Roadha Mihaaru
ލަވަކިޔުންތެރިޔާ ބާލަސުބްރަމާނިއަމް މަރުވެއްޖެ

އިންޑިއާގެ ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުބްރަމާނިއަމް މަރުވެއްޖެ

25 ސެޕްޓެމްބަރ 2020

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުމްބަރާމިއަމް މިއަދު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުމްބަރާމިއަމް މިއަދު މަރުވެއްޖެ އެވެ.

އެތައް ފިލްމަކަށް ރީތި އެތައް ލަވަތަކެއް ކިޔައިދީފައިވާ 74 އަހަރުގެ ލަވަކިޔުންތެރިޔާ މިއަދުގެ މެންދުރުގެ ވަގުތެއްގައި މަރުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ޗެންނައިގެ އެމްޖީއެމް ހެލްތުކެއާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. ނަމަވެސް ބާލަސުބްރާމަނިއާގެ މަރުވީ ކޮވިޑްގައެއް ނޫނެވެ.

އޭނާ ބަލިން ރަނގަޅުވިކަން އާއިލާ އިން ބުނީ މި މަހުގެ 7 ވަނަ ދުވަހު އެވެ. ނަމަވެސް އެޑްމިޓްކުރި ފަހުން އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މިއަދާ ހަމައަށް ބާލަސުބްރަމާނިއަމަށް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގަ އެވެ.

އޭނާގެ މަރުގެ ޚަބަރާ އެކު އިންޑިއާގެ މިއުޒިކާއި ފިލްމީ އިންޑަސްޓްރީގެ ފަންނާނުން އަންނަނީ ހިތާމަފާޅުކޮށް، އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

ބާލަސުމްރަމާނިއަމް އަކީ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީ އަށް ކޮށް ދީފައިވާ ހިދުމަތްތަކާ ގުޅިގެން ސަރުކާރުން ދޭ މަތީ ދެ ޝަރަފެއް ވެސް ލިބިފައިވާ ފަންނާނެކެވެ. އެގޮތުން 40،000 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައިވާ ފަންނާނަށް ޕަދުމާބުޝަން އެވޯޑް ލިބުނީ 2011 ގަ އެވެ. އަދި ޕަދުމާޝްރީ އެވޯޑް ލިބުނީ 2001 ގަ އެވެ.

ހިންދީ ބަހުގެ އިތުރުން ބާލަސުބްރަމާނިއަމް އަކީ އިންޑިއާގެ އެތައް ބަހުރުވައަކުން ލަވަތައް ކިޔާފައިވާ ފަންނާނެކެވެ. އަދި އެކި ބަހުރުވަތަކުން ލަވަ ކިޔައިގެން ފަސް ފަހަރަށް ނެޝަނަލް އެވޯޑް ހޯދުމުގެ އިތުރަށް ވެސް 60 އަހަރުގެ ކެރިއަރުގައި އެތައް އެވޯޑެއް ހޯދާފައިވެ އެވެ.

ބާލަސުބްރަމާނިއަމް ލަވަ ކިޔައިދިން ފާހަގަކޮށްލެވޭ ބައެއް ހިންދީ ފިލްމުތަކުގެ ތެރޭގައި "އޭކްް ދޫޖޭ ކޭ ލިޔޭ" އާއި "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ގެ އިތުރުން "ސާޖަން" ހިމެނެ އެވެ.