Roadha Mihaaru
ޔާމީން ޖަލަށްލީ ނުހައްގުންކަން އެނގިއްޖެ: އިދިކޮޅު

ޔާމީން ޖަލަށްލީ ނުހައްގުންކަން އެނގިއްޖެ: އިދިކޮޅު

08 އޮކްޓޯބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑްރިންގެ ކުށުގައި ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި އިތުރު ދައުވާތަކެއް އުފުލާފައިވަނީ، އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް ނިންމުން ގެންނަކަން މިހާރު ކަށަވަރުވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑްރިންގެ ކުށުގައި ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި އިތުރު ދައުވާތަކެއް އުފުލާފައިވަނީ، އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް ނިންމުން ގެންނަކަން މިހާރު ކަށަވަރުވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގެ ސަބަބުން، ހައި ކޯޓުގައި މިހާރު އިސްތިއުނާފުކޮށްފައިވާ މައްސަލަ އާއި ކްރިމިނަލް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އަކީ އަމިއްލައަށް އުފައްދައިގެން، ޔާމީނަށް މި ގައުމުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނުދިނުމަށްޓަކައި ކުރަމުންގެންދާ ހަރަކާތްތަކެއް ޔަގީންވެފައިވާ ކަމަށެވެ.

ޔާމީން ގެންދަވަނީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް އިސްތިއުނާފު ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްްވި މައްސަލަ ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ. އޭގެ އިތުރުން މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ ބާތިލް އަދި ސިޔާސީ ދައުވާތަކެއް ކަމަށެވެ. އެއީ ޔާމީނަށް ނުހައްގުން އަނިޔާދިނުމަށް ހިންގަމުންދާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ މިހާރުން މިހާރަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލަން، ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ބޭނުން ރައީސް ޔާމީނަށް ނުހައްގުން ތި ކުރައްވާ އަނިޔާ މިހާރުން މިހާރަށް ހުއްޓާލައްވައި ރައީސް ޔާމީން މިނިވަންކޮށްދެއްވާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސާފުވެރިކަމާއެކު ޝަރީއަތް ގެންދިއުމުގެ ފުރުސަތު ސަރުކާރުން ދީފި ނަމަ ޔާމީން މިނިވަންވާނެ ކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ. އެކަމަކު ކޯޓުުތަކަށް ސަރުކާރުގެ ނުފޫޒު އަންނާނެ ވަރާ މެދު ބިރުގަންނަ ކަމަށް ވިދާޅުވި އެވެ. އެކަމުގެ މިސާލެއްގެ ގޮތުން ދެއްކެވީ، މަނީ ލޯންޑަރިންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑުކޮށް އެ މައްސަލަ ފަހުން އެހެން ގާޒީއަކާ ހަވާލުކުރުމެވެ.

"އޮތް ހަމައެކަނި ޔަގީންކަމަކީ ނުފޫޒެއް ނެތް ނަމަ ރައީސް ޔާމީން މިނިވަންވެގެން ދާނެ ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީން ޖަލަށް ލާފައިވަނީ ގައުމުގެ މިނިވަންކަން ނަގާލަން ކުރާ މަސައްކަތް ހުއްޓާލަފާނެތީ ކަމަށާއި ބައެއްގެ އަޅުވެތިކަމަށް ދާން ރައްޔިތުން ބޭނުން ނުވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ. ރައްޔިތުން ބަނޑަށް ޖެހެން ބޭނުންނުވާ ކަމަށާއި މި ހާލަތުން އަރައިގަނެވެގެން އޮތީ ޔާމީން މިނިވަންވެގެން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި ޔާމީންގެ ހިދުމަތް ރައްޔިތުން ބޭނުންވާ ކަމަށެވެ. ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް މިނިވަންކަމާއެކު ހިދުމަތްކުރަން އެމަނިކުފާނު ބޭނުންފުޅުވިއަސް ރާއްޖޭގެ ތާރީހުގައި ވެސް ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް މިފަދަ އަނިޔާއެއް ދީފައިނުވާ ކަމަށް ވިދާޅުވި އެވެ. ޔާމީން ޖަލުގައި ހުންނަވަތާ 300 އަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ،

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ޔާމީންގެ އެކައުންޓް ފްރީޒް ކުރަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ޔާމީން ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޮނުވި ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އަކާ ގުޅިގެން ކަމަށެވެ. އެކަމަކު އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓާ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ހުރި ގުޅުމެއް ފުލުހުންނަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ދެއްކިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.