Roadha Mihaaru
ފައިސާ ހޯދާ މައްސަލަ ހަ މަހުން ނިންމަން ލާޒިމްކުރަނީ

ދައުލަތަށް ފައިސާ ހޯދުމުގެ މައްސަލަތައް ހަ މަސް ތެރޭގައި ނިންމަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

07 އޮކްޓޯބަރ 2020

ދައުލަތަށް ލިބެންޖެހޭ ޓެކުހާއި ޓެކުހަށް ނުވާ ފައިސާގެ މައްސަލަތައް ހަ މަސް ތެރޭގަައި ކޯޓުން ނިންމަން ލާޒިމްވާ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތަށް ލިބެންޖެހޭ ޓެކުހާއި ޓެކުހަށް ނުވާ ފައިސާގެ މައްސަލަތައް ހަ މަސް ތެރޭގަައި ކޯޓުން ނިންމަން ލާޒިމްވާ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިިމް ނާޒިލް ހުށަހެޅުއްވި ބިލުގައިވާ ގޮތުން ޓެކްސް ފައިސާ އާއި ޓެކުހަށް ނުވާ ފައިސާ އާއި އެއްބަސްވުންތަކުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އާއި އޭގެ ޖޫރިމަނާ ހޯދަން ދައުވާކުރާ މައްސަލަތައް ހަ މަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. އަދި ކޯޓުން ނިންމާ ނިންމުމާ މެދު ހިިތްހަމަނުޖެހޭ ނަމަ، އެ ނިންމުން 90 ދުވަސް ތެރޭގައި އިސްތިއުނާފް ކުރަންޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.

އެ ބިލުގައިވާ ގޮތުން ޓެކުހަށް ނުވާ ފައިސާ އާއި އެއްބަސްވުންތަކުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވެސް މީރާއަށް ބަލައިިގަނެވިދާނެ އެވެ. އަދި އެފަދަ ފައިސާ ނުދައްކާ ފަރާތްތަކަށް ނޯޓިސް ފޮނުވުމާއި އެ ފަރާތްތަކުގެ ނަން ހާމަ ކުރުމާއި ދައުލަތުގެ އިދާރާތަކުން އެ ފަރާތަށް ދޭ ޚިދުމަތްތައް ހުއްޓާލަން އެންގުން ފަދަ ފިޔަވަޅުތައް މީރާއަށް އެޅިދާނެ ކަމަށް އެ ބިލުގައިވެ އެވެ. އެކަމަކު ޓެކުހަށް ނުވާ ފައިސާއެއް ހޯދަން ދައުވާ ކުރެވޭނީ އެޓާނީ ޖެނެރަލަށް ކަމަށް އެ ބިލުގައިވެ އެވެ.

ޓެކުހަށް ނުވާ ފައިސާ ހޯދަން މީރާއިން ކުރިން ދައުވާ ކުރަމުން ދަނިކޮށް މިދިޔަ ޖޫން މަހު ސުޕްރީމް ކޯޓުން ނިންމީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އޮތްގޮތުން މީރާއަށް ދައުވާ ކުރެވޭނީ ޓެކްސާއި ގާނޫނަކުން މީރާއަށް ދައްކަން ލާޒިމްކުރާ ފައިސާ ހޯދަން އެކަނި ކަމަށެވެ. އެހެންވެ، އެއްބަސްވުންތަކުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދަން މީރާއަށް ދައުވާ ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމި އެވެ. މިހާރު އެފަދަ ފައިސާތައް މީރާއިން ބަލައިގަންނަނީ މާލިއްޔަތު ގަވާއިދު އިސްލާހު ކޮށްގެންނެވެ.