Roadha Mihaaru
މަރުުވި ޒުވާނާ އެންމެފަހުން ފެނުނީ މޫދަށް އެރެނިކޮށް

މަރުުވި ޒުވާނާ އެންމެ ފަހުން ފެންނަނީ ބުރާސްފަތި ދުވަހު މޫދަށް އެރެނިކޮށް

24 އޮކްޓޯބަރ 2020

މަރުވެފައި މޫދުގައި އޮއްވައި އިއްޔެ ފެނުނު ޒުވާނާ، ބުރާސްފަތި ދުވަހު ހެނދުނު ރަސްފަންނުން މޫދަށް އެރެންދާތަން ވީޑިއޯ އިން ފެންނަކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މަރުވެފައި މޫދުގައި އޮއްވައި އިއްޔެ ފެނުނު ޒުވާނާ، ބުރާސްފަތި ދުވަހު ހެނދުނު ރަސްފަންނުން މޫދަށް އެރެންދާތަން ވީޑިއޯ އިން ފެންނަކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ގދ. ވާދޫ މުހައްމަދު ސިދުރަތުﷲ، 31، އައިޖީއެމްއެޗާ ދިމާލުން ކަނޑުތޮށިން ބޭރުގައި މަރުވެ މޫދު އަޑީގައި އޮއްވައި އިއްޔެ ހެނދުނު ފެނުނު އިރު އޭނާގެ ހަށިގަނޑުގައި ބައެއް ޒަހަމްތައް ހުރުމުން އޭނާ މަރާލާފައި އޮތް ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. މަރުވެފައި އޮއްވައި ފެނުނު އިރު އެއް ލޯ ނެތެވެ. އަދި ފައިގެ ބައެއް އިނގިލިތަކުގެ ކޮޅުގައި، އެއްޗެއް ދަތް އެޅުމުން ބުރިވެފައި ހުންނަ ކަހަލަ ގޮތަކަށް ހުރި ކަމަށް އެނގިފައިވެ އެވެ.

މަރުގެ މައްސަލަ އާއިލާއިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅާފައި ވާއިރު އެތަނުން އަންނަނީ މައްސަލަ ބަލަމުންނެވެ.

މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު 9:30 އާއި 10:00 އާ ދެމެދު މުހައްމަދު ސިދުރަތުﷲ އައިޖީއެމްއެޗް ކައިރިން ބާރަށް ހިނގާފައިދެ އެވެ. މަގު މެދުން ކަހަލަ ގޮތަކަށް ހިނގަމުން ދިޔައިރު ކޮންމެވެސް ވަރަކަށް ވާރޭ ވެސް ވެހެ އެވެ. އައިޖީއެމްއެޗް ކައިރީ ހުންނަ ފުލުސް މަރުކަޒުގެ ކައިރިން ގޯޅި އަޅައިގެން ގޮސް އޭނާ ގެއްލެނީ މޫދާ ދިމާލަށް ގޮހެވެ. އޭގެ ފަހުން އޭނާ ދެން ނުފެނެ އެވެ. އެހެން ކަމަށްވާ ނަމަ އޭނާ މަރުވެފައި އޮއްވައި ފެނުނީ އޭގެ 24 ގަޑިއިރު ފަހުންނެވެ.

މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ސިދުރަތުﷲ

މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ސިދުރަތުﷲ

މަރުވެފައި އޮއްވައި ފެނުނު މީހާ ބަޔަކާ އެކު ބުދަ ދުވަހު މާލޭގެ ގެސްޓްހައުސްއަކަށް ޗެކިން ވެފައިވާ ކަމަށް ވެސް އޭނާގެ ފޭސްބުކް ޕްރޮފައިލުން ދައްކަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ފުލުހުން ބުނެފައިވަނީ މަރުވެފައި އޮއްވައި މޫދުން ފެނުނު މީހާގެ މަރުގެ ސަބަބުން ދެނެގަތުމަށް ޕޯސްޓްމޯޓަމެއް ހަދަން ނިންމާފައިވާ ކަމަށެވެ.

ފުލުހުން ވަނީ މި ތަހުގީގުގައި، ބުރާސްފަތި ދުވަހު ހެނދުނު ރަސްފަންނަށް ދިޔަ މީހުން ނުވަތަ އެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރި ނަމަ އެކަން ފުލުހުންނަށް އަންގައިދިނުމަށް ވެސް އެދިފަ އެވެ.