Roadha Mihaaru
ހަ އަހަރު ކުރިން ވަކިކުރި މީހަކަށް އަލުން ވަޒީފާ

ހަ އަހަރު ކުރިން އެމްއެންޑީއެފުން ވަކިކުރި މީހަކަށް އަލުން ވަޒީފާ އާއި އެއް އަހަރުގެ މުސާރަ ދޭން ހުކުމްކޮށްފި

01 އޮކްޓޯބަރ 2020

މީގެ ހަ އަހަރު ކުރިން ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް އަލުން ވަޒީފާ އާއި އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ދޭން ސިވިލް ކޯޓުން އިއްޔެ ހުުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ހަ އަހަރު ކުރިން ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް އަލުން ވަޒީފާ އާއި އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ދޭން ސިވިލް ކޯޓުން އިއްޔެ ހުުކުމްކޮށްފި އެވެ.

ލާންސް ކޯޕްރަލް ޝަހުރާބް ރާޝިދު ސިފައިންގެ ވަޒީފާއިން ނޮވެމްބަރު 2013 ގައި ވަކިކުރީ ސިފައިންގެ އެހެން މީހަކު ސަސްޕެންޑް ކުރިކަމުގެ ލިޔުމެއް ސިފައިންގެ ނޯޓިސް ބޯޑެއްގައި ހުއްޓާ އެ ހުރި ލިޔުމުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރި ކަމަށް ބުނެ އެވެ.

ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ދައުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ސިފައިންގެ މިލިޓަރީ ޕޮލިސް އިން ހިންގި ތަހުގީގަށް ބަލާއިރު، އެ ލިޔުމުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރީ ޝަހުރާބް ކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ނުވަތަ ދެ ފަރާތުގެ ދެމެދުގައިި އޮތް އިތުބާރު ގެއްލޭ ފަދަ އަމަލެއް އޭނާގެ ފަރާތުން ފެނުނު ކަން ސާބިތުނުވާތީ އޭނާއަށް އަލުން ވަޒީފާދޭން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، އިއްޔެއިން ފެށިގެން 15 ދުވަސް ތެރޭގައި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށާއި ގެއްލުނު މުއްދަތަކީ ޚިދުމަތް ކުރި މުއްދަތު ކަމަށް ބެލުމުގެ އިތުރުން ގާނޫނާ ޚިލާފަށް ވަކި ކުރުމުގެ ސަބަބުން އަދަލުވެރި ބަދަލެއްގެ ގޮތުން އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތަކަށް ވާ 166،000ރ. އެއް މަސް ތެރޭގައި ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

ނޮވެމްބަރު، 2013 ގައި ސިފައިންގެ ވަޒީފާއިން ވަކިކުރި ބައެއް މީހުންނަށް އަލުން ވަޒީފާދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.