Roadha Mihaaru
"އާރްއާރްއާރް" ގެ ތާރީހާ ހެދި ބޯނީ ރުޅިގަދަވެއްޖެ

"އާރްއާރްއާރް" ގެ ތާރީހާ ހެދި ބޯނީ ރުޅިގަދަވެއްޖެ

27 ޖެނުއަރީ 2021

މި އަހަރު އިންޑިއާގެ ސިނަމާތަކަށް އަންނާނެ އެންމެ އުންމީދީ ފިލްމު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ބޮޑު ފިލްމު "އާރްއާރްއާރް" މި އަހަރުގެ އޮކްޓޯބަރު 13 ގައި ސިނަމާތަކަށް ގެންނަން ނިންމުމުން ބޯނީ ކަޕޫރް ރުޅިގަދަވެ، ނުރުހުން ފާޅުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އިންޑިއާގެ ސިނަމާތަކަށް އަންނާނެ އެންމެ އުންމީދީ ފިލްމު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ބޮޑު ފިލްމު "އާރްއާރްއާރް" މި އަހަރުގެ އޮކްޓޯބަރު 13 ގައި ސިނަމާތަކަށް ގެންނަން ނިންމުމުން ބޯނީ ކަޕޫރް ރުޅިގަދަވެ، ނުރުހުން ފާޅުކޮށްފި އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ އަށް މައްސަލައަކަށްވީ އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމު "މައިދާން" ރިލީޒްކުރަން ހަމަޖެހިފައި އޮތް ތާރީހުގެ ދެ ދުވަސް ކުރިން "އާރްއާރްއާރް" ރިލީޒްކުރަން ނިންމުމެވެ. "މައިދާން" ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 15 އަށެވެ. އެގޮތަށް ނިންމީ މީގެ ހަ މަސް ކުރިންނެވެ.

ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ކަމަކީ މި ދެ ފިލްމަކީ ވެސް އަޖޭ ދޭވްގަން ހިމެނޭ ފިލްމުތަކަށްވުމެވެ. ދެހާސް އަށާރައިގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކުރާ "މައިދާން" އަކީ އަޖޭ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަ އަދި ކުރީގެ ލެޖެންޑް ސައީދު އަބްދުއްރަހީމްގެ ރޯލުން ފެންނާނެ ފިލްމެކެވެ.

އެ ފިލްމު ތާވަލުކޮށްފައި އޮތް ތާރީހާ ދާދި ކައިރި އަށް ރާޖަމޯލީގެ "އާރްއާރްއާރް" ތާވަލުކުރިކަން ހޯމަ ދުވަހު އިއުލާންކުރުމުން ފިލްމީ ތަރިން ކަމަށްވާ އަރުޖުން އާއި ޖާންވީ ކަޕޫރްގެ ބައްޕަ ބޯނީ ބުނީ އެއީ ވަރަށް "އަންއެތިކަލް" ކަމެއް ކަމަށެވެ.

"އަހަރެން މި ހުރީ އެ މީހުންގެ އެ ނިންމުމާ ދޭތެރޭ ވަރަށް ހިތްހަމަނުޖެހި ރުޅިގަދަވެފައި." އޭނާ ބުންޏެވެ.

ބޯނީ ބުނިގޮތުގައި ފިލްމީ ދާއިރާގެ ކަންކަން މިހާރު އޮތް ހާލަތަށް ބަލާ އިރު އެއް ބަޔަކު އަނެއް ބަޔަކަށް ވާގިދީގެން މަސައްކަތްކުރަން ޖެހޭ ހާލަތެއްގައި އޮތްވައި ރާޖަމޯލީގެ ނިންމުމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ބޮޑު މައްސަލައެކެވެ.

"މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން." އޭނާ ބުންޏެވެ.

ބައެއް މީޑިއާތަކުން ބުނީ "އާރްއާރްއާރް" ރިލީޒްކުރާ ތާރީހު ރަސްމީކޮށް ރާޖަމޯލީގެ ޓީމުން އިއުލާންކުރުމުގެ ކުރިން އަޖޭ ވެސް އޭނާގެ ފިލްމު "މައިދާން" އޮކްޓޯބަރު 15 އަށް ތާވަލުކޮށްފައި އޮތްކަން ރާޖަމޯލީގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. އެހެންވެ އޭނާ ވެސް ހުރީ "އާރްއާރްއާރް" ގެ ތާރީހާ މެދު ހިތްހަމަނުޖެހިފަ އެވެ.

އެކަން ދޭހަވަނީ ފިލްމު އޮކްޓޯބަރު 13 ގައި ގެނެސްދޭން ނިންމިކަން އިއުލާންކޮށް "އާރްއާރްއާރް" ގެ ރަސްމީ ޓްވިޓާގައި އިއުލާންކުރުމުން އަޖޭ އެ ޓްވީޓް ރިޓްވީޓް ވެސް ކޮށްފައި ނުވުމެވެ. ފިލްމުގެ މައިގަނޑު އެހެން ހުރިހާ ތަރިން އެ ވާހަކަ ރިޓްވީޓްކޮށްފައިވެ އެވެ.

މިހާރު ބޮޑު ސުވާލަކީ އަޖޭގެ ދެ ފިލްމެއް އެހާ ގާތްގާތުގައި ރިލީޒްކޮށްފާނެތޯ އެވެ؟ މިއީ މިހާތަނަށް މިފަދަ މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާ އިރު ވުން ވަރަށް ދުރު ކަމެކެވެ. އޭގެ މާނަ އަކީ "މައިދާން" އާއި "އާރްއާރްއާރް" ގެ ތެރެއިން ކޮންމެވެސް އެއް ފިލްމެއްގެ ތާރީހަށް ބޮޑު ބަދަލު ގެންނާނެ ކަމެވެ.

މިދިޔަ އަހަރު ކޮވިޑް-19 ގެ ހާލަތު ދިމާނުވި ނަމަ މި މައްސަލަ ކުރިމަތި ނުވީހެވެ. "މައިދާން" އަކީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި ގެނެސްދޭން އޮތް ފިލްމެކެވެ. އަދި "އާރްއާރްއާރް" އަކީ މިދިޔަ އަހަރުގެ ޖުލައި 30 އަށް ތާވަލުކުރި ފިލްމެކެވެ. އޭގެ ފަހުން މި މަހުގެ 8 އަށް ވެސް ފިލްމު ފަސްކުރި އެވެ.