Roadha Mihaaru
ޕްރިޔަންކާގެ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރަނީ

ޕްރިޔަންކާގެ އަމިއްލަ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރަނީ

31 ޖެނުއަރީ 2021

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އަމިއްލަ ހެއާކެއާ ބްރޭންޑެއް "އެނޮމަލީ" ގެ ނަމުގައި މިއަދު ލޯންޗްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އަމިއްލަ ހެއާކެއާ ބްރޭންޑެއް "އެނޮމަލީ" ގެ ނަމުގައި މިއަދު ލޯންޗްކުރަން ނިންމައިފި އެވެ.

މި ބްރޭންޑްގެ ދަށުން، އަންހެނުންނާއި ފިރިހެނުންގެ އިސްތަށިގަނޑަށް ބޭނުންވާ ޝޭމްޕޫ އާއި ކޮންޑިޝަނާއާ އެކު އަށް އުފެއްދުމެއް ނެރޭނެ އެވެ. "އެނޮމަލީ" ގެ އުފެއްދުންތައް އެކްސްކްލޫސިވްކޮށް ވިއްކާނީ އޮންލައިން ފިހާރަ ޓާގެޓުންނެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އޭނާގެ މި ބްރޭންޑަކީ ތިމާވެއްޓާ ވަރަށް ރައްޓެހި އުފެއްދުމެކެވެ. އެގޮތުން އުފެއްދުންތައް ބަންދުކޮށްފައި ވެސް ހުންނާނީ ޕްލާސްޓިކް ރިސައިކަލްކޮށްގެން ހަދާފައިވާ އެއްޗެހީގައި ކަމަށް ބުންޏެވެ.

ދެހާސް ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ވެސް ހާސިލުކުރި 38 އަހަރުގެ ބަތަލާ ބުނީ ބާޒާރަށް މިހާރު ނެރޭ އުފެއްދުންތަކަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަކަށް ހަދައިގެން ނޫނީ މިހާރުގެ ޖީލަށް ދެމަހެއްޓެނިވި ގޮތްގޮތަށް ކަންކަން ކުރަން ދަހެއް ނުވާނެ ކަމަށެވެ. ހާއްސަކޮށް ފެޝަނާއި ބިއުޓީ އިންޑަސްޓްރީ ވަރަށް ބޮޑަށް ތިމާވެއްޓަށް ބަލަން ޖެހޭ ކަމަށް ބުންޏެވެ.

"އެހެންވެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން މިފަދަ އުފެއްދުމެއް ނެރެން ނިންމީ،" އެމެރިކާގެ މިއުޒިޝަން/އެކްޓަރު ނިކް ޖޯނަސްގެ އަންހެނުން ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިޔަންކާ ބުނީ އަމިއްލަ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރީ ފެންވަރު ރަނގަޅު، މޮޅު އުފެއްދުމެއް ގެނެސްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އަހަންނަކީ މިހާތަނަށް މަޝްހޫރު ހުރިހާ ބްރޭންޑެއްގެ މިފަދަ އުފެއްދުންތައް ތަޖުރިބާކޮށްފައި ވެސް ހުރި މީހެއް. އެހެންވެ އެ އުފެއްދުންތަކުގެ ތަޖުރިބާ އަށް ބަލާފައި ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި އަމިއްލަ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރަން ނިންމީ،" އޭނާ ބުންޏެވެ.

ޕްރިޔަންކާ ބުނީ "އެނަމެލީ" އަކީ އިސްތަށިގަނޑުގެ ތަޖުރިބާކާރުންގެ ލަފަ އާއި މަޝްވަރާ ވެސް ވަރަށް ބޮޑަށް ހޯދައިގެން ގިނަ ރިސާޗްތަކަކަށް ފަހު ގެނެސްދޭ އުފެއްދުމަކަށްވާތީ މިއީ އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ލިބޭނެ އެއްޗަކަށް ވާނެ އެވެ.

"މިހާރު ވެސް އާއިލާގެ މީހުން މިއަށް ދެވިހިފައިފި. ފިރިމީހާ އާއި މަންމަ ވެސް ބުނަނީ ވަރަށް ވެސް ބަރާބަރު އުފެއްދުންތަކެކޭ." ޕީޕަލް އަށް ޕްރިޔަންކާ ބުންޏެވެ.

ހެއާކެއާގެ އަމިއްލަ ބްރޭންޑެއް މިއަދު ލޯންޗްކުރާ އިރު އަންނަ މަހުގެ 9 ގައިި އޭނާގެ ބައޮގްރަފީ "އަންފިނިޝްޑް" ނެރޭނެ އެވެ.