Roadha Mihaaru
އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ

އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ

16 ސެޕްޓެމްބަރ 2020

ކޮވިޑް-19އާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތައް ބެލުމަށް އޮޑިޓް އޮފީހުން އޮޑިޓް ހަދާފައި ވަނީ ރަނގަޅަށް ނުބަލާ ކަމަށާއި، އޭގައި ބައެއް މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށް ބުނެ އެންޑީއެމްއޭއިން އޮޑިޓް ރިޕޯޓު ދޮގުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19އާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތައް ބެލުމަށް އޮޑިޓް އޮފީހުން އޮޑިޓް ހަދާފައި ވަނީ ރަނގަޅަށް ނުބަލާ ކަމަށާއި، އޭގައި ބައެއް މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށް ބުނެ އެންޑީއެމްއޭއިން އޮޑިޓް ރިޕޯޓު ދޮގުކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން އެންޑީއެމްއޭއިން ކޮށްފައިވާ ހަރަދުތައް ބެލުމަށް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ވަނީ އެ އޮތޯރިޓީން ކުރި މަސައްކަތްތަކުން ހަ މައްސަލައެއް ފާހަގަކޮށް ތަފްސީލްކޮށްފަ އެވެ. އޭގެ ތެރޭގައި ލިޔެކިޔުމުން އެނގެން ނެތް ފައިސާގެ އަދަދުތަކަކާއި، މި ނޫން ވެސް ގިނަ އަދި ބޮޑު ހަރަދުތަކެއް ހިނގާފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން

- އެކޮމަޑޭޝަން ހަމަޖެއްސުމުގެ މައްސަލަތައް

- ފެސިލިޓީތަކަށް ކެއިން ބުއިން ފޯރުކޮށްދިނުމުގެ މައްސަލަތައް

- ހިލޭ އެހީގައި ލިބުނު ތަކެތީގެ ސްޓޮކް ރިކޯޑެއް ނެތުން

- އަމިއްލަ މީހެއްގެ ބިމެއްގައި މެޑިކަލް ފެސިލިޓީ އިމާރާތްކުރުން

- އޯޑަރުކުރި ތަކެތި ލިބުނުކަން ކަށަވަރު ނުކޮށް ލިސްޓުކުރުން

- ގަވާއިދާ އެއްގޮތަށް ހަރުމުދަލުގެ ރިކޯޑުތައް ބަލަހައްޓާފައި ނެތުން

މިކަމާ ގުޅިގެން އެންޑީއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީން ވަނީ ރިޕޯޓުގައިވާ ގިނަ ކަންކަން ދޮގުކޮށްފަ އެވެ. ހިސާން ވިދާޅުވީ އޮޑިޓް ރިޕޯޓް ނެރެފައި ވަނީ ބައެއް މައުލޫމާތު ނުލާ ކަމަށާއި، އެފަދަ ގޮތަކަށް ރިޕޯޓް އޮތީތީ ހިތާމަކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޮޑިޓް ފެށުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ މަސައްކަތް ހުރި ގޮތް ބަލާލުމަށް އޮޑިޓް އޮފީހަށް ލިޔެކިޔުމުން ދައުވަތު ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެ އޮފީހުން ދައުވަތު ބަލައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓު މިފަހަރު ނެރެވިފައި މިއޮތީ އެންމެ ފުރިހަމަކޮށް، ބަލަންޖެހޭ ކަންކަން ރަނގަޅަށް ބެލުމަށް ފަހުއެއް ނޫން،" ހިސާން ވިދާޅުވި އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ހަ މައްސަލައަށް ވެސް އިޝާރާތްކުރައްވައި އެއިން ކޮންމެ ކަމެއްގެ ތަފްސީލް ދެއްވަމުން ހިސާން ވިދާޅުވީ އެ ހުރިހާ ކަމެއްގެ ފުރިހަމަ މައުލޫމާތާއި ލިޔެކިޔުންތައް އޮޑިޓް ކުރިއަށް ދަނިކޮށް އެ އޮފީހާ ހަވާލުކޮށްފައި ވާނެ ކަމަށެވެ.

ނަމަވެސް އޮޑިޓް އޮފީހުން ނެރެފައިވާ މި ރިޕޯޓަކީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކާއި ލިޔެކިޔުންތަކަށް ބިނާކޮށް ނެރެފައިވާ ރިޕޯޓެއްކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.