Roadha Mihaaru
މުއްދަތުގެ ތެރޭގައި ތަހުގީގުކުރަން ދަތިވާ މައްސަލަ ޕީޖީއަށް

މުއްދަތުގެ ތެރޭގައި ޓޯޗާގެ މައްސަލަތައް ތަހުގީގުކުރަން ދަތިވާތީ ޕީޖީގެ ސަމާލުކަމަށް

05 އޮކްޓޯބަރ 2020

ގާނޫނީ މުއްދަތުގެ ތެރޭގައި ޓޯޗާގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އާ މެމްބަރުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމާއެކު އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނީ މުއްދަތުގެ ތެރޭގައި ޓޯޗާގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އާ މެމްބަރުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމާއެކު އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

އެޗްއާރުސީއެމުން ކުރި ޓްވީޓެއްގައި ބުނީ، 2013 ގައި ތަސްދީގުކުރި އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުން ތަހުގީގުކުރާ ޓޯޗާގެ މައްސަލަތައް، އެ އޮންނަ މުއްދަތުގެ ތެރޭގައި ތަހުގީގުކޮށް ނިންމުމަށް ދަތި ވާތީ އެކަން ޕީޖީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ މައްސަލަތަކުގެ ތަފާސްހިސާބު ހިއްސާކުރަން ޕީޖީން ނިންމުމުން އެކަމަށް އެޗްއާރުސީއެމުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ކޮމިޝަނުން ބުނީ އެ މައުލޫމާތުގެ އަލީގައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށް ސަމާލުކަން ދޭނެ އަތޮޅާއި ރަށް އެނގޭނެ ކަމަށެވެ.

ޓޯގާއާ ގުޅޭ 35 މައްސަލައެއް މި އަހަރުގެ މިހާތަނަށް އެޗްއާރުސީއެމަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް އެއްވެސް މައްސަލައެއް ތަހުގީގުކޮށް ނުނިމޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެންޓި ޓޯޗާ ގާނޫނު ބުނާގޮތުން ޝަކުވާއެއް ހުށަހަޅައިފި ނަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަންޖެހޭނެ އެވެ. ޝަކުވާ ހުށަހެޅި ތާރީޚުން ފެށިގެން ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި، އެ ތަހުގީގު ގޮސްފައިވާ ހިސާބެއް، މައްސަލަ ހުށަހަޅި ފަރާތަށް އަންގަން ޖެހެ އެވެ. އެ އަށް ފަހު ތަހުގީގުކޮށް ނިމޭތާ 14 ދުވަހުގެ ތެރޭގައި، އެ މައްސަލަ ހުށަހެޅި މީހަކަށް ތަހުގީގު ރިޕޯޓު ފޯރުކޮށްދޭންޖެހެ އެވެ.

ޓޯޗާގެ އަމަލުގެ ޒިންމާ އުފުލަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް ދައުވާކުރަން، ތަހުގީގު ނިމޭތާ 14 ދުވަހުގެ ތެރޭގައި ޕީޖީއަށް ފޮނުވަންޖެހެ އެވެ.

އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަމުގެ ތުހުމަތުތައް މީގެ ކުރިން އެކި ފަރާތްތަކަށް އަމާޒުވިއަސް، އެ މައްސަލަތަކުގައި އެޗްއާރުސީއެމުން މަޑުން ތިބުމުން އެކަމުގެ ފާޑުކިޔުންތައް އޭރުގެ ކޮމިޝަނަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ޒިންމާތައް އަދާނުކުރުމުގެ މައްސަލަތަކާއެކު އެ ކޮމިޝަންގައި ތިއްބެވި މެމްބަރުން ވަކިކުރަން ނިންމުމުން، އޭގެ ތެރެއިން ބައެއް މެމްބަރުން އަމިއްލައަށް އިސްތިއުފާ ދެއްވާފައި ވެ އެވެ.