Roadha Mihaaru
ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް

ލޮކްޑައުންއަށް ލުއިތަކެއް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް

20 މެއި 2020

ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒު ކުރެވޭ ނަމަ މި މަހު 28 ގެ ފަހުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަން ކުރައްވާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒު ކުރެވޭ ނަމަ މި މަހު 28 ގެ ފަހުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަން ކުރައްވާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ތިންވަނަ ފަހަރަށް ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ލުޔެއް ދޭއިރު، އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވައިލުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ސަރުކާރުން ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެގޮތުން މިސްކިތްތައް ހުޅުވާލައި ހޮޓާތަކާއި ކެފޭތައް ހުޅުވާލުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ،" ރައީސް

"މި ލުއިތައް ދޭނެ ގޮތުގެ ތަފްސީލްތައް ކަމާ ގުޅޭ ފަންނީ ބޭފުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުން އުވައިލާއިރު، ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގާބިލްކަން މިހާރަށް ވުރެ އިތުރު ކުރެވޭނެ އެވެ. ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް ހަމަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރިފައި ނުވާ ރަށްތައް އާންމު ހާލަތަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ރަށްރަށުގައި އާންމު އުސޫލުން ނަމާދު ކުރުމުގެ އިންތިޒާމާއި ވިޔަފާރި ކުރުމުގެ ހުއްދަ ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން އެ ރަށްރަށުގައި ސްކޫލްތަކާއި އޮފީސްތައް ހުޅުވުމުގެ ހުއްދަ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މާލެ އިން ކޮވިޑް-19 ޖެހިފައިވާ މީހަކު މިދިޔަ މަހުގެ 15 ގައި ފުރަތަމަ ފަހަރަށް ފެނުމާ އެކު، މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރަށްރަށަށް އަރައި ފޭބުން ވެސް ވަނީ ހުއްޓާލައިފަ އެވެ.

ޖުލައި މަހު ބައިނަލްއަގުވާމީ ދަތުރުތަކާއި ރިސޯޓްތައް ހުޅުވާލާނަން: ރައީސް

ރައީސް ވިދާޅުވީ އެ ލުއިތަކާއެކު، ކޮވިޑް-19 ގެ ކަންކަން ގޯސްވަމުން ނުދާ ނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އެއާއެކު ރިސޯތްތައް ވެސް ހުޅުވައިލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރެއްވާނެ ގޮތުގެ ގައިޑްލައިންތައް ހަދަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް ލޮކްޑައުން ނިމުމަކަށް ގެނެސް ދެވޭ ލުއިތަކުގެ ސަބަބުން ކޮވިޑް-19 ގެ ހާލަތު ގޯސްވާ ނަމަ ލޮކްޑައުންގެ ހާލަތަށް އެނބުރި ދާން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

"ފުރަ ބަންދަށް ދެވޭ ލުއިތަކަކީ ކުރިން އަޅުގަނޑުމެން އުޅެމުންދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ ކޮވިޑް-19 ރާއްޖޭން ފިލައިގެން ދިއުމެއް ނޫން. އަދި މިލުއިތައް ދެނީ މި ބަލީގެ ނުރައްކަލުން މުޅިން ސަލާމަތްވެގެން ކަމުގައި އަދި ގަބޫލް ކުރައްވައިގެންވެސް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

"އެހެން ނޫންނަމަ އަޅުގަނޑުމެން ވެސް މިއަދު ތަޖުރިބާ ކުރަމުން ދާނީ ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރެއްވި އެންމެ ނުރައްކާތެރި ހާލަތު،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭން މިހާތަނަށް 1,186 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން 91 މީހަކު ރަނގަޅު ވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.