަށް މުއާމަލާތް ނުކުރެވޭނެތީ އެވެ.
ކުރު މަގަކުން ހޯދަން އުޅުނު ވެންޓިލޭޓަރުތައް ތާށިވެ، ރާއްޖެ ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ވީ ހިސާބެއް ނޭނގެ އެވެ. ލިބޭނެ ކަމުގެ މާބޮޑު ޔަގީންކަމެއް ވެސް އޮވެދާނެ ކަމަކަށް ކަން ހިނގި ގޮތަށް ބަލާއިރު ނެތެވެ. އެޑްވާންސްގެ ގޮތުގައި އެގްޒެކިއުޓާސްއަށް ދެއްކި ފައިސާ އަކީ އެހެން ކަމަކަށް ޚަރަދުކުރެވިދާނެ ފައިސާ އެވެ. އެކަމަކު އެ ހުރިހާ އިހުމާލުތަކެއް ހާލަތާ ގުޅުވީ އެވެ.
މެޑިކަލް ފެސިލިޓީއެއްގައި ކެއުން ފޯރުކޮށްދީފައި: އެއްބަސްވުމެއް ނެތި ކުންފުނިތަކަކާ ހަވާލުކޮށްގެން ކެއުންބުއިމުގެ ކަންކަން ކުރިއަށް ގެންގޮސްފައި އޮތް މައްސަލަ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު
ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ފާހަގަވި ކަންކަން ވެސް މަތިކުރީ ހާލަތާ އެވެ. ދެން އައީ، އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓެވެ. ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ ކާބޯތަކެތި ތިން ގުނަ ބޮޑު އަގުގައި ގަތުމާއި އެއްބަސްވުން ނުހަދައި ޚިދުމަތް ހޯދުމާއި ހިލޭ އެހީ ރަނގަޅަށް ނުބެލެހެއްޓުން ފަދަ ބޮޑެތި ގޯސްތަކެއް ހަދާފައި ހުރި ކަމަށް އޮޑިޓުން ފަޅާއެރުމާ އެކު ދިފާއުގައި ތެދުވެ ދެއްކީ ހާލަތުގެ ވާހަކަ އެވެ. ކޮންޓޯލްކޮށްފައި ހުރި މުދާ އަގުބޮޑުކޮށް ގަނެވުނީ ހާލަތާ ހެދި "އޮޅިގެން" ކަމަށެވެ. އެގޮތަށް އެކަން ހިނގީ، މުދާ ގަތުމުގައި އަގު ހޯދި ފަރާތްތަކުން ހުށަހެޅި ލިސްޓުގެ ޖުމްލަ އަގަށް ބަލައި އެންމެ އަގު ހެވީ ކޮން ބައެއްތޯ ބަލައިގެން ކުރިއަށް ގެންދިއުމުން ކަމަށް ވެސް ބުނެފައި އެބައޮތެވެ.
ހަކުރު ކިލޯއެއް ވެސް ތިން ގުނަ ބޮޑުކޮށް 16ރ. އަށް ގަނެވުނީ ހާލަތާ ހެދި އެވެ!
ގަސްތުގައި ކޮރަޕްޝަނެއް ވައްކަމެއް ހިންގާފައި ނުވިޔަސް ޚަރަދުކުރި ގޮތް ހާލަތާ ގުޅުވައި ނިންމާލާއިރު، ދައުލަތުގެ އޮފީސްތަކަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމާއި މަސައްކަތް ކުރުވުމުގައި އަމަލުކުރަންވީ ގޮތް މާލިއްޔަތު ގަވާއިދުގައި ވަރަށް ސާފެވެ. ދެން އޮތީ ހާލަތާ ގުޅުވައި ލިބޭ އިޚްތިޔާރުތަކެވެ.
އެއީ، މާލިއްޔަތު ގަވާއިދުގެ 10.3 ވަނަ މާއްދާ އިންނެވެ. އެ މާއްދާގައި ވަނީ މާލިއްޔަތު ގަވާއިދަށް އަމަލުކުރުން ލާޒިމްނުވާ ހާލަތްތަކެކެވެ.
(ހ). ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަހަތެއް ހިފެހެއްޓުމަށާއި ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރު ރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓަރު އަންގަވާ ގޮތެއްގެ މަތިން ދައުލަތުގެ ފައިސާ ޚަރަދު ކުރެވިދާނެ އެވެ.
(ށ). ގައުމުގެ ދިފާއަށް ކޮންމެހެން ބޭނުންވެއްޖެ ހާލަތަކާއި ގުދުރަތީ ކާރިސާތަކުގައި ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް އެ ފަހަރަކު ބޭނުންވާ މިންވަރަކަށް ޗީފް އޮފް ޑިފެންސް ފޯސް އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ފައިސާ ޚަރަދު ކުރެވިދާނެ އެވެ.
ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރޭގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ލުއިތަކެއް ގަވާއިދުގައި ދީފައިވެ އެވެ. އެގޮތުން މާލިއްޔަތު ގަވާއިދުގެ، 10.25 އާއި 10.26 ވަނަ މާއްދާ އިން ވަނީ ކުއްލި ހާލަތްތަކުގައި ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދާނެ މަގު ދައްކައިދީފަ އެވެ.
ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕީޯޓާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް ހަސަން ވާހަކަ ދައްކަވަނީ: --ފޮޓޯ: ނިޝާން އަލީ/މިހާރު
ވަގުތު ނެތް ހާލަތެއްގައި ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ކުރިއަށް ގެންދިއުމުގެ ހުއްދަ އޮވެ އެވެ. އެއީ، ވާދަވެރިކަމަށް ހުޅުވާ ނުލައި ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމެވެ. އެއާއެކު، ގަވާއިދުގެ 10.25 މާއްދާގެ ދަށުން، ސިންގަލް ސޯސްކޮށް ކުރިއަށް ގެންދިޔައަސް އަމަލުކުރަން ވަކި ގޮތްތަކެއް ލާޒިމްކޮށްފައިވެ އެވެ. ނުހަމަ ގޮތުގައި ފައިސާ ބޭނުންކުރިޔަ ނުދޭށެވެ.
މާލިއްޔަތު ގަވާއިދުން ލިބޭ ލުއިތަކަކީ، ދައުލަތުގެ މާލީ ކަންކަން މި ހާލަތާ ގުޅުވައި ލުއިކޮށް ދޫކޮށްލުން ނުވަތަ ނުއަގުގައި ހިދުމަތް ދިނުމަށް އޮތް އިޚްތިޔާރެއް ނޫނެވެ. އަދ މާލިއްޔަތު ގަވާއިދަށް އަމަލުކުރުން ލާޒިމްނުވާ ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ހާލަތްތަކަކީ ވައްކަމާއި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދައިދިނުމަށް އޮތް ލައިސަންސެއް ވެސް ނޫނެވެ.
ވަކި ހާލަތްތަކަކާ ގުޅުވައި އިސްތިސްނާއެއް ދީފައި ވަނީ އޮޕަރޭޝަނަލް ކަންކަމަށެވެ. އެއީ އާއްމުކޮށް އިއުލާންކޮށްގެން ބަޔަކު ހޯދުމާއި ތިން ފަރާތަކުން ކޯޓޭޝަން ހޯދަން ޖެހިފައި އޮތް އޮތުން ވެސް ދޫކޮށްލައި ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ކުރިއަށް ގެންދިއުން ފަދަ ލުއިތަކެކެވެ.
ވީހާވެސް ކުރު މަގަކުން ދާން މި ލުއި ދީފައި ވިޔަސް އެ ހަވާލުކުރާ ކުންފުންޏެއްގެ މާލީ ގާބިލްކަން ވަޒަން ކުރަން ޖެހެ އެވެ. ބިޑް ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ވެސް އޮންނަން ޖެހެ އެވެ.
"ދައުލަތުގެ ފައިސާއެއް ނުހަމަ ގޮތުގައި ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމަކަށް ހަގީގަތުގައި ލުޔެއް ދީފައެއް ނޯވޭ. ވަކި ހާލަތެއްގައި ލުއި ދީފައި އޮންނަ ކޮންސެޕްޓަކީ ޚިދުމަތެއް ކޮންމެހެން ދޭން ޖެހި، އެކަމަކު ނުދެވި ލަސްވެއްޖެ ނަމަ އޭގެއިން ނުކުންނަ ނަތީޖާ މާ ބޮޑުވެދާނެތީ އެކަމަށް ގޮތެއް ހޯދުން. މި ހާލަތުގައި ވެސް ދައުލަތުގެ ފައިސާއެއް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތެއް ނޯވޭ،" މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
ކޮވިޑް-19ގެ ހާލަތުގައި ޕްރޮކިއުމެންޓަށް ކުރު މަގަކުން ދިއުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީ، އަމަލުކުރަންވީ ވަކި ޚާއްސަ ގޮތްތަކެއް ކަނޑައެޅީ ވެސް ޕަބްލިކް ފައިނޭންސްގެ ރަނގަޅު ޕްރެކްޓިސް ހިފަހައްޓާތޯ ކަށަވަރު ކުރާށެވެ. މި ހާލަތަށް ޚާއްސަކޮށް، އެކްސްޕެންޑިޗަ އޮތޮރައިޒޭޝަން ކޮމިޓީއެއް ވެސް އުފައްދާފައިވެ އެވެ.
ސަބަބަކީ، ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމްގެ ތެރޭގައި ވަގުތާއި ހާލަތަށް ރިއާޔަތްކުރަން ދީފައި ހުންނަ އެކި އިޚްތިޔާރުތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް ހުޅުވިފައިވާ ދޮރެއް ނޫން ކަމަށް ވާތީ އެ ދޮރުތައް ބަންދުކުރާށެވެ.
ދިފާއުވާން ދެއްކިދާނެ ރަނގަޅު ހުއްޖަތެކެވެ. އޮޑިޓްކުރާ އިރު ހާލަތަށް ރިއާޔަތްކުރަން ޖެހެ އެވެ. އެއާއެކު، ދައުލަތުގެ ފައިސާ ހޭދަކުރުމުގެ ޒިންމާއާ ހަވާލުވެ ތިބި މީހުން ވެސް ހާލަތަށް ފަރުވާތެރިވެ، މާ ބޮޑަށް ރިއާޔަތްކުރަން ޖެހެ އެވެ.
ދުނިޔޭގައި އެންމެ ގިނައިން ކޮރަޕްޝަން ހިންގާފައި ވާނީ ޕެންޑެމިކް ފަދަ ކަމެއް މެދުވެރިވެގެން ކަން ފާހަގަކުރައްވައި ފައިނޭންޝަލް ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ނިޒާމުގައި، ކޮންޓްރޯލްތައް ގާއިމްކުރުމަކީ ހާލަތުގެ ގޮތުން ކުރަން އެންމެ މުހިއްމު ކަންތައް ކަމަށެވެ. ސަބަބަކީ އާއްމު ހާލަތުގައި ނުކުރާ ވަރަށް ވުރެން އިތުރަށް މިފަދަ ހާލަތްތަކުގައި ޚަރަދު ކުރަން ޖެހުމެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނީ ނިޒާމުގައި މާލިއްޔަތަށާއި ޕްރޮކިއުމެންޓުގެ ކަންކަމަށް ޖަވާބުދާރީވުމާއި ޖަވާބުދާރީ ކުރުވުމަށް އެކި ކޮންޓްރޯލްތައް ހިމަނާފައިވެ އެވެ.
"އާއްމު ހާލަތަށް ވުރެން އިތުރަށް ފައިސާ ޚަރަދުކުރަން ޖެހޭއިރު އާއްމު ހާލަތުގައި ލިބޭ ލާރިކޮޅު ވެސް ނުލިބިގެން މި އުޅެނީ. އެހެންވީމަ އިތުރަށް ފަރުވާތެރިވާން ޖެހޭނީ. ބޮޑަށް ކޮންޓްރޯލްސްތައް ގާއިމްކުރަން ޖެހޭނީ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
"އިތުރަށް ބަލަން ޖެހޭ އަނެއް ސަބަބަކީ ވަރަށް ފަސޭހައިން އާއްމުންނަށް ގަބޫލުކޮށްލެވޭ، ނުވަތަ ހިންގާ ބަޔަކަށް ވެސް ދިފާއުގައި ދެއްކޭނެ ކަމެއް ހާލަތަކީ. އެކަމަކު މިކަހަލަ ހާލަތެއްގައި ވިސްނަން ޖެހޭނީ ލިބޭ އެއްޗެއް ބޮޑުތަނުން މިއޮތީ މަދުވެފައި ކަން،"
ބަޔަކާ މަސައްކަތެއް ހަވާލުކުރާއިރު އެންމެ ކުޑަވެގެން އަގާ ދެތެރޭގައި ރުހެވޭ އެއްބަސްވުމެއް އޮންނަން ޖެހެ އެވެ. އެކަމަކު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި އޮތް ގޮތުން ނަމަ ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ޚިދުމަތް ހޯދި ބައެއް ގެސްޓްހައުސްތަކާ އެކު އެއްބަސްވުމެއް ނެތެވެ. އެހެންވެ އެކި ގެސްޓް ހައުސްތަކުން ޗާޖުކުރީ އެކި ވަރަށެވެ. އެއާއެކު އެތަނުން ދޭން ޖެހޭނީ ކޮން ޚިދުމަތެއް ކަމެއް ދީފައި ވަނީ ކޮން ހިދުމަތެއް ކަން ވެސް އެނގޭނެ ގޮތެއް ނެތް ކަމަށް އޮޑިޓުގައިވެ އެވެ.
އެއްބަސްވުމެއް ނެތަސް ޕީއޯ ހުންނާނެ ކަމަށް ބުނެ އެންޑީއެމްއޭ އިން ދިފާއުވާން ދައްކާ ވާހަކަ ފައިނޭންސް ދާއިރާގެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. ބިލް ފޮނުވުމުން، ބިލްގައިވާ ގޮތަށް ފައިސާ ދޫކުރާ ގޮތަށް ހަމަޖައްސާފައި އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ޕީއޯއަކީ ބިލް އައުމުގެ މާ ކުރިން ކަމަކަށް އެއްބަސްވެފައި ހަދާ އެއްޗެއް. އެގްރިމެންޓާ އެއްގޮތަށް ހަދަނީ. އެހެންވީމަ ކޮންޓްރޯލް ނިޒާމް އެ އޮތީ ފޭލްވެފައި، ވަރަށް ބޮޑު ރިސްކެއް އެއީ. ދައުލަތަށް ނުލިބޭ ޚިދުމަތްތަކަކަށް ޕޭ ކުރުމުގެ ފުރުސަތު އޮތް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
މިގޮތަށް ބައެއް މީހުންނަށް ފައިސާ ދޫކޮށްފައިވާ މައްސަލަ އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެސް އޮތެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލާ ހަވާލާދީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ފާހަގަކޮށްފައި އޮތް ގޮތުގައި، ލުއި ހުއްދައެއް ދެވޭނެ ކަންކަމާއި ހުއްދަ ދިނުމަށް ދަރަޖަ ކުރެވިފައިވާ ގޮތްތަކާއި ހުއްދަ ދޭނެ ފަރާތްތައް ވެސް ގާނޫނާއި ގަވާއިދުތަކުގައި ތަފްސީލްކޮށްދީފައިވެ އެވެ.
"ކަނޑައަޅާފައި ހުންނަ އުސޫލްތަކުގެ ބޭރުން ވަކި ހާއްސަ ހުއްދަ ދެވޭ ދެވުމަކީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މައިގަނޑު މަގްސަދުތައް ހާސިލްކުރަން ހުރަސްއެޅޭ އަދި ކޮރަޕްޝަންގެ ހިރާސްތައް އިތުރުވާނެ ކަމެއް ކަން ފާހަގަކުރެވެ އެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ޕްރޮކިއުމެންޓުގެ ނިޒާމަށް އާއްމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހްތިމާލު ނުހަނު ބޮޑުވެގެންދާނެ ކަން ފާހަގަކުރެވެ އެވެ،" ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން ހޯދި ކަންކަމަށް ނެރުނު ރިޕޯޓުގައިވެ އެވެ.
ދައުލަތުގެ މާލީ ނިޒާމް ބައްޓަންކޮށްފައި އޮންނަނީ އެކަކުގެ އަތަށް ކޮންޓްރޯލް ދޫކޮށްލާ ގޮތަކަށް ނޫނެވެ. މާލިއްޔަތު ގާނޫނާއި ގަވާއިދުގައި ހުރި އެ ކަންކަމަށް ރިއާޔާތްކޮށް، ކޮވިޑް-19ގެ މި ހާލަތުގައި ވެސް އެކި މުއައްސަސާތަކުގެ ބައިވެރިވުމާ އެކު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމްކުރީ ކުރިމަތިވާ ޕްރެޝަރުތައް މެނޭޖް ނުކުރެވިދާނެތީ އެވެ.
ބޮޑު އޮޕަރޭޝަނެއްގެ ގޮތުގައި ހިންގާފައި އޮއްވައި އޮޑިޓުން މައްސަލަތަކެއް ފާހަގަކުރުމުން "ހާލަތު"ގެ ގޮތުންނޭ ބުނެ ދިފާއުވެވޭވަރަށް ވުރެން ބޮޑެތި އިހުމާލުތަކެއް އޮޑިޓް ރިޕޯޓްތަކުގައި އެހެރީ ފެންނާށެވެ.
"އިންޓާނަލް ކޮންޓްރޯލް ނިޒާމެއް ގާއިމްނުކޮށް ސީދާ އަދި ފްރޯޑެއް ނުހެދިޔަސް ސަޕްލަޔަރުން އޭގެ އެޑްވާންޓޭޖް މި ނަގަނީ. ހިނގާފައި ހުރި ކަންކަމުން މިސާލެއް ނަގަންޏާ، ކެއުންބުއިމުގެ ހިދުމަތް ދޭ ތަނުން ބޭނުން ވަރަކަށް ކައްކާފައި މި ބިލްކުރަނީ. ދެން އޯޑަރެއް ނެތީމަ، ބިލް އައިވަރަކަށް ފައިސާދިން ކަން އޮޑިޓުގައި އޮތީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
"ހާލަތުގެ އަންޑިއު އެޑްވާންޓޭޖަސް ސަޕްލަޔަރުންނާއި މީހުން ނަގަނީ ދައުލަތުގެ ކޮންޓްރޯލްސްތައް ބަލިކަށިވީމަ. އެއީ އަސްލު މީގައި އިހުމާލަކީ، މިއީ އެންމެ ބޮޑު މައްސަލަ. ކޮރަޕްޝަނާއި ފްރޯޑާއި ކޮރަޕްޝަނަކީ މާ ފަހުގެ ކަމެއް، ފުރަތަމަ ކަމަކީ އިހުމާލު. އެ އިހުމާލުވާ މީހަކު މަގާމުގައި ބަހައްޓާކަށް ނުޖެހެއޭ."
ކުރިއާ ޚިލާފަށް މި ސަރުކާރުން އޮޑިޓް އޮފީހަކަށް ނުފޫޒެއް ނުފޯރުވަ އެވެ. މިނިވަންކަމާ އެކު އޮޑިޓް އޮފީހުގެ މަސައްކަތްކަތް ކުރެވޭނެ މާހައުލެއް އޮތް ކަން އެ އޮފީހުން ކަށަވަރުކޮށްދެ އެވެ. އެކަމަކު އެ ޖާގަ ދިނުމަށް ފަހު، އޮޑިޓް ރިޕޯޓެއް ނެރޭ ފަހަރަކު އޮޑިޓް އޮފީސް ގޯސްކުރުމަކީ ނުވަތަ އޮޑިޓް ރިޕޯޓް ރައްދުވާ އޮފީހަކުން ކޮންމެ ފަހަރަކު ނުކުމެ އޮޑިޓް އޮފީހަށް ހަމަލާތައް ފޮނުވާލުމަކީ ވެސް ނިޒާމް ރޭވިފައި އޮންނަ ގޮތެއް ނޫނެވެ.
އެ އޮފީހެއްގެ ޚަރަދުތައް ގާނޫނާއި ގަވާއިދަށް ފެތޭތޯ ބަލަން އޮޑިޓް ކުރަނީ ހާމަކޮށްފައި އޮންނަ އުސޫލްތަކެއްގެ މައްޗަށެވެ. އެގޮތަށް ނެރޭ، އޮޑިޓަކާ މެދު ޝައްކު އުފެދިއްޖެ ނަމަ ނުވަތަ އެވިޑެންސް ނެތް ކަމަށް ނުވަތަ ދައުލަތަށް ގެއްލުންވާ ގޮތަށް އެ އޮޑިޓެއްގައި އަމަލުކޮށްފައި އޮތް ކަމަށް ގަބޫލުކުރެވޭނެ ނަމަ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެ އޮފީސް ޒިންމާދާރުކުރެވެން އެބަ އޮތެވެ. އެކަމަކު މިހާރު ފެންނަނީ އެއް މުއައްސަސާ އިން އަނެއް މުއައްސަސާގެ އެކައުންޓިބިލިޓީއާ މެދު ސުވާލު އުފައްދާ ތަނެވެ.
ރައްޔިތުންގެ މަޖިލީހުން ބޭނުންވެގެން މެލޭޝިއާގެ އެކްސްޕާޓެއް މެދުވެރިކޮށް މި ފަހުން، އޮޑިޓް އޮފީހުގެ ޕާފޯމަންސް އޮޑިޓެއް އެ އޮތީ ކޮށްފަ އެވެ. ލިބުނު މާކްސް އިން ފެންނަން އޮތީ އެއީ، އިންޓަނޭޝަނަލް ފެންވަރުގެ މުއައްސަސާއެއްގެ ގޮތުގަ އެވެ. އެހެންކަމުން، މިނިވަންކަމާ އެކު އެތަނުގެ އޮޑިޓަރުން ނެރޭ ރިޕޯޓްތަކަކީ ހާލަތަށް ނުބަލައި ނުވަތަ އެ މުއައްސަސާއެއް ހިންގަން ހުންނަ މީހާއަށް ބަލައި ނެރޭ ރިޕޯޓްތަކެއް ކަމަށް ބުނެ ނިޒާމުގެ ބޭރުން އޮޑިޓް ރައްދުވާ މިނިސްޓްރީއަކުން ފާޑުކިޔަން ވެއްޖެ ނަމަ އޮޑިޓެއްގެ ބޭނުމެއް ނެތެވެ.
އެއާއެކު، ހުރިހާ ފަހަރަކު އެ ހާލަތަކީ އޮޑިޓް ކުރަން ނުޖެހޭ ހާލަތަކަށް ވެއްޖެ ނަމަ، ނުވަތަ ހާލަތަށް ރިއާޔަތް ކުރަން ޖެހޭ ފަހަރަކަށް ވެއްޖެ ނަމަ އޮޑިޓް އޮފީހުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ
9 މިލިއަނަށް ވީ ގޮތް ލިޔެކިޔުމުން އެނގޭނެ:އެންޑީއެމް
އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
96 މިލިއަން ދޫކުރީ ރަނގަޅަށް ކަމެއް ކަށަވަރެއް ނޫން
ހަކުރު ކިލޯއެއް ގަތީ ތިން ގުނަ ބޮޑުކޮށް 16ރ.އަށް