Roadha Mihaaru
ރަޝިޔާގެ ޓޫރިސްޓުންގެ އަދަދުން އާ އުއްމީދުތަކެއް

ރަޝިޔާގެ ޓޫރިސްޓުންގެ އަދަދުން އާ އުއްމީދުތަކެއް

25 އޮކްޓޯބަރ 2020

ރަޝިޔާގެ ޓޫރިސްޓުންގެ އަދަދު ހީކުރި ވަރަށް ވުރެ މައްޗަށް ހިނގައްޖެ އެވެ؛ މިއީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުން ނަމަ، "އެ މާކެޓްގައި ހައިރާން ކުރުވާ ވަރުގެ ނަތީޖާއެއް ނުކުމެދާނެ" ކަމެކެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރަޝިޔާގެ ޓޫރިސްޓުންގެ އަދަދު ހީކުރި ވަރަށް ވުރެ މައްޗަށް ހިނގައްޖެ އެވެ؛ މިއީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުން ނަމަ، "އެ މާކެޓްގައި ހައިރާން ކުރުވާ ވަރުގެ ނަތީޖާއެއް ނުކުމެދާނެ" ކަމެކެވެ.

"ކޮވިޑާ ގުޅިގެން ބޯޑަރު ހުޅުވާލި ފަހުން އަޅުގަނޑުމެންނަށް ފެންނަ އެންމެ ސަޕްރައިޒިން އަދަދަކީ ރަޝިޔާގެ ޓޫރިސްޓުންގެ އަދަދު،" މިނިސްޓަރު އިއްޔެ "މިހާރު" އަށް ވިދާޅުވި އެވެ.

ރަޝިޔާގެ ޓޫރިސްޓުންގެ އަދަދުން ހައިރާން ކުރުވާވަރުގެ ނަތީޖާއެއް ނުކުމެދާނެ ކަމަށް މިނިސްޓަރު އެ ވިދާޅުވާ މައިގަނޑު ސަބަބަކީ، ބޯޑަރު ހުޅުވާލި ފަހުން އެހެން ހުރިހާ ގައުމަކަށް ވުރެ ރަޝިޔާގެ ޓޫރިސްޓުންގެ އަދަދު މިހާތަނަށް ގިނަވެފައި އޮތުމެވެ. އަދި މިދިޔަ އަހަރުގެ އަދަދުތަކަށް ބަލާއިރު، މި އަހަރު ވެސް ހަމަ އެއްވަރެއްގައި ހުންނާނެ ކަމަށް ބެލެވޭ ހަމައެކަނި ގައުމަކީ ވެސް ރަޝިޔާ ކަމަށް ވުމެވެ. ބޯޑަރު އަލުން ހުޅުވާލި ދުވަސް، ޖުލައި 15 އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ރަޝިޔާ އިން ވަނީ 6،026 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ވެސް މެ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ ބޯޓުން އައި ޓޫރިސްޓުން އެއާޕޯޓު ތެރޭގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ ބޯޓުން އައި ޓޫރިސްޓުން އެއާޕޯޓު ތެރޭގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

މިދިޔަ އަހަރު ރަޝިޔާ އިން ރާއްޖެއަށް 120،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ. އެއީ މިދިޔަ އަހަރު ރާއްޖެ އަށް ޓޫރިސްޓުން އައި ގައުމުތަކުގެ ހަތަރު ވަނަ އެވެ.

މި ދުވަސްކޮޅު ރަޝިޔާގެ ޓޫރިސްޓުން ގިނަވެފައިވާ މައިގަނޑު ސަބަބަކީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހަންމަދު ވަހީދު ވިދާޅުވި ގޮތުގައި، އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކެވެ.

"ދުނިޔޭގައި މިހާރު ޓްރެވެލް އިންޑަސްޓްރީ މި ބިނާވަނީ އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި ދަތުރުކުރާ މަންޒިލްތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް،" ތޮއްޔިބް ވިދާޅުވި އެވެ.

"ދެން އޮންނާނީ އަޅުގަނޑުމެން ދޭ ރައްކާތެރިކަން. އެ ރައްކާތެރިކަން އެބަ ދެވޭ."

މައުސޫމް ވެސް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ދީފައިވަނީ އެހެން އެއްވެސް ގައުމެއްގައި ޓޫރިސްޓުންނަށް ދީފައި ނުވާ ވަރުގެ ލުއިތަކެކެވެ. ހަމައެއާ އެކު ރާއްޖެ އުފެދިފައި އޮތް ގޮތުން މިއީ "ސޭފް ޑެސްޓިނޭޝަނެއްކަން މިހާރު އެންމެންނަށް ވެސް އެނގޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެންނަށް މިހާރު އުންމީދުތައް އާވަމުން އެބަ ދޭ. ފަހަރަކު އެއާލައިނެއް އެބަ އިތުރުވޭ. ޓޫރިސްޓުން ވެސް އަންްނަލެއް އެބަ އިތުރުވަމުން ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ރަޝިޔާގެ މާކެޓަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަވި އެންމެ ބޮޑު އެކައްޗަކީ ރާއްޖޭގެ ވަރަށް ޒުވާން ޓުއާ އޮޕަރޭޓަރުންތަކެއް ވެސް އެބަ އިޝްތިހާރު ކުރޭ ސީދާ އެ މާކެޓަށް އަމާޒުކޮށް."

ތޮއްޔިބް ވިދާޅުވި ގޮތުގައި ކޮވިޑަށް ފަހު، ޓޫރިސްޓުން ގެނައުމަށްޓަކައި ރަޝިޔާގެ އެއިރޮފްލޮޓްގެ ދަތުރުތައް ރާއްޖެ އަށް ފަށަން ވަރަށް ބުރަ މަސައްކަތެއް ވަނީ ކޮށްފަ އެވެ. ސަރުކާރާއި އެމްއެމްޕީއާރުސީ ގުޅިގެން އެ އެއާލައިން އަށް ވިސްނައިދިނުމަށް ކުރި މަސައްކަތަކީ ވަރަށް އުނދަގޫ މަރުހަލާއެއް ކަން ތޮއްޔިބް ފާހަގަކުރެއްވި އެވެ.

"ފުރަތަމަ ހަފުތާއަކު އެއް ދަތުރު އެ މީހުން ކުރަން ފެށީ. އޭގެ ފަހުން އަނެއްކާވެސް ވާހަކަ ދައްކައިގެން [ހަފުތާއަކު] ތިން ފްލައިޓް ބާއްވަން ފެށީމަ ވެސް ފްލައިޓްތައް ފުރެމުން ދިޔައީ،" ތޮއްޔިބް ވިދާޅުވި އެވެ.

ރަޝިޔާ އިން ޓޫރިސްޓުން އަންނަ މައި އެއާލައިނަކީ އެއިރޮފްލޮޓެވެ. ބޯޑަރު ހުޅުވާލި ފަހުން އެ އެއާލައިނުން މި މަހުގެ 18ގެ ނިޔަލަށް 12 ފްލައިޓް ބާއްވައި 3،900 ޓޫރިސްޓުން ވަނީ ގެނެސްފަ އެވެ.

"މީގެ އިތުރުން އަޅުގަނޑުމެން ކުރިން ވެސް ވާނީ ރަޝިޔާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން މަސައްކަތްތަކެއް ކޮށްފައި. ކޮވިޑްގެ ފަހުން ވެސް އަޅުގަނޑުމެން ވާނީ އޮންލައިން ފޯރަމެއް ވެސް ރަޝިޔާގެ އެޖެންޓުންނާ އެކު ބާއްވައިފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން އައި ޓޫރިސްޓުން އެއާޕޯޓު ތެރޭގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން އައި ޓޫރިސްޓުން އެއާޕޯޓު ތެރޭގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރި އިރު، ރާއްޖެ އަށް އައިސްފައި ވަނީ 382،000 ޓޫރިސްޓުންނެވެ. ބޯޑަރު އަލުން ހުޅުވި ފަހުން މިހާތަނަށް އައީ 41،000 ޓޫރިސްޓުންނެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް 370 ވަރަކަށް މީހުންނެވެ. އާންމު ހާލަތުގައި ރާއްޖެ އަކީ އާންމުކޮށް އެވްރެޖްކޮށް ދުވާލަކު 4.200 ޓޫރިސްޓުން އަންނަ ގައުމެކެވެ. އެކަމަކު މިހާރު ތަަފާސްހިސާބުތައް ރަނގަޅުވެ، މި މަހުގެ ތެރޭގައި ދުވާލެއްގެ އެވްރެޖް ވަނީ 600 އަށް އަރައިފަ އެވެ.

"އެހެންވީމަ ވަރަށް ރަނގަޅަށް އަދި މި ދަނީ. އެންމެ ހިތްހަމަޖެހޭ ވަރު ނޫނަސް އަޅުގަނޑު ދަންނަވާނީ އަދިވެސް ރަނގަޅުވާނެއޭ. އަންނަ މަހުގެ ތެރޭގައި ޗައިނާ އިން ވެސް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވޭ. އޭގެ އިތުރުން އިނގިރޭސިވިލާތުން ވެސް ޓޫރިސްޓުން އަންނަން ފަށާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ޓާގެޓް ކުރި އެއް ލައްކަ ޓޫރިސްޓުން މި ދެ މަހުގެ ތެރޭގައި ހަމަވާނެ ކަމަށް ގަބޫލުކުރެވޭ."

ބޯޑަރު ހުޅުވާލި ފަހުން، ރާއްޖެ އަށް ރަނގަޅަށް ޓޫރިސްޓުން އަންނަމުން ދިޔައީ ރަޝިޔާގެ އިތުރުން ޔޫއޭއީ، އެމެރިކާ އަދި އިނގިރޭސިވިލާތެވެ. މިއީ ރާއްޖެއަށް ޓޫރިސްޓުން އަންނަ މަންޒިލްތަކުގެ ތެރެއިން މިހާރު އެންމެ ކުރީގައި އޮތް ހަތަރު ގައުމެވެ.

"ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އިތުރު ހަ އެއާލައިނެއް އެބަ އޮތް އަންނަން ހަމަޖެހިފައި. އެހެންވީމަ އުންމީދު އަދި އޮތީ،" މައުސޫމް ވިދާޅުވި އެވެ.