Roadha Mihaaru

އިންޑިއާ ކުއްޖެއްގެ ނަމަކަށް ކޮރޯނާ

ކޮވިޑް-19 ފަތުރާ ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާދީއްތަ ދުވަހު އިންޑިއާގައި ކާފިއު އިއުލާންކޮށްފައި ވަނިކޮށް އުފަންވި ކުއްޖަކަށް ކޮރޯނާގެ ނަން ދީފި އެވެ.

އިންޑިއާ ކުއްޖެއްގެ ނަމަކަށް ކޮރޯނާ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

25 މާޗް 2020

ކޮވިޑް-19 ފަތުރާ ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާދީއްތަ ދުވަހު އިންޑިއާގައި ކާފިއު އިއުލާންކޮށްފައި ވަނިކޮށް އުފަންވި ކުއްޖަކަށް ކޮރޯނާގެ ނަން ދީފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަހާ ގުޅުވައިގެން ނަން ދިނީ އުއްތަރު ޕްރަދޭޝްގެ ގޯރަހްޕޫރަށް އުފަންވި އަންހެން ކުއްޖަކަށެވެ. މިކަމާ ބެހޭ ގޮތުން އެ ކުއްޖާގެ އާއިލާގެ ފަރާތުން މީޑިއާތަކާ ވާހަކަ ދެއްކި ކުއްޖާގެ ބޮޑުބޭބެ ނިތޭޝް ތުރިޕަތީ ބުނީ ކުއްޖާ އަށް ކޮރޯނާގެ ނަން ދިނީ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ.

އޭނާ ބުނިގޮތުގައި ނުރައްކާތެރި ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އިއުލާންކުރި ކާފިއުއަކީ ރައްޔިތުންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުވަން މަގުފަހިވި ކަމެކެވެ.

"އަހަރަމެން ގަބޫލުކުރަން މި ވައިރަހަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަން. އެކަމަކު މީގެ ސަބަބުން ރަނގަޅު ކަންތައްތަކެއް ވެސް އަހަރެމެންގެ ތެރޭގައި އާލާވެގެން ހިނގައްޖެ،" ނިތޭޝް ބުންޏެވެ. "އެހެންވެ އެކަމުގެ ރަމްޒެއްގެ ގޮތުން ކާފިއު އިއުލާން ކުރި ދުވަހު އުފަންވި ކުއްޖާ އަށް ކޮރޯނާގެ ނަން ދިނީ."

އޭނާ ބުނީ ކުއްޖާ އަށް އެ ނަން ދިނީ މަންމަ އާއި ބައްޕަގެ ރުހުމާ ވެސް އެކީގަ އެވެ. ނަމަވެސް ވައިރަހަކާ ގުޅުވައިގެން ކުއްޖަކަށް ނަން ދިނުމުން ބައެއް މީހުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.