Roadha Mihaaru
މިސްކިތް ތަޅާލި މައްސަލާގައި އަދުވާނީ ސަލާމަތްވެއްޖެ

މިސްކިތް ތަޅާލި މައްސަލާގައި ބީޖޭޕީގެ ލީޑަރުން ސަލާމަތްވެއްޖެ

30 ސެޕްޓެމްބަރ 2020

ނިއު ދިއްލީ (ސެޕްޓެމްބަރު 30) - އިންޑިއާގެ އަޔޯދިޔާގައި ހުންނަ 16 ވަނަ ގަރުނުގެ ބާބްރީ މިސްކިތް ތަޅާލި މައްސަލައިގައި ބާރްތިޔާ ޖަނަތާ ޕާޓީ (ބީޖީޕީީ)ގެ އިސް ލީޑަރުންގެ މައްޗަށް ކުރި ދައުވާ އިން އެ މީހުން މިއަދު ސަލާމަތްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ސެޕްޓެމްބަރު 30) - އިންޑިއާގެ އަޔޯދިޔާގައި ހުންނަ 16 ވަނަ ގަރުނުގެ ބާބްރީ މިސްކިތް ތަޅާލި މައްސަލައިގައި ބާރްތިޔާ ޖަނަތާ ޕާޓީ (ބީޖީޕީީ)ގެ އިސް ލީޑަރުންގެ މައްޗަށް ކުރި ދައުވާ އިން އެ މީހުން މިއަދު ސަލާމަތްވެއްޖެ އެވެ.

ބޮޑުވަޒީރުގެ ކުރީގެ ނައިބް އެލްކޭ އަދުވާނީ އާއި ބީޖޭޕީގެ ލީޑަރުން ކަމަށްވާ އެމްއެމް ޖޯޝީ އަދި އުމާ ބާރްތީ ވަނީ އެ މީހުންގެ މައްޗަށް އުފުލި ދައުވާ އަށް އިންކާރުކޮށްފަ އެވެ. މިއަދުގެ ޝަރީއަތަށް ބީޖޭޕީގެ ތިން ލީޑަރުން ކޯޓަށް ހާޒިރެއް ނުވެ އެވެ. އެ މީހުން ޝަރީއަތުގައި ބައިވެރިވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މިސްކިތް ތަޅާލި މައްސަލާގައި 1993 ވަނަ އަހަރު ވަނީ 49 މީހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. އޭގެ ތެރޭން 17 މީހަކު މިހާރު ވަނީ މަރުވެފަ އެވެ.

މިސްކިތް ތަޅާލި ކަމަށް ތުހުމަތު ކުރެވުނު މީހުން އިންޑިއާގެ ޚާއްސަ ކޯޓަކުން މިއަދު ސަލާމަތްވީ އެ މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑުން ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އަބަދުވެސް ބުނަމުން ދަނީ މިސްކިތް ތަޅާލީ ރޭވުމަކުން ކަމަށެވެ. ސީބީއައި އިން ބުނެފައި ވަނީ މިސްކިތް ތަޅާލި ދުވަހު، އެ މިސްކިތާ ކައިރީގައި ހުރި ސްޓޭޖެއްގައި ބީޖޭޕީގެ ލީޑަރުން ވަނީ މިސްކިތް ތަޅާލުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކައިފައި ކަމަށެވެ. އަދި މިސްކިތް ތަޅާލި ދުވަހުގެ ކުރީ ރޭ އަދުވާނީ އާއި ބީޖޭޕީގެ އެހެން ލީޑަރުން ބައްދަލުކޮށްފައިވާ ކަމަށް ވެސް ސީބީއައި އިން ބުނެފައިވެ އެވެ. އަދި އެއީ މިސްކިތް ތަޅާލުމުގެ ޕްލޭން ކުރިއަށް ގެންދިއުމުގެ ރޭވުމުގެ ބައްދަލުވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ބާބްރީ މިސްކިތް ތަޅާލީ އެ މިސްކިތް ހުރި ތަނުގައި ފައްޅިއެއް ހެދުމަށެވެ. ހިންދޫންގެ ގިނަ މީހުން ގަބޫލް ކުރަނީ ބާބްރީ މިސްކިތް ހަދާފައި ވަނީ ލޯޑް ރާމް އުފަންވި ތަނުގައި ކަމަށެވެ. އަދި މޫގަލް އެމްޕަޔާ މިސްކިތް ހެދީ އެ ތަނުގައި ހުރި ފައްޅި ތަޅާލުމަށް ފަހު ކަމަށް ހިންދޫން ބުނެ އެވެ. އެހެންވެ އެ ތަނުގައި ފައްޅިއެއް ހަދަން ހިންދޫން ހިންގި ހަރަކާތުގެ އެންމެ އިސްކޮށް ހުރީ އަދުވާނީ އެވެ.

މިސްކިތް ތަޅާލުމާ ގުޅިގެން ހިންދޫންނާއި މުސްލިމުންނާ ދެމެދު އުފެދުނު ހަމަނުޖެހުންތަކުގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.