Roadha Mihaaru

ވައިސް ވަހީދުގެ ސިފްކޯ ފްލެޓް އެހެން މީހަކަށް ދީފި، ވަގުތީ އަމުރެއް ނުދިން

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދުގެ އަތުން އަތުލި ސިފްކޯ ހިޔާ ފްލެޓް އެހެން މީހަކަށް ނުދޭން ހައި ކޯޓުގައި އަމުރަކަށް އެދުނު ނަމަވެސް، އެ އަމުރު ނެރެނުދޭން އެ ކޯޓުން ނިންމައިފި އެވެ.

ވައިސް ވަހީދުގެ ފްލެޓާ ގުޅޭ އަމުރެއް ނުދިން
ނާޒިމް ހަސަން
ނާޒިމް ހަސަން

11 ޑިސެމްބަރ 2025

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދުގެ އަތުން އަތުލި ސިފްކޯ ހިޔާ ފްލެޓް އެހެން މީހަކަށް ނުދޭން ހައި ކޯޓުގައި އަމުރަކަށް އެދުނު ނަމަވެސް، އެ އަމުރު ނެރެނުދޭން އެ ކޯޓުން ނިންމައިފި އެވެ.

ވައިސް ވަހީދުގެ ދައުވާގައި ބުނެފައި އޮތީ "ސިފްކޯ ހިޔާ" މަޝްރޫއުގެ 300 ފްލެޓަށް ކުރިމަތިލާން ނޮވެމްބަރު 28، 2013 ގައި އިއުލާނުކުރުމާ އެކު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހުށަހެޅުމުން ފްލެޓަށް ފުރަތަމަ ޕޭމަންޓް ބަލައިގަނެ ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް އަދި ފްލެޓްގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.

އެކަމަކު ވައިސް ވަހީދު ފްލެޓަށް ފޯމު ހުށަހެޅި އިރު ވެސް އޭނާގެ ނަމުގައި 600 އަކަފޫޓުގެ ބިމެއް މާލޭގައި އޮތްކަން އެނގުމުން ފްލެޓް ހަވާލު ނުކުރަން ނިންމީ އެވެ. އޭނާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކަނޑައެޅީ ސައްހަ ނޫން މައުލޫމާތު ހުށަހަޅައިގެން ސިފްކޯގެ ފްލެޓެއް ހޯދުމުން އެތަން ހަވާލުނުކުރަން ސިފްކޯއިން ނިންމީ ރަނގަޅަށް ކަމަށެވެ.

ވައިސް ވަހީދު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ކުރި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އެ ފްލެޓް އެހެން މީހަކަށް ދިނުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދިފަ އެވެ.

އެ އަމުރު ނެރުމާ މެދު ހައި ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ވައިސް ވަހީދު ދައުވާ ކުރާ ސިފްކޯގެ ފްލެޓް މިހާރު ވަނީ އެހެން މީހަކަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ ވައިސް ވަހީދާ ދެކޮޅަށް ސިވިލް ކޯޓުން ހުކުމް ވެސް ކުރި ދުވަހެވެ.

ހައި ކޯޓުން ބުނީ އެ ފްލެޓްގެ މައްޗަށް އެހެން ފަރާތެއްގެ ހައްގުތަކެއް އުފަންވެ ނިމިފައިވާ ކަމަށާއި ވައިސް ވަހީދުގެ ފަރާތުން ވަގުތީ ގޮތުން އަމުރުކުރުމަށް އެދޭ ކަންކަމަކީ އެ ކަންކަމުގެ މުއާމަލާތް މިހާރު ކެނޑިފައިވާ ކަމެއް ކަމަށެވެ.

އެހެންވެ، ވައިސް ވަހީދު އެދިފައިވާ ވަގުތީ އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.

ސިފްކޯ ފްލެޓް ގަންނަ ފަރާތަކީ، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި އަދި ގިރާވަރު ފަޅު ހިމެނޭހެން، މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައިވާ މީހެއް ނަމަ، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ތަނެއް ދޫކޮށްލާނެ ކަމަށް އެއްބަސްވުމުގައި އޮވެ އެވެ. ހަމަ އެ އެއްބަސްވުމުގައި، ބިމާއި ގޯތިގެދޮރާއި ފްލެޓާ ބެހޭ ގޮތުން ދީފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތުކަން ސާބިތުވެއްޖެ ނަމަ އެ ހިސާބުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ.

ޝަރީއަތުން އިތުރަށް ބެލި އިރު 3،800 އަކަފޫޓުގެ ހ. ސޯސަންވިލާ، ވައިސް ވަހީދު ހިމެނޭހެން ހަ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތުމަށް ފަހު އޮކްޓޫބަރު 1، 2014 ގައި އެ ގޯތި ދެ ބަޔަކަށް ބަހާލި އެވެ. އަދި އޭގެ ތެރެއިން 1،900 އަކަފޫޓުގެ އެއްބައި ވައިސް ވަހީދާއި އިތުރު ދެ މީހަކަށް ހަމަހަމައަށް ލިބޭ ގޮތަށް ރަޖިސްޓްރީ ހަދާފައިވެ އެވެ.

ސިވިލް ކޯޓު ހުކުމުގައިވާ ގޮތުން ވައިސް ވަހީދު ވެސް އޭނާއަށް މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮތް ކަމަކަށް އިންކާރެއް ނުކުރެ އެވެ. އަދި އޭނާ އަކީ މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮތް މީހެއްކަން އޮޅުމެއް ނެތި އެނގޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެހެންވެ ހުކުމުގައިވަނީ ވައިސް ވަހީދު އެއްބަސްވުމާ އެއްގޮތަށް، ގޯތި ދޫކޮށްލާފައި ނުވާކަން އެނގޭ ކަމަށެވެ. މި ހާލަތުގައި، "އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް" ޝަރީއަތުން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.