Roadha Mihaaru
ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗުތައް ހަންގޭރީގައި

ސިޓީ އާއި ލިވަޕޫލް ކުޅޭ ޗެމްޕިއަންސް ލީގު މެޗުތައް ހަންގޭރީގައި

09 ފެބުރުއަރީ 2021

ޕެރިސް (ފެބްރުއަރީ 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ޓީމުތަކާ ދެކޮޅަށް ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުތައް ހަންގޭރީގެ ބުޑަޕެސްޓުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕެރިސް (ފެބްރުއަރީ 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ޓީމުތަކާ ދެކޮޅަށް ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުތައް ހަންގޭރީގެ ބުޑަޕެސްޓުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހަންގޭރީގެ މަޝްހޫރު ސްޓޭޑިއަމް ޕުސްކަސް އެރީނާގައި ކުޅޭނީ އަންނަ ހަފްތާގައި ލިވަޕޫލާއި ޖަރުމަނުގެ އާރްބީ ލައިޕްޒިގު ކުޅޭ މެޗާއި މި މަހު 24 ވަނަ ދުވަހު ސިޓީ އާއި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް ބައްދަލުކުރާ މެޗެވެ.

މި ދެ މެޗު ހަންގޭރީ އަށް ބަދަލުކުރަން ނިންމީ ކޮވިޑް-19ގެ އާ ވޭރިއަންޓުގެ ނުރައްކާ ޔޫރަޕްގައި ބޮޑުވެ، ޖަރުމަނު ސަރުކާރުން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިންގްލެންޑް ހިމެނޭ ގޮތަށް އެކި ގައުމުތަކުން އަންނަ މީހުންނަށް ޖަރުމަނަށް އެތެރެނުވެވޭ ގޮތަށް އުސޫލުތައް ކަނޑައެޅުމާ ގުޅިގެންނެވެ. ލައިޕްޒިގާއި މުންޗެންގްލަޑްބެކުން ހާއްސަ ހުއްދައެއްގެ ދަށުން އެ ގައުމުގައި މެޗުތައް ކުޅެވޭތޯ ޖަރުމަނު ސަރުކާރާ އެކު ކުރި މަޝްވަރާތައް ކާމިޔާބެއްނުވި އެވެ.

ޔުއެފާގެ ގަވާއިދުގައިވާ ގޮތުން ހޯމް ޓީމަށް އަމިއްލަ ދަނޑުގައި މެޗު ކުޅެވޭނެ ގޮތެއް ނުހޯދިއްޖެނަމަ އެ މެޗު އެ ޓީމަށް 3-0 އިން ގެއްލޭނެ އެވެ. ޖަރުމަނު ސަރުކާރުގެ ނިންމުމާ މެދު ލިޕްޒިގުން އެންމެ ފުރަތަމަ މަސައްކަތްކުރީ އިންގްލެންޑްގެ ޓޮޓެންހަމް ދަނޑުގައި އެ ޓީމުގެ ހޯމް މެޗު ކުޅޭށެވެ. އެކަމަކު އެ ގޮތަށް ޓޮޓެންހަމް ބޭނުންނުވުމުން ފަހުން ހަންގޭރީގައި ކުޅެން ނިންމީ އެވެ. ލިޕްޒިގަށް ހަންގޭރީގައި ކުޅެން ފުރުސަތު ލިބިފައި އޮތުމުން މުންޗެންގްލަޑްބެކުން ވެސް އިތުރު ދަނޑެއް ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ފަސޭހައިން ހަންގޭރީގައި މެޗު ކުޅެވެން އޮތުމުން އެ ފުރުސަތުގެ ބޭނުން ހިފީ އެވެ.

ކޮވިޑް-19ގެ ނުރައްކާ މި ވަގުުތު ޔޫރަޕްގައި ބޮޑުވެފައިވާއިރު، މި މަހު ފަށާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ގިނަ މެޗުތަކެއް ދަތުރުފަތުރުގެ ދަތިތަކާ ހެދި ނިއުޓްރަލް ދަނޑެއްގައި ކުޅެން ޖެހޭނެ އެވެ. އެ ގޮތުން ޔޫރޮޕާ ލީގު ދެ ވަނަ ބުރުގައި ރެއާލް ސޮސިއެޑާޑްގެ ހޯމް މެޗު ސްޕެއިންގައި ކުޅެވެން ނެތުމުން އެ ޓީމުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އިޓަލީގައި ކުޅެވޭތޯ ދަނީ މަޝްވަރާކުރަމުންނެވެ.

މިދިޔަ އަހަރު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ މެޗުތައް ކުއާޓާ ފައިނަލާ ހަަމައިން ކުރިއަށްގެންދިޔައީ ސެންޓަރްލައިޒްކޮށް އެއް ދަނޑެއްގަ އެވެ.