Roadha Mihaaru
ސްކޫލް ކުދިން މެރި މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

ސީރިއާގެ ސްކޫލް ކުދިން މެރި މައްސަލަ ތަހުގީގު ކުރަން ބާންކީ މޫން ގޮވާލައްވައިފި

28 އޮކްޓޯބަރ 2016

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 28) - ސީރިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އުތުރުގެ އިދްލީބް ޕްރޮވިންސްގެ ސްކޫލަކަށް ހަމަލާދީ ގިނަ އަދަދެއްގެ ކިޔަވާ ކުދިން މެރި މައްސަލަ ތަހުގީގު ކުރުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ގޮވާލައްވައިފި އެވެ

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 28) - ސީރިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އުތުރުގެ އިދްލީބް ޕްރޮވިންސްގެ ސްކޫލަކަށް ހަމަލާދީ ގިނަ އަދަދެއްގެ ކިޔަވާ ކުދިން މެރި މައްސަލަ ތަހުގީގު ކުރުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ގޮވާލައްވައިފި އެވެ

"މިއީ ގަސްދުގައި ދިން ހަމަލާއެއް ނަމަ އެއީ ހަނގުރާމައިގެ ޖަރީމާގެ ދަރަޖައާ އެއްވަރުގެ އަމަލެއް،" ބާން ކީ މޫން ވިދާޅުވި އެވެ.

އިދްލީބުގެ ހާސް އަވަށަށް ވައިގެ ހަމަލާދީފައި ވަނީ ސީރިއާ ނުވަތަ ރަޝިޔާ އިން ނޫން ކަމަށް މޮސްކޯ އިން ވަނީ ބުނެފަ އެވެ. ސީރިއާގެ މީޑިއާތަކުން ބުނެފައި ވަނީ ސްކޫލަށް ހަމަލާ އަރާފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ފަރާތުން ކަމަށެވެ.

ޔުނިސެފުން ބުނެފައި ވަނީ މި މަހު 11 ވަނަ ދުވަހުން ފެށިގެން ސީރިއާގެ ފަސް ސްކޫލަކަށް ހަމަލާދީފައިވާ ކަމަށެވެ. އެންމެ ފަހުން އިދްލީބަށް ދިން ހަމަލާގައި ވަނީ 35 މީހުން މަރުވެފަ އެވެ. މީގެ ތެރޭން ގިނައީ ކިޔަވާ ކުދިންނެވެ.

ސީރިއާގެ ސްކޫލަކަށް ދިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވަނީ މަރުވެފައި.

ސީރިއާގެ ސްކޫލަކަށް ދިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވަނީ މަރުވެފައި.

އިދްލީބުގެ ސްކޫލަށް ދިން ހަމަލާ ވަނީ ޔުނިސެފްގެ ޑިރެކްޓާ އެންތަނީ ލޭކް ވެސް ކުށްވެރި ކުރައްވައިފަ އެވެ. އަދި މިއީ މީގެ ފަސް އަހަރު ކުރިން ސީރިއާގެ ހަނގުރާމަ ފެށި ފަހުން ސްކޫލަކަށް ދިން އެންމެ ނުރައްކާ ހަމަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ވައިގެ ހަމަލާތައް ދިނުމުގައި ބައިވެރިވެފައި ވަނީ ރަޝިޔާ ނުވަތަ ސީރިއާގެ ބޯޓުތަކުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ވައިގެ ހަ ހަމަލާގައި 22 ކުދިންނާއި ހަ ޓީޗަރުން މަރުވި ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.

ސީރިއާގެ އިދްލީބުގެ ކޮންޓްރޯލް އޮތީ އާމީ އޮފް ކޮންކުއެސްޓް ނުވަތަ ޖައިޝް އަލް ފަތުހު ކިޔާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ގުޅިގެން އުފައްދާފައި އެލަޔަންސެއްގެ ބާރުގެ ދަށުގަ އެވެ. މީގެ ތެރޭގައި ކުރީގެ ނުސްރާ ފްރަންޓް ނުވަތަ މިހާރުގެ ފަތަހަ ޝާމު ހިމެނެ އެވެ. އަދި އިދްލީބަކީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް މަދު ތަންތަނުގެ ތެރޭން އެއް ތަނެވެ.

އެހީދޭ ޖަމާއަތެއް ކަމަށްވާ ސީރިއަން ސިވިލް ޑިފެންސް ނުވަތަ ވައިޓް ހެލްމެޓްސް އިން ބުނީ ހަމަލާ ދިން ކޮމްޕްލެކްސްގައި ތިން ސްކޫލް ހިމެނޭ ކަމަށެވެ. ހަމަލާ ދިން އިރު ސްކޫލް ކުދިންތައް ތިބީ ސްކޫލުން ނުކުންނަށް ތައްޔާރުވެފައި ކަމަށް ބުންޏެވެ. އެއީ އެ ޕްރޮވިންސްގެ އެހެން ތަންތަނަށް ދޭ ވައިގެ ހަމަލާތަކާ ގުޅިގެން އެ ދުވަހު އެ ސްކޫލް ކުދިން ކުރިން ގެއަށް ފޮނުވާލުމަށްޓަކަ އެވެ.