Roadha Mihaaru
ކަމާލުއްދީނާއި ޑރ.ސައްތާރުގެ ކަންބޮޑުވުންތައް ރައީސަށް

އަބްދުﷲ ކަމާލުއްދީނާއި ޑރ. ސައްތާރު މުހިއްމު ފަސް ކަމެއްގައި ރައީސް އަރިހަށް

30 ސެޕްޓެމްބަރ 2020

ކޮވިޑް-19ގެ މި ދަނޑިވަޅުގައި، ގައުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭ މުހިއްމު ފަސް ކަންބޮޑުވުމަކާ އެކު ރާއްޖޭގެ ޚިދުމަތުގައި ވަރަށް ސީނިއަ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީނާއި ހެލްތުގެ ތަޖުރިބާކާރު ޑރ. އަބްދުއްސައްތާރު ޔޫސުފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ މި ދަނޑިވަޅުގައި، ގައުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭ މުހިއްމު ފަސް ކަންބޮޑުވުމަކާ އެކު ރާއްޖޭގެ ޚިދުމަތުގައި ވަރަށް ސީނިއަ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީނާއި ހެލްތުގެ ތަޖުރިބާކާރު ޑރ. އަބްދުއްސައްތާރު ޔޫސުފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން "މިހާރު"އަށް މިއަދު ވިދާޅުވީ މީގެ ދެ ހަފުތާ ކުރިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ފަސް ކަމެއް ރައީސަށް ހުށަހެޅުއްވި ކަމަށެވެ. އެ ކަންތައްތަކަކީ، ގައުމުގެ މިހާރުގެ ހާލަތަށް ބަލައި، ހައްލު ހޯދުމުގައި އެންމެ އިސް އަމާޒު ކަމުގައި ދެކެންޖެހޭ ކަންތައްތަކުގެ ތެރެއިން ކުރު ބައްދަލުވުމެއްގައި ހުށަހެޅުއްވޭނެ ފަސް ކަންބޮޑުވުމެއް ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.

ރައީސަށް ހުށަހެޅުއްވި ކަންކަން:

- ގައުމުގެ އެއްބައިވަންތަކަން ގެއްލުނަ ނުދޭން ފިޔަވަޅުތަކެއް އެޅުއްވުން.

- ދަތި މި ދުވަސްވަރު ޚަރަދުތައް މެނޭޖްކުރައްވާއިރު އެންމެ ނިކަމެތި ކަމުގައި ތިބި އިތުރު ބަޔަކަށް އެހީ ލިބޭނެ ގޮތެއް ހައްދަވައި ދެއްވުން.

- ވަޒީފާގެ ބާޒާރަށް ދިރުމެއް ގެނެސްދެއްވުން.

- އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުން.

- ލާމަރުކަޒީ ނިޒާމް ހަރުދަނާ ގޮތެއްގައި ހިންގުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެބިނެޓު ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެބިނެޓު ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

އަބްދުﷲ ކަމާލުއްދީން ވިދާޅުވި ގޮތުގައި، ކޮވިޑުގެ ހާލަތާ އެކު ގިނަ ބައެއްގެ ވަޒީފާ ގެއްލެމުންދާއިރު، މިހާތަނަށް ވެސް ގާތްގަނޑަކަށް 40،000 މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިވަޑައިގެންފަ އެވެ. އިގްތިސާދު ކޮޅަށް ޖެހުމުގެ ޕްލޭންތަކުގައި ބައެއް ވަޒީފާތައް ހަމަޖެހެމުން ދިޔައަސް ގިނަ ބައެއްގެ ވަޒީފާތަކަށް ވާނެ ގޮތެއް ނޭނގުމުގެ ކަންބޮޑުވުން އަދިވެސް އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަޒީފާގެ ބާޒާރުގައި އޮތް ނިކަމެތިކަން ހައްލުކޮށްދެއްވައި ދިރުމެއް ގެނެސްދެއްވަން އެދި ރައީސަށް ދެންނެވިން." ކަމާލުއްދީން ވިދާޅުވި އެވެ.

އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތަކުގެ ވާހަކަ ރައީސަށް ދެންނެވީ، އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު އިރުއަރާ އޮއްސޭއިރު ނޫސްތަކުން ފެންނަ ޚަބަރުތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ހައްގެއް ގެއްލިގެން ރިޕޯޓްކޮށްފައި އޮންނަ ތަން ފެނި ކަންބޮޑުވެގެންނެވެ. އެއީ، ގައުމެއްގެ ގޮތުގައި ލަދުގަންނަން ޖެހޭ ވަރުގެ އަމަލުތަކެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ތޮއްޖެހުން ހައްލުކުރުމާ އެކު އަތޮޅުތަކަށް ޚިދުމަތްތައް ބަހާލައި އެކަށީގެންވާ ގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގައިގެން ނޫން ގޮތަކަށް ގައުމު ދާން އުޅޭ ހަރުފަތަކަށް ނުދެވޭނެ ކަމަށް ވެސް ރައީސަށް ދަންނަވާފައިވާ ކަމަށެވެ.

"އެ ނޫން ކަންކަން ވެސް ހުރި، އެކަމަކު މި ވަގުތަށް އެންމެ މުހިއްމު ފަސް ކަމެއްގެ ގޮތުގައި ރައީސަށް ދެންނެވީ މި ވާހަކަތައް،" ކަމާލުއްދީން ވިދާޅުވި އެވެ.

ޑރ. ސައްތާރު ވިދާޅުވި ގޮތުގައި ވަރަށް އަމާން އަދި ވަރަށް ހަލަބޮލި ދުވަސްތަކެއް އެ ބޭފުޅުން ތަޖުރިބާކުރައްވާފައިވާތީއާ އެކު ދެ ބޭފުޅުންނަށް ވެސް ގަބޫލުކުރެއްވުނީ މިހާރު ފެންނަ ކަންކަމުގެ ތެރެއިން ވެސް މާޔޫސްވެ، ކަންބޮޑުވާންޖެހޭ ކަންކަން ރައީސަށް ދެންނެވުން އެއީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވީ އެއްބައިވަންތަކަމަކީ މުހިއްމު އުސޫލަކަށްވާ އިރު، އެ މަގުން އެއްކިބާވާ ކޮންމެ ފަހަރަކު ރައްޔިތުންނާއި ގައުމަށް އޮތީ ގެއްލުން ކަމަށެވެ. އެއްބައިވަންތަކަށް ބުރޫއަރައި އިޖުތިމާއީ ފޭރާން ވީދިގެން ދިއުމަކީ ހުރިހާ މައްސަލައެއްގެ ފެށުން ކަމަށްވާތީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދެންނެވެން އޮތީ މިކަންތައް ކުޑަކުރެއްވޭތޯ ބައްލަވާށޭ. ޑިމޮކްރަސީގައި އެހެން ގައުމުތަކުގައި ވެސް ޕާޓީތައް އޮވޭ. ނަމަވެސް ޑިމޮކްރެސީ އުފެދެނީ ރުޅިވެރިކަމާއި ޖަދަލުކުރުމާއި އަނިޔާކުރުމާއި ތަޅާފޮޅުންތަކަށެއް ނޫން އަޅުގަނޑަށް އެނގޭ ޑިމޮކްރަސީގައި. އެންމެން އެކުވެރިވެ އެއްބައިވަންތަކުރުވަން އޮތް އެއްޗެކޭ ޑިމޮކްރަސީއަކީ،" އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތު ރަނގަޅު ކުރެވެން އޮތީ އުފެއްދުންތެރިކަން އިތުރުކޮށްގެން ކަން ފާހަގަކުރައްވައި ވިދާޅުވީ ޓޫރިޒަމާއި މަސްވެރިކަމަށް އެކަނި ބަރޯސާވެގެން ފުއްދެން ނެތް ކަމަށެވެ. އޭގެ އިތުރުން ކުރެވޭނެ އާ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެކަމުގައި ގޮތްތަކެއް ހޯއްދަވަން އެދިވަޑައިގަތް ކަމަށް ސައްތާރު ވިދާޅުވި އެވެ.

އަބްދުﷲ ކަމާލުއްދީނާއި ޑރ. ސައްތާރު ވިދާޅުވީ އެޕޮއިންޓްމެންޓަކަށް އެދިވަޑައިގަތުމާ އެކު ވަރަށް އަވަހަށް ބައްދަލު ކުރައްވައި ވާހަކަތައް އަޑުއައްސަވައި ރައީސްގެ ފަރާތްޕުޅުން އަޑުއިވިވަޑައިގަތް ކަންކަމުން "ވަރަށް އުފާވެ، ހިތްހަމަޖެހުން" ލިބިވަޑައިގަތް ކަމަށެވެ.

"ވަރަށް ސާދާކޮށް، ވަރަށް ރީއްޗަށް މައްސަލަތަކުގައި ވާހަކަފުޅު ދެއްކެވި. އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ އިޖާބައެއް ދެއްވި،" ކަމާލުއްދީން ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވި ގޮތުގައި އެދިވަޑައިގަތް ވަގުތަށް ވުރެން ގިނައިރު ހޭދަކުރައްވައި ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން ފަދަ ކަންކަމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމާއި އެ ކަންކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"ޓޫރިޒަމް ޑައިވަސިފައިކުރުމާއި ވަޒީފާގެ ބާޒާރަށް ޕްލޭންތަކާއި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރަން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި. އެ ވާހަކަފުޅުން، އުއްމީދު އާވި، ހިތްވަރު ލިބުނު،" ސައްތާރު ވިދާޅުވި އެވެ.

ދެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އުފެދިފައި އޮތީ ރައްޔިތުންގެ ސަރުކާރެއް ކަމުން، ގައުމުގެ ކަންކަން ހައްލުކުރުމުގައި ފަރުދީ ގޮތުން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފަރުދީ ޒިންމާގައި ދެ ބޭފުޅުންގެ ފުރަތަމަ ފިޔަވަޅަކީ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވައި، ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހައްލުތަކަކާ އެކު ރައީސާ މަޝްވަރާ ކުރެއްވުމެވެ.

"ފަރުދީ ޒިންމާގެ ގޮތުން ކުރިއަށް އޮތް ތަނގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިއީ، ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ސަރުކާރަށް ވެސް އެއްބާރުލުންދީގެން މި ދަތިކަމުން އަރައިގަތުމަށް ކުރަން ޖެހޭ ކަންކަން ހުންނާނެ. ނަތީޖާ ނެރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން،" ކަމާލުއްދީން ވިދާޅުވި އެވެ.

"ކުއްލިއަކަށް ނަތީޖާ ނުނެރެވިދާނެ. އެކަމަކު އަޅުގަނޑުމެން އުއްމީދުކުރަން އެދެވޭ ބަދަލެއް ފެންނާނެ ކަމަށް."