Roadha Mihaaru
ރައީސް، ސިންގަޕޫރުން ވަޑައިގެން ކާށިދު އަށް

ރައީސް، ސިންގަޕޫރުން ވަޑައިގެން ކާށިދު އަށް

16 އޮކްޓޯބަރ 2022

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ކާށިދު އަށް މިއަދު ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ކާށިދު އަށް މިއަދު ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

އެ މަނިކުފާނު އެ ރަށަށް ވަޑައިގަންނަވާނީ މިއަދު ހަވީރެވެ. ރައީސް ކާށިދު އަށް މި ވަޑައިގަންނަވަނީ ސިންގަޕޫރަށް ކުރެއްވި ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގެންނެވުމަށް ފަހު އެވެ.

ސިންގަޕޫރުގެ ދަތުރުފުޅަށް ފަހު، ރައީސް މިހާރު ވީ ސަން އައިލެންޑު ރިސޯޓުގަ އެވެ. އެއީ އެ ރިސޯޓުގައި މިހާރު ފަށާފައިވާ "2022 ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ – މޯލްޑިވްސް ޗެލެންޖް"ގެ މެޗެއް ބައްލަވައި އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ މުބާރާތް ބާއްވަނީ ޔޫތު މިނިސްޓްރީ އާއި އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަނާއި ވޮލީބޯލް އެސޯސިއޭޝަން ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާށިދު އަށް ކުރައްވާ ދަތުރުފުޅުގައި ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ. އަތޮޅު މަދަރުސާގައި ބާއްވާ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެ އެވެ. އެ ސްކޫލުގައި ބާއްވާ ދަނޑުވެރިކަމުގެ މައުރަޒަށް ވެސް ޒިޔާރަތްކުރައްވައި ދަނޑުވެރިންނާ ރައީސް ބައްދަލުކުރައްވާނެ އެވެ.

ރައީސް ކާށިދު އަށް ކުރައްވާ ދަތުރުފުޅަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.