Roadha Mihaaru
ކޮވިޑް ފެތުރުމުން ފިޔަވަތީގެ ތޮއްޖެހުން ކުޑަކުރަނީ

ކުދިންތަކަކަށް ކޮވިޑްޖެހުމުން ފިޔަވަތީގެ ތޮއްޖެހުން ކުޑަކުރަނީ

08 އޮކްޓޯބަރ 2020

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބަން، ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ މުވައްޒަފަކާއި އަށް ކުއްޖަކަށް ކޮވިޑް ޖެހުމުން އެ ތަނުގެ ތޮއްޖެހުން ކުޑަކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބަން، ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ މުވައްޒަފަކާއި އަށް ކުއްޖަކަށް ކޮވިޑް ޖެހުމުން އެ ތަނުގެ ތޮއްޖެހުން ކުޑަކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ޖެހުނު އަށް ކުދިންގެ އިތުރުން އެހެން 26 ކުއްޖަކު އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެ 26 ކުދިން އެހެން ތަނަކަށް ބަދަލުކުރީ ފިޔަވައްޗަކީ ޖާގައިގެ ދަތިކަން އޮތް ތަނަކަށް ވުމުން ކަމަށާއި އެ އިންތިޒާމް ހަމަޖެއްސީ ކުދިންގެ ރައްކާތެެރިކަން ކަށަވަރުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިރުޝާދު ދިނުމުން ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ކޮވިޑް ޖެހުނު އަށް ކުދިންގެ ތެރޭގައި ހައި ރިސްކް ކުއްްޖަކު ވެސް ހިމެނެ އެވެ. އެކުއްޖާ ވަނީ ކެއާ ވޯކަރުންނާ އެކު ހުޅުމާލޭ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. އެޗްޕީއޭ އާއި އެޗްއީއޯސީގެ އިރުޝާދުގެ ދަށުން އަނެއް ހަތް ކުދިން ވެސް ވަނީ ފެސިލިޓީއަކަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެކުދިން ގެންދިޔައީ ކޮން ފެސިލިޓީއަކަށް ކަމެއް ޖެންޑާ މިނިސްޓްރީއަކުން ނުބުނެ އެވެ.

ކޮވިޑް ޖެހުނު ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިޔަވަތިން ކޮވިޑް ޖެހުނު ކުދިން ދިރިއުޅުނު ފަންގިފިލާގައި ތިބި އެހެން 26 ކުއްޖަކު އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ އިރު، މިނިސްޓްރީން ބުނީ، އެ ކުދިން ގެންދަނީ ތިން ފަންގިފިލާގައި ޖުމްލަ 12 ކޮޓަރި ހުންނަ ތަނަކަށް ކަމަށެވެ.

އެ ތަނުގައި "ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަން މި ސާވިސް އިން ޔަގީންކޮށް އަރުވަމެވެ. އަދި ކުދިންގެ ތައުލީމީ ކަންކަން ވެސް މިތަނުގައި ކަށަވަރުކުރެވޭނެ ކަމަށް ވެސް ދަންނަވަމެވެ،" ޖެންޑާގެ ބަޔާނުގައި ބުންޏެވެ.

ފިޔަވަތީގައި ތިބޭ ކުދިންނާ ބެހޭ މައުލޫމާތު އެކުދިންގެ ބެލެނިވެރިންނަށް ޖެންޑާއިން ދެ އެވެ. އަދި އެކުދިންނާ ބެހޭ ސައްހަ މައުލޫމާތު ޖެންޑާ މިނިސްޓްރީން ހޯދަން ވެސް ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.