Roadha Mihaaru
ދަނޑުވެރި ބިންތަކުގެ ކުލި ތިން އަހަރަށް މާފުކޮށްފި

ދަނޑުވެރި ބިންތަކުގެ ކުލި ރައީސް ތިން އަހަރަށް މާފުކޮށްދެއްވައިފި

15 އޮކްޓޯބަރ 2020

ދަނޑުވެރިކަމަށް އެހީތެރިވުމަށް ދޫކޮށްފައިވާ ބިންތަކާއި އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ކުލި ނުނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ދަނޑުވެރިކަމަށް އެހީތެރިވުމަށް ދޫކޮށްފައިވާ ބިންތަކާއި އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ކުލި ނުނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، މިއީ ދަނޑުވެރިކަން ފުޅާކޮށް، އެ ދާއިރާ އަށް އެހީވުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އެގޮތުން، ތިން އަހަރަށް ކުލި ނުނެގުމާއި އިތުރު ހަ ފަޅު ރަށެއް ދަނޑުވެރިކަމަށް ކުއްޔަށް ދޫކުރަން އިއުލާނު ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދު އަޑިގަނޑެއްގައި އޮތް އިރު މި ހާލަތުން އަރައިގަތުމަށްޓަކައި ދަނޑުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫތަކަށް ބޭރުގެ އެހީދޭ ޖަމިއްޔާތަކުން އެހީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހަށް ވާއިރު، މާދަމާއަކީ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަސްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައުމެއްގެ ފުއްދުންތެރިކަމާއި އަމިއްލަވަންތަކަން ބިނާވާ އެންމެ މުހިންމު އެއް ކަމަކީ އެ ގައުމެއްގައި ކާބޯތަކެތީގެ ޔަގީންކަން އޮންނަ ވަރު ކަމަށެވެ. ސަރުކާރަކުގެ ސިޔާސަތަކީ ގައުމަށް ދިމާވާ ކޮންމެ ހާލަތެއްގައި ވެސް ދިވެހިންނަކީ ކާބޯތަކެތީގެ ޔަގީންކަން އޮތް ބަޔަކަށް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ދަނޑުވެރިކަމަށް ދޭ ސަމާލުކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ވެސް ވަނީ ކަނޑާލައިފަ އެވެ. ދަނޑުވެރިންނަށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ދަނޑުވެރިންނަށް ތަމްރީން ޕްރޮގްރާމްތައް ވެސް ބާއްވާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ ދަނޑުތަކުގައި ހައްދާ ތަކެތި ތާޒާކަމާ އެކު، ހަމަ އަގުގައި ވިއްކަން ބާޒާރަށް ނެރުމުގައި ދިމާވާ ދަތިތަކެވެ. މިކަން ހައްލުކުރުމަށްޓަކައި މިިދޔަ އޭޕްރިލް މަހު ސަރުކާރުން އެގްރޯ ނޭޝަނަލް ކިޔާ ކުންފުންޏެއް އުފައްދާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަގީންކަން،" އެވެ.