Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

08 އޮކްޓޯބަރ 2020

ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ޝޫޓިން މެދުކެނޑިފައި އޮންނަތާ ހަތް މަހެއްހާ ދުވަސް ފަހުން އަލުން މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ޝޫޓިން މެދުކެނޑިފައި އޮންނަތާ ހަތް މަހެއްހާ ދުވަސް ފަހުން އަލުން މަސައްކަތް ފަށައިފި އެވެ.

މިކަމާ ގުޅޭ ވީޑިއޯއެއް ވެސް ފިލްމުގެ ޓީމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

"އާރްއާރްއާރް" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދައި، އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ވެސް ހެދި ބާހްބަލީ: ދަ ބިގިނިން (2015) އާއި ބާހްބަލީ: ދަ ކޮންކްލޫޝަން (2017) އަށް ފަހު، ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ވެސް "ބާހްބަލީ" ފަދައިން ވަރަށް ވަރުގަދަ ބޮޑު ފިލްމެކެވެ. "އާރްއާރްއާރް" ގައި ކިޔައިދޭނީ 1920 ގައި ހިނގާ ހިޔާލީ ހަނގުރާމައެއްގެ ވާހަކަ އެވެ. މީގެ ލީޑް ތަރިންނަކީ މަޝްހޫރު ތެލެގޫ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާގެ އިތުރުން ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓެވެ.

"އާރްއާރްއާރް" ގެ ވަރަށް މުހިއްމު ރޯލަކުން އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ.

މި ފިލްމު އިއުލާންކުރީ ކުރިން މި އަހަރު ގެނެސްދޭ ގޮތަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި އިތުރު ވަގުތު ނަގަން ބޭނުންވާތީ މިހާރު ތާވަލުކޮށްފައި އޮތް ގޮތުން "އާރްއާރްއާރް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގަ އެވެ.

އަޖޭގެ ބޭބެ އަނިލް މަރުވެއްޖެ

އަޖޭ ދޭވްގަން ކުޅުނު ފިލްމުތަކުގެ ތެރެއިން "ރާޖޫ ޗާޗާ" އާއި "ބްލެކްމެއިލް" ޑައިރެކްޓްކުރި އޭނާގެ ބޭބެ އަނިލް ދޭވްގަން މަރުވެއްޖެ އެވެ.

ބޭބެ މަރުވި ވާހަކަ ޓްވިޓާގައި ހާމަކޮށް އަޖޭ ބުނީ މިއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި ބޭބެ މަތިން އަބަދު ވެސް ހަނދާންވާނެ ކަމަށެވެ. އަނިލް މަރުވީ ހާޓްއެޓޭކެއް ޖެހިގެން އަންގާރަ ދުވަހުގެ ރެ އެވެ. އޭނާ ވަނީ އަޖޭ ކުޅުނު ބައެއް ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޕިޔާރު ތޯ ހޯނާ ހިތާ" އާއި "ޖާން" އަދި "އިތިހާސް" ފަދަ ފިލްމުތައް ހިމެނެ އެވެ.

އަނިލް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2008 ގެ "ހާލޭ ދިލް" އެވެ.

އަޖޭގެ ބޭބެ މަރުވި އިރު މިދިޔަ އަހަރު އެ މީހުންގެ ބައްޕަ އަދި މަޝްހޫރު އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަން ވެސް ވަނީ މަރުވެފަ އެވެ. ބަތަލާ ކާޖޮލްގެ ފިރިމީހާ އަޖޭގެ ތިބެނީ އެއްބަނޑު އެއްބަފާ ހަތަރު ބެއިންނެވެ. އެއީ އަނިލްގެ އިތުރުން ކަވީތާ ދޭވްގަނާއި ނީލަމް ދޭވްގަނެވެ.

ސިނަމާތަކުގެ ގައިޑްލައިން އާންމުކޮށްފި

މި މަހުގެ 15 އިން ފެށިގެން އިންޑިއާގެ ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދީފައިވާތީ އެކަމާ ގުޅޭ ގައިޑްލައިން ސަރުކާރުން ހިއްސާކޮށްފި އެވެ.

އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރަކާޝް ޖަވޭދްކަރް ޓްވިޓާގައި އާންމުކުރި 24 މާއްދާގެ ގައިޑްލައިންގައިވާ ގޮތުން ސިނަމާތަކުގައި ޝޯތައް ދައްކަން ޖެހޭނީ އޮކިއުޕަންސީ 50 ޕަސަންޓަށް ވުރެ އިތުރު ނުވާ ގޮތަށެވެ.

މީގެ އިތުރުން ގައިދުރުކަން ބެހެއްޓުމަށް ދޭދޭ ސީޓްތަކުގެ ހުސްކަން ބެހެއްޓުމާއި އިށީނދެގެން ނުވާނެކަން އަންގައިދޭ ގޮތަށް ސީޓްތައް ލޭބަލްކޮށްފައި ހުރުމާއި ސިނަމާތަކަށް ވަންނަ މީހުންނަށް އަތް ދޮވެ، ސެނިޓައިޒްކުރެވޭ ގޮތަށް ހުރުމާއި ސިނަމާތަކަށް ވަންނަ މީހުންގެ ފިނިހޫނުމިން ޗެކްކުރުމާއި އޮންލައިންކޮޑް ޓިކެޓް ވިިއްކުމާއި އިންޓަވަލް ގަޑީގައި ވެސް ސިނަމާތަކަށްދާ މީހުންގެ ހަރަކާތްތައް މަދުކުރުން ފަދަ ކަންކަން ހިމެނެ އެވެ.

އިންޑިއާގެ ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދީފައި ވަނީ މާޗް މަހުގެ ތެރޭގައި އިއުލާންކުރި ލޮކްޑައުންއާ އެކު ސިނަމާތައް ބަންދުކޮށްފައި ހުންނަތާ ހަތް މަސް ފަހުންނެވެ.