Roadha Mihaaru
އިންޑިއާ އިން އޮސްކާ އަށް ހޮވީ ތަމަޅަ ފިލްމެއް

އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އަށް ފޮނުވަން ނިންމީ ތަމަޅަ ފިލްމެއް

26 އޮކްޓޯބަރ 2021

އަންނަ އަހަރު ބާއްވާ 94 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވާ ފިލްމަކަށް ތަމަޅަ ފިލްމު ކޫގަންޒަލް (ޕެބްލްސް) އިން ހޮވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ބާއްވާ 94 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވާ ފިލްމަކަށް ތަމަޅަ ފިލްމު ކޫގަންޒަލް (ޕެބްލްސް) އިން ހޮވައިފި އެވެ.

އެ ފިލްމަށް އެ ފުރުސަތު ލިބުނު އިރު، އިންޑިއާ އިން މި ފަހަރު ފޮނުވާނެ ފިލްމަކީ ވިދިޔާ ބަލަންގެ "ޝޭރުނީ" އާއި ވިކީ ކޯޝަލްގެ "ސަރުދާރު އުދަމް" ގެ ތެރެއިން ކޮންމެވެސް އެއް ފިލްމެއް ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ނަމަވެސް ހިންދީ ފިލްމަކަށް އެ ފުރުސަތު މި އަހަރު ވެސް ނުލިބި، އޮސްކާ އަށް އިންޑިއާ އިން ފޮނުވާ ފިލްމަކަށް "ކޫގަންޒަލް" ކަނޑައެޅުމާ ބެހޭ ގޮތުން ފިލްމު ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) ގެ ސެކްރެޓަރީ ޖެނެރަލް ސުޕަރްނާ ސެން ބުނީ އެ ހޮވުމަކީ އެންމެ ފުރިހަމަ ހޮވުން ކަމަށެވެ. އޭނާ ބުނި ގޮތުގައި 14 ފިލްމަކާ ވާދަކޮށް ހޮވުނު "ކޫގަންޒަލް" އަކީ އޮސްކާ އަށް އިންޑިއާ އިން ފޮނުވަން ޝޯޓްލިސްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ހެޔޮވަރު ފިލްމު ކަމަށެވެ. އޭނާ ބުނީ އެ ފިލްމަކީ ވަރަށް ވެސް ފުރިހަމަ، މޮޅު ފިލްމެއް ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ކޫގަންޒަލް" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ޕީއެސް ވިނޯތުރާޖް ޑައިރެކްޓްކުރި ޑްރާމާއެކެވެ. މީގައި ކިޔައިދެނީ ރަލަށް ދެވިހިފާފައިވާ އުޅުމެއް ނެތް ބައްޕައަކާ ހެދި ވަކިވެފައިވާ މަންމަ ހޯދަން ކުޑަ ފިރިހެން ކުއްޖަކު ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެވެ. ވިނޯތު ބުނި ގޮތުގައި ފިލްމު ހަދާފައި ވަނީ އޭނާގެ އަމިއްލަ އާއިލާގެ ތަޖުރިބާގެ މައްޗަށެވެ.

"ކޫގަންޒަލް" ގެ މައިގަނޑު ކާސްޓަކީ ޗެއްލަޕަންޑީ އާއި ކަރުތަޑައްޔާން އެވެ.

މި ފިލްމު އޮސްކާ އަށް ފޮނުވަން ނިންމި އިރު، މި އަހަރު ބޭއްވި 50 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ރޮޓަޑަމްގައި ވާދަކޮށް އެއަށް ޓައިގާ އެވޯޑް ވެސް ލިބިފައިވެ އެވެ.

އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑަށް އިންޑިއާ އިން ފޮނުވީ މަލަޔާޅަމް ފިލްމު "ޖަލިކައްޓޫ" އެވެ.

އިންޑިއާ އަށް އޮސްކާގެ އެންމެ މޮޅު ބޭރު ފިލްމުގެ ކެޓަގަރީ އަށް އެންމެ ފަހުން ނޮމިނޭޝަނެއް ލިބުނު ފިލްމަކީ 2001 ގައި ރިލީޒްކުރި އާމިރު ޚާންގެ "ލަގާން" އެވެ. އޭގެ އިތުރުން ދެން ނޮމިނޭޓްވި ފިލްމުތަކަކީ 1988 ގެ "ސަލާމް ބޮމްބޭ" އާއި 1957 ގެ "މަދަ އިންޑިއާ" އެވެ. އެކަމަކު މިހާތަނަށް އިންޑިއާގެ އެއްވެސް ފިލްމަކަށް އޮސްކާއެއް ލިބިފައެއް ނުވެ އެވެ. އަންނަ އަހަރު ބާއްވާ 94 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ މާޗް 27 ގަ އެވެ.