Roadha Mihaaru
ޔުނިވާސަލް ޕިކްޗާޒް އިންޑިއާ ދޫކޮށްލަނީ

ގެއްލުމާ ހެދި ޔުނިވާސަލް ޕިކްޗާޒް އިންޑިއާ ދޫކޮށްލަނީ

06 އޮކްޓޯބަރ 2020

ހޮލީވުޑްގެ މަޝްހޫރު ކުންފުނި ޔުނިވާސަލް ޕިކްޗާޒް އިންޑިއާ ދޫކޮށްލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު ކުންފުނި ޔުނިވާސަލް ޕިކްޗާޒް އިންޑިއާ ދޫކޮށްލަން ނިންމައިފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސަލްގެ އޮޕަރޭޝަންތައް، ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި ހުއްޓާލަން ނިންމީ މި ވަގުތު އިންޑިއާ އިން ކުރިމަތިވެފައިވާ މާލީ ދަތިކަމާ ހެދި އެވެ. ޔުނިވާސަލް އަކީ ހޮލީވުޑްގެ ފިލްމުތައް މާކެޓްކޮށް، އިންޑިއާގައި ޑިސްޓްރިބިއުޓްކުރުމުގައި މިހާތަނަށް މުހިއްމު ދައުރެއް އަދާކުރަމުން އައި ކުންފުންޏެކެވެ.

ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އިންޑިއާގެ ސިނަމާތައް ވެސް ބަންދުކޮށްފައި ހުންނަތާ ހަތް މަހެއްހާ ދުވަސްވެފައިވާ އިރު، އެކަމުގެ ސަބަބުން ޔުނިވާސަލް އަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެހެންވެ މި ވަގުތަށް ކުންފުނީގެ ހިންގުން ހުއްޓާލަން ނިންމީ ކަމަށް ބުންޏެވެ. މީޑިއާތަކުން ބުނީ ރަސްމީކޮށް ޔުނިވާސަލްގެ އިންޑިއާ އޮފީސް ބަންދުކޮށް، އޮޕަރޭޝަންތައް އަހަރު ނިމުމުގެ ކުރިން އިންޑިއާގައި ހުއްޓައިލާނެ ކަމަށެވެ.

މި ގޮތަށް އެ ކުންފުނިން ނިންމާފައި ވަނީ މަޝްހޫރު އެހެން ސްޓޫޑިއޯއެއް ކަމަށްވާ ވޯނާ ބްރަދާޒްއާ ވެސް މަޝްވަރާކުރުމަށް ފަހު އެވެ.

މީޑިއާތަކުން ބުނިގޮތުގައި ޔުނިވާސަލް އިންޑިއާ ދޫކޮށްލުމުން އެ ކުންފުނިން އަދާކުރި ދައުރު ދެން އިންޑިއާގައި އަދާކުރާނީ ވޯނާ ބްރޮސް އިންނެވެ. އަދި އިންޑިއާގެ ބަދަލުގައި ޔުނިވާސަލް ދެން މިސްރާބު ޖަހާނީ ވޯނާގެ ކޮންޓްރޯލް އޮތް ނިއު ޒީލެންޑާއި އޮސްޓްރޭލިއާއަށެވެ. ނޫސްތަކުން ބުނިގޮތުގައި މި ނިންމުމާ ގުޅޭ ގޮތުން ޔުނިވާސަލް އާއި ވޯނާ މިހާރު އޮތީ މަޝްވަރާތަކުގެ ފަހު މަރުހަލާގަ އެވެ.

ދުމިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރި އޮތް އިންޑިއާ އަކީ އަބަދުވެސް ހޮލީވުޑްގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް އޮންނަ ގައުމެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގަ އެވެ. އެހެންވެ އިންޑިއާގެ އެކި ބަހުރުވަތަކުން އަޑުއަޅައިގެން ހޮލީވުޑްގެ ފިލްމުތައް ދެއްކުމަކީ އާންމު ކަމެކެވެ. އަދި އެފަދަ ފިލްމުތައް މިލިއަނުން/ބިލިއަނުން އާމްދަނީ ވެސް ހޯދަ އެވެ.