Roadha Mihaaru
ވިޖަޔަންތިމާލާ: ދިލިޕްގެ އުފާވެރި ހަނދާންތަކާ އެކު

ވިޖަޔަންތިމާލާ: ދިލިޕްގެ އުފާވެރި ހަނދާންތަކާ އެކު

12 ޖުލައި 2021

އެކީގައި މަސައްކަތްކުރި އެކްޓަރެއްގެ ގޮތުގައި މިދިޔަ ހަފުތާފައި މަރުވި ދިލިޕް ކުމާރަކީ އަބަދުވެސް ވަރަށް ހާއްސަ މީހެއް ކަމަށާއި ބެލުންތެރިންނަށް އެންމެ ކަމުދިޔަ ސްކްރީން ޖޯޑަކީ ވެސް އެ ދެ މީހުންގެ ޖޯޑު ކަމަށް ކުރީގެ ބަތަލާ ވިޖަޔަންތިމާލާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކީގައި މަސައްކަތްކުރި އެކްޓަރެއްގެ ގޮތުގައި މިދިޔަ ހަފުތާފައި މަރުވި ދިލިޕް ކުމާރަކީ އަބަދުވެސް ވަރަށް ހާއްސަ މީހެއް ކަމަށާއި ބެލުންތެރިންނަށް އެންމެ ކަމުދިޔަ ސްކްރީން ޖޯޑަކީ ވެސް އެ ދެ މީހުންގެ ޖޯޑު ކަމަށް ކުރީގެ ބަތަލާ ވިޖަޔަންތިމާލާ ބުނެފި އެވެ.

ވަރަށް މަދުން ނޫނީ މީޑިއާތަކަށް އިންޓަވިއު ވެސް ނުދޭ 84 އަހަރުގެ ބަތަލާ ބޮލީވުޑް ހަންގާމާ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ ކެރިއަރުގައި ކުޅުނު އެންމެ ކާމިޔާބު ފިލްމުތައް ވެސް ކުޅުނީ ދިލިޕާ އެކީގައި ކަމަށެވެ.

ދެ ދަރިންނާ އެކީ ޗެންނާއީގައި ދިރިއުޅޭ ވިޖަޔަންތިމާލާ އާއި ދިލިޕް އެކީގައި ހަތް ފިލްމެއް ކުޅުނެވެ. އޭގެ ތެރޭގައި އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ "ދޭވްދާސް" އެވެ. އޭގެ ފަހުން "ގަންގާ ޖަމްނާ" އަދި "ނަޔާ ދޯރު" ފަދަ ފިލްމުތައް ހިމެނެ އެވެ.

"ދޭވްދާސް ވެގެން ދިޔައީ އަހަރެމެންގެ ދެ ކެމިސްޓްރީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމަކަށް. އޭގެ ފަހުން އެކީގައި ފިލްމުތައް ކުޅެން ފުރުސަތު ލިބެން ފެށީ. މިހާރު ވެސް ވަރަށް އުފާވޭ އަހަރެމެންގެ ސްކްރީން ޖޯޑު ވަރަށް ކަމުދާ ކަމަށް މީހުން ބުނާތީ،" ވިކަޔަންތިމާލާ ބުންޏެވެ. "އަނެއްކާ ދިޕިލްގެ އަންހެނުން ސާއިރާ ބާނޫ އަބަދު ވެސް އަހަރެން ކައިރީ ބުނާނެ ތި ދެ މީހުންގެ އޮން ސްކްރީނުން ކެމިސްޓްރީ ވަރަށް ޗާލޭ. ޖާދޫއެކޭ ގެނެސްދެނީ. އެއީ އަބަދު ވެސް ވަރަށް ހަނދާނުގައި ހުންނަ ކޮމްޕްލިމެންޓެއް."

އޭނާ ބުނި ގޮތުގައި ބީއާރް ޗޯޕްޅާގެ "ނަޔާ ދޯރު" ގައި ދިލިޕާ އެކު މަސައްކަތްކުރަން ލިބުނީ ކުރިން އެ ފިލްމު ކުޅެން ލބުނު ބަތަލާ މަދޫބާލާ ފިލްމު ދޫކޮށްލުމުންނެވެ. މަދޫބާލާ އަކީ ދިލިޕް ލޯބީގެ ސީރިއަސް ގުޅުމެއް ވެސް ބޭއްވި ބަތަލާއެކެވެ.

"މަދޫބާލާ ފިލްމު ދޫކޮށްލި ސަބަބެއް ނޭނގޭ. އެކަމަކު އަހަރެން ވަރަށް އުފާވި އެ ފިލްމުން ފުރުސަތު ލިބުނީމަ. ކުޅެން ލިބުނު ކެރެކްޓާ އަހަންނަށް ވަރަށް ކަމުދިޔަ." ކުރީގެ އެންމެ މަޝްހޫރު އެކްޓަރުންނާ އެކު ރީތި ފިލްމުތަކެއް ކުޅުނު ވިޖަޔަންތިމާލާ ބުންޏެވެ.

އޭނާ ބުނީ މާދަރީ ބަހަކީ ތަމަޅަ ބަސް ކަމަށްވެފައި ހިންދީ ފިލްމުތައް ކުޅެން ޖެހުމަކީ ކެރިއަރުގެ ކުރީކޮޅުގައި ވަރަށް އުނދަގޫވި ކަމެއް ކަމަށެވެ، އެކަމަކު އުނދަގޫތައް ފިލުވައިދޭން އެންމެ ބޮޑަށް މަސައްކަތްކޮށް ދިން މީހަކީ ވެސް ދިލިޕް ކަމަށް ބުންޏެވެ.

"ޑައިލޮތްތައް ޓޭޕަކަށް ރެކޯޑްކޮށްފައި އަހަންނަށް ފޮނުވާފައި ބުނާނެ ފަރިތަކުރާށޭ. އަނެއްކާ ސީންއަކަށް ތައްޔާރުވާ އިރު އަބަދު ވެސް ދިލިޕްގެ އެހީ ވަރަށް ބޮޑަށް ލިބޭނެ. ވަރަށް ބޮޑަށް ކިޔައިދޭނެ ސީންތަކަށް އެޕްރޯޗްކުރާނެ ގޮތް. އެހެންވީމައާ އެކު އަހަންނަށް ވަރަށް ފަސޭހަ އޭނައާ އެކީ މަސައްކަތްކުރަން،" ވިޖަޔަންތިމާލާ ބުންޏެވެ. "އަހަންނަށް ޔަގީން ދިލިކާ އެކީ މަސައްކަތްކުރި ކޮންމެ މީހަކު އަހަރެންގެ މި ވާހަކަ އަށް އެއްބަސްވާނެ. ހަގީގަތުގައި ވެސް އޭނަ އަކީ އެކްޓަރެއްގެ ގޮތުގައި އާދައިގެ މީހެއް ނޫން. އެކަމުގެ ތެރޭގައި އޭނަ އުޅުނީ ވަރަށް ރަނގަޅަށް ފިލްމީ ކަންކަން އެނގިގެން."

އޭނާ ބުނީ ދިލިޕާ އެކު ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކަމުދާ ފިލްމަކީ "ގަންގާ ޖަމްނާ" ކަމަށެވެ. އެ ފިލްމަކީ ދިލިޕް ޑަބަލް ރޯލެއް ވެސް ކުޅުނު ފިލްމެކެވެ.

"އެއީ ވަރަށް ވަރަށް ހާއްސަ ފިލްމެއް. އަދި އަހަރެންގެ އަބަދު ވެސް ފެވަރިޓް. އެ ފިލްމަކީ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ޗެލެންޖިން ފިލްމު ވެސް މެ،" ވިޖަންޔަންތިމާލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދިލިޕް ވަކިވެ ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އަދި އެންމެ ހިތްދަތިވާ ކަމަކީ ދިޕިލާ ނުލައި ހުވަފަތް އަންހެނުން ސާއިރާ އުޅޭނެ ހާލަކާ މެދު ކަމަށް ބުންޏެވެ.

"އެއީ ދިލިޕަށްޓަކައި ގުރުބާންވި އަންބެއް. މީހަކަށް މަދުން ނޫނީ ސާއިރާ ކަހަލަ އަންބަކު ނުލިބޭނެ،" ވިޖަޔަންތިމާލާ ބުންޏެވެ. "ސާއިރާ އަކީ އަބަދު ވެސް އަހަންނާ ވަރަށް ގާތްް ގުޅުމެއް ބާއްވާ މީހެއް. އަހަރެން މުމްބާއީ އަށް ދާކަން އެނގިއްޖެ ނަމަ އެ ފުރަމަތަށް ވެސް އެ ގެއަށް ދާން މަޖުބޫރުވާނެ. އަބަދު ވެސް އަހަރެން ބަލައިފޮނުވާނެ. އަދި އެންމެ ހަނދާން ހުންނަނީ ކުރިން އަހަރެން ބަލައި ކާރު ފޮނުވާ އިރު، ގެންގުޅޭ ބުޅާ ވެސް ފޮނުވާނެ ކާރަށް ލާލައި."

ދިލިޕްގެ ހަނދާންތައް އާކުރަމުން އޭނާ ބުނީ އެފަދަ ވަރުގަދަ ޝަހުސިއްޔަތަކާ އެކު މަސައްކަތްކުރަން ލިބުމަކީ ފަހުރެއް އަދި ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެހެންވެ އެ ހަނދާންތަކާއި އެ ތަޖުރުބާތައް އަބަދު ވެސް ތާޒާކަންމަތީ ހުންނާނެ ކަމަށް ބުންޏެވެ.

ދިލިޕާއި ވިޖަޔަންތިމާލާ އެކީގައި ކުޅުނު ފިލްމުތަކަކީ ދޭވްދާސް (1955) އާއި ނަޔާ ދޯރު (1957) އާއި ގަންގާ ޖަމްނާ (1961) ގެ އިތުރުން މަދޫމަތީ (1958)، ޕައިގަމް (1959) ލީޑާ (1964) އަދި ސަންގަޝް (1968) އެވެ.