Roadha Mihaaru
ޑްރަގްގެ ތުހުމަތުގައި ބައެއް ތަރިންނާ ސުވާލުކުރަނީ

ބޮލީވުޑްގެ މަޝްހޫރު ތަރިންނާ ޑްރަގްގެ ތުހުމަތަށް ސުވާލުކުރަނީ

22 ސެޕްޓެމްބަރ 2020

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބަތަލާ ރިއާ ޗަކްރަތަބީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ދިން ބަޔާންތަކުގައި، ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެ ޓްރެފިކްކުރާ ކަމަށް ބުނެ އެތައް ފަންނާނުންނެއްގެ ނަން ހިމަނާފައިވާތީ އެކަމާ ބެހޭ ގޮތުން ތަރިންނާ ސުވާލުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބަތަލާ ރިއާ ޗަކްރަތަބީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ދިން ބަޔާންތަކުގައި، ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެ ޓްރެފިކްކުރާ ކަމަށް ބުނެ އެތައް ފަންނާނުންނެއްގެ ނަން ހިމަނާފައިވާތީ އެކަމާ ބެހޭ ގޮތުން ތަރިންނާ ސުވާލުކުރަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ރިއާ އެންސީބީ އަށް ދިން ބަޔާންތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނެ ދިން ލިސްޓްގައި 25 ވަރަކަށް ތަރިން ހިމެނޭ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މީޑިއާތަކަށް ތިލަވި ނަންތަކަކީ ޒުވާން ބަތަލާއިން ކަމަށްވާ ސާރާ އަލީ ޚާނާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ފިލްމު ސުޝާންތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ޑައިރެކްޓަރު މުކޭޝް ޗަރްބަރާ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން އެންސީބީން މިހާރު އަންނަނީ ރިއާ ދިން ލިސްޓްގައި ހިމެނޭ ތަރިންނާ ސުވާލުކޮށް އެ މީހުންގެ ބަޔާންތައް ނަގަން ތައްޔާރުވަމުންނެވެ. އެގޮތުން މެރުއާނާ ބޭނުންކުރާ ކަމަށް ބުނެ ރިއާ އެންސީބީ އަށް ދިން ލިސްޓްގެ ތެރެއިން މި ހަފުތާގެ ތެރޭގައި ސާރާ އާއި ޝްރަދާ ކަޕޫރާ ސުވާލުކުރަން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ. އަދި ރަކުލް އާއި ބަތަލާ ދީޕިކާ ޕަދްކޯންއާ ވެސް ސުވާލުކުރާނެ ކަމަށް ބުންޏެވެ.

ދީޕިކާ އާއި ރަންވީރާއި ރަންބީރް.

ދީޕިކާ އާއި ރަންވީރާއި ރަންބީރް.

މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައި ދީޕިކާއާ ސުވާލުކުރާނެ ކަމަށް ބުނެފައި މި ވަނީ މިދިޔަ އަހަރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ގޭގައި ބޭއްވި ޕާޓީއެއްގައި ބައިވެރިވި ފަންނާނުންތަކެއް "ސިކްވެފައި" ތިބޭ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ވެސް އަލުން ބަލަން ނިންމާފައި ވަނިކޮށެވެ. އެ ވީޑިއޯ އެންމެ ފުރަތަމަ ފެންނަ އެކަކީ ދީޕިކާ އެވެ.

ސުޝާންތުގެ މަރާ ބޮލީވުޑްގައި މިހާރު މަސްތުވާތަކެތީގެ އަޑު ވަރަށް ބޮޑަށް ގަދެވެ، އެތައް ބަޔަކާ ދިމާއަށް އިނގިލި ދިއްކުރެވެން ފަށައިފަ އެވެ. އެގޮތުން ދާދި ފަހުން ކަންގަނާ ރަނާވަތު ވަނީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް އާއި ރަންބީރް ކަޕޫރާއި ވިކީ ކޯޝަލް އަދި ރިތިކް ރޯޝަން ފަދަ ތަރިންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމަށް ތުހުމަތުކޮށްފަ އެވެ. ބޮލީވުޑާއި ޑްރަގާ ގުޅުވައިގެން ކަންގަނާ ތަކުރާރުކޮށް ބޮޑެތި ތުހުމަތުތައް ކުރަމުންދާ އިރު، އިނގިލި ދިއްކުރެވޭ ފަންނާނުންގެ އަދަދު ވެސް ވަނީ އިތުރުވަމުންނެވެ.

އަދި ބޮލީވުޑަށް އެފަދަ ތުހުމަތުތަކެއް ކުރާތީ އިންޑަސްޓްރީގެ ދުވަސްވީ ބައެއް މީހުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ޖާޔާ ބައްޗަނާއި ހެމާ މާލިނީ ފަދަ ތަރިން ހިމެނެ އެވެ. އަދި މިކަމާ ގުޅިގެން އެންސީބީއާ ހަވާލާދީ މި މަހުގެ ކުރީކޮޅު އިންޑިއާގެ ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބޮލީވުޑާއި ޑްރާގާ ސީދާ އެއްވެސް ގުޅުމެއް އޮތް ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކުރާނެ ކަމަށް ބުންޏެވެ.