Roadha Mihaaru
އިންޑިއާގެ ވީޑިއޯ ގޭމް "ފައު-ޖީ"ގެ ޕްރޮމޯއެއް

އިންޑިއާ އިން ނެރޭ ވީޑިއޯ ގޭމް "ފައު-ޖީ"ގެ ޕްރޮމޯއެއް

27 އޮކްޓޯބަރ 2020

އިންޑިއާގައި ބޮޑު މަގުބޫލުކަމެއް އޮތް މަޝްހޫރު ވީޑިއޯ ގޭމް "ޕަބްޖީ" އެ ގައުމުގައި މަނާކުރުމާ ގުޅިގެން ބަދަލުގައި ގެނެސްދޭ އިންޑިއާގެ އަމިއްލަ ގޭމް "ފައު-ޖީ" ގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ބޮޑު މަގުބޫލުކަމެއް އޮތް މަޝްހޫރު ވީޑިއޯ ގޭމް "ޕަބްޖީ" އެ ގައުމުގައި މަނާކުރުމާ ގުޅިގެން ބަދަލުގައި ގެނެސްދޭ އިންޑިއާގެ އަމިއްލަ ގޭމް "ފައު-ޖީ" ގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

މީ ގޭމް ނެރޭކަން އިއުލާންކުރުމާ އެކު އޭގެ ޕްރޮމޯޝަނަށް މަސައްކަތްކުރާ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ވަނީ އިންޑިއާގައި އާދީއްތަ ދުވަހު ފާހަގަކުރި ދުޝޭރާ ފެސްޓިވަލާ ދިމާކޮށް ގޭމްގެ ޕްރޮމޯއެއް ވެސް ސޯޝަލް މީޑިއާގައި ދައްކާލައިފަ އެވެ.

އިންޑިއާގެ ވަތަނީ ރޫހާއި ދުޝްމަނުންގެ ކިބައިން އެ ގައުމު ދިފާއުކުރަން އިންޑިއާގެ އަސްކަރީ ލަޝްކުރާ މަސައްކަތުގެ ތެރެއަށް ގޭމް ކުޅޭ މީހުން ގެންގޮސްދޭ ގޮތަށް ފަރުމާކޮށްފައިވާ ފައު-ޖީ އުފައްދާފައި ވަނީ އިންޑިއާގައި މި ބާވަތުގެ މަސައްކަތްކުރާ އެންކޯ ގޭމްސްއިންނެވެ.

"ފައު-ޖީ" އަކީ ޑިޖިޓަލްގެ ދުނިޔޭގައި އެހެން ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އިންޑިއާގެ އުފެއްދުންތެރިކަން އިތުރުކޮށް، އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ކުރިއަރުވަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރައްވާފައިވާ އިނިޝިއޭޓިވް "އާތުމާ ނިރްބާރް ބާރަތު" އަށް ސަޕޯޓް ވެސް ކުރުމުގެ ގޮތުން އެންކޯ އިން އުފެއްދި ގޭމެކެވެ.

އިންޑިއާގައި "ޕަބްޖީ" މަނާކުރީ ޗައިނާއާ ދެމެދު އުފެދިފައިވާ ސިޔާސީ ކޯޅުންތަކާ ހެދި، ޗައިނާގެ ބައިވެރިވުން އޮންނަ އެޕްތައް އިންޑިއާގައި މަނާކުރަން ފެށުމާ އެކު މިދިޔަ މަހުގެ 2 ގަ އެވެ.

"ފައު-ޖީ" ރަސްމީކޮށް ލޯންޗްކުރަން ނިންމާފައި ވަނީ އަންނަ މަހު އެވެ. އެކަން ގޭމް އުފެއްދި އެންކޯ އިން ހިއްސާކުރަމުން ބުނީ މިއީ އިންޑިއާގައި ކާމިޔާބު ގޭމަކަށް ވާނެ ކަމަށެވެ. ނަމަވެސް ގޭމް ނެރޭނެ ސީދާ އަދި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.