Roadha Mihaaru
ލިވަޕޫލާއި ސިޓީ މޮޅަކުން ޗެމްޕިއަންސް ލީގު ފަށައިފި

ލިވަޕޫލާއި ސިޓީ މޮޅަކުން ޗެމްޕިއަންސް ލީގު ފަށައިފި

22 އޮކްޓޯބަރ 2020

އަމްސްޓަޑަމް (އޮކްޓޫބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީން މޮޅަކުން މި ފަހަރުގެ ޗެމްޕިއަންސް ލީގު ފަށައިފި އެވެ.

އަމްސްޓަޑަމް (އޮކްޓޫބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީން މޮޅަކުން މި ފަހަރުގެ ޗެމްޕިއަންސް ލީގު ފަށައިފި އެވެ.

ސިޓީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯ ބަލިކުރީ 3-1 އިންނެވެ. ލިވަޕޫލުން ރަށުންބޭރުގައި ނެދަލެންޑްސްގެ ގަދަބާރު އަޔަކްސް ބަލިކުރީ 1-0 އިންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 14 ވަނަ މިނިޓްގައި ޕޯޓޯ އިން ވަނީ ލުއިޒް ޑިއާސްގެ ގޯލުން ލީޑުނަގައިފަ އެވެ. އޭނާ މި ގޯލު ޖެހީ ސިޓީގެ ހަތަރު ވަރަކަށް ކުޅުންތެރިން ކައިރިން ދެމިގަނެގެން ގޮސް އޭރިއާ ތެރެއަށް ވަދެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ސާޖިއޯ އަގުއޭރޯ އެވެ. މި ޕެނަލްޓީ އަކީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސިޓީގެ ރަހީމް ސްޓާލިން އަށް އޭރިއާ ތެރެއިން ޕޯޓޯގެ ޕެޕޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ސިޓީ މޮޅުވީ ދެ ވަނަ ހާފްގެ ގޯލުތަކާ އެކު އެވެ. އެ ޓީމަށް ލީޑުނަަގައިދިން ގޯލު ޖެހީ ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އެވެ. އަދި ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ މި ސީޒަނުގައި އެ ޓީމާ ގުޅުނު ސްޕެއިންގެ ވިންގް ފެރާން ޓޮރޭޒް އެވެ.

ސިޓީގެ ސްޓާލިން (ވ) އަތުން ބޯޅަ ހޯދަން ޕޯޓޯގެ ޕެޕޭ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ސްޓާލިން (ވ) އަތުން ބޯޅަ ހޯދަން ޕޯޓޯގެ ޕެޕޭ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ސިޓީގެ ޑިފެންޑަރު ފެނާންޑީނިއޯ ވަނީ ބަދަލުކޮށްފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ފެނާންޑީނިއޯ އަށް ލިބުނު އަނިޔާ އިން ރަނގަޅު އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ހަ ހަފްތާ ފަހުން ކަމަށެވެ.

މި ވަގުތަށް ބަލާއިރު އަނިޔާގެ މައްސަލަ އެންމެ ބޮޑީ ލިވަޕޫލަށެވެ. އެ ޓީމުގެ ވައިސް ކެޕްޓަން ވާޖިލް ވެން ޑައިކަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި ދެން ނުކުޅެވޭނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، އެއް ވަނަ ކީޕަރު އެލިސަން ބެކާ އާއި މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ވެސް ތިބީ އަނިޔާގަ އެވެ. ވެން ޑައިކްގެ މަގާމުގައި ރޭ ކުޅުނު ފަބީނިއޯ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ ގޯލު ރޮނގުމަތިން އަޔަކްސްގެ ކެޕްޓަން ޑޫސަން ޓަޑިޗް ޖެހި ބޯޅައެއް ވެސް ސަލާމަތްކޮށްފަ އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިވަޕޫލަށް ވެސް ލިބުނު މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ގޯލަކީ އަޔަކްސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލިވަޕޫލްގެ ސަޑިއޯ މާނޭ ނެގި ހުރަހެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އަޔަކްސްގެ ޑިފެންޑަރު ނިކޮލަސް ޓަގްލިއަފީކޯ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. މި މެޗުގައި އަޔަކްސްގެ ކުއިންސީ ޕްރޯމެސް ޖެހި ބޯޅައެއް ލިވަޕޫލް ގޯލުގައި ހުރި އެޑްރިއަން ވަނީ މަތަކޮށްފަ އެވެ.

ސިޓީ ގްރޫޕްގައި ދެން ކުޅުނު މެޗުން އޮލިމްޕިއާކޯސް ވަނީ 1-0 އިން މާސޭ ބަލިކޮށްފަ އެވެ. އަދި ލިވަޕޫލް ގްރޫޕްގެ އެއް ވަނަ އަށް އިޓަލީގެ އެޓަލަންޓާ ޖެހިލީ ރޭ ރަށުންބޭރުގައި ޑެންމާކްގެ މިޑްޓަޔައެލަންޑް 4-0 އިން ބަލިކޮށްގެންނެވެ.