Roadha Mihaaru
ކައުންސިލްތަކުން ލޯނާއި އެހީދެވޭ ބިލު ތަސްދީގުކޮށްފި

ކައުންސިލްތަކުން ލޯނާއި ގެރެންޓީ ދެވޭ ބިލު ތަސްދީގުކޮށްފި

13 ޑިސެމްބަރ 2021

ލޯކަލް ކައުންސިލްތަކަށް އަހަރަކަށް ލިބޭ އާމްދަނީގެ ތެރެއިން ހަރަދު ކަނޑައި ބާކީ ހުންނަ ފައިސާ އެހެން ކައުންސިލްތަކަށް ލޯނުގެ ގޮތުގައި ދޫކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނު ބަދަލުކުރަން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލްތަކަށް އަހަރަކަށް ލިބޭ އާމްދަނީގެ ތެރެއިން ހަރަދު ކަނޑައި ބާކީ ހުންނަ ފައިސާ އެހެން ކައުންސިލްތަކަށް ލޯނުގެ ގޮތުގައި ދޫކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނު ބަދަލުކުރަން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި ގާނޫނުގައިވާ ގޮތުން، ކައުންސިލަކުން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ އަނބުރާ ނުދައްކައިފި ނަމަ، ދައުލަތުން ކައުންސިލްތަކަށް ދޫކުރާ ފައިސާ، ލޯނު ނެގި ކައުންސިލަށްް ދޫކުރާނީ ލޯނަށް ދައްކަން ޖެހޭ އަދަދު އުނިކުރުމަށް ފަހު އެވެ. ސަރުކާރުން އެ ފައިސާ ދޭނީ ގާނޫނުގައިވާ ގޮތުން ލޯނު ދޫކުރި ކައުންސިލަށެވެ.

ލޯނު ދޫކުރުމުގެ ހުއްދަ އާއި އެކަމާ ބެހޭ އުސޫލުތައް މާލިއްޔަތު ގާނޫނުގައި ހިމެނީ،، މާލިއްޔަތު ގާނޫނަށް އިތުރުކުރި އަކުރު ތަކަކުންނެވެ. އެއީ މާލިއްޔަތު ގާނޫނުގެ (4) ވަނަ މާއްދާގެ (ޅ)ގެ ފަަހަތަށް އިތުރުކުރި، އަކުރުތަކަކުންނެވެ.

ކައުންސިލްތަކުން ދަރަންޏަށް ފައިސާ ނެގުމުގެ އުސޫލު

މިއަދު ތަސްދީގުކުރި ގާނޫނުން މާލިއްޔަތު ގާނޫނަށް އިތުރުކުރި އެންމެ މުހިއްމު އެއް ބަޔަކީ ކައުންސިލްތަކުން ދަރަންޏަށް ފައިސާ ނެގުމުގެ އުސޫލުތަކެވެ. އެކަމަށްޓަކަައި މާލިއްޔަތު ގާނޫނަށް ތިން މާއްދާއެއް ތަސްދީގުކުރި އިސްލާހުން ވަނީ އިތުރުކޮށްފަ އެވެ.

އިތުރުކުރި މާއްދާތަކުގައިވާ އުސޫލުގައިވާ ގޮތުން ކައުންސިލްތަކުން ދަރަންޏަށް ފައިސާ ނެގޭނީ، އެ ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭންގައި ހިމަނާފައިވާ މަޝްރޫއުތަކަށެވެ. އެފަދަ މަޝްރޫއަކަަށް ދަަރަަންޏަށް ފަައިސާ ނެގުމަށްޓަކައި ކައުންސިލްގެ މެމްބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށްފައިވާ ގަރާރު ފިނޭންސް މިނިސްޓަރަށް ހުށަހަޅައި ހުއްދަ ވެސް ހޯދަން ޖެހޭނެ އެވެ.

ދަރަންޏަށް ފައިސާ ނަގަން ކައުންސިލްތަކުން ފިނޭންސް މިނިސްޓަރަށް ހުށަހަޅާ ގަރާރުގައި ގިނަ ތަފްސީލުތަކެއް ހިމަނަން ޖެހޭނެ އެވެ. އެ މައުލޫމާތުތަކުގެ ތެރޭގައި ދަރަންޏަށް ފައިސާ ނަގައިގެން ހިންގަން އުޅޭ މަޝްރޫއުން އެރަށަކަށް ނުވަތަ ސިޓީއަކަށް ވާނެ ފައިދާއާއި އެކަމުން ކައުންސިލްގެ މާލިއްޔަތަށްް ކުރާނެ އަސަަރުގެ ތަފްސީލު ހިމެނެ އެވެ.

ދަރަނީގެ އިންޓަރެސްޓާއި ދަރަނި އަދާކުރުމަށް ކުރަން ޖެހޭ ހަރަދުތަކުގެ ތަފްސީލު ވެސް މިއަދު ތަސްދީގުކުރި ގާނޫނު ބުނާ ގޮތުން ކައުންސިލްތަކުން ފިނޭންސް މިނިސްޓަރަށް ހުށަހަޅަން ޖެހޭނެ އެވެ. ދަރަންޏަށް ފައިސާ ނަަގަން ކައުންސިލުން އިޚުތިޔާރުކުރާ ބޭންކް، އިޚުތިޔާރުކުރާ ސަބަބު ވެސް މިނިސްޓަރަށްދޭ މައުލޫމާތުގެ ތެރޭގައި ހިމަނަން ޖެހޭނެ އެވެ.

ކައުންސިލަކުން ބޭންކް ގެރެންޓީ ދޭ ނަމަ ވެސް އަމަލުކުރަން އެގާނޫނުގައި އޮތީ ހަމަ މި ގޮތެވެ. އެކަމަކު ގެރެންޓީ ދިނުމާ ބެހޭ ތަފްސީލީ ގަވައިދެއް ވެސް މިއަދު ފާސްކުރި ގާނޫނުގެ ދަށުން ހަދަން ޖެހެ އެވެ.

މާލިއްޔަތު ގާނޫނަށް ގެނައި މި ބަދަލުތަކަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލުތަކާ އެއްގޮތް ކުރުމަށް އެހެން ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ. ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވަން ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެއްގޮތަށް މީގެ ކުރިން އެހެން ބައެއް ގާނޫނުތައް ވެސް ވަނީ އިސްލާހުކޮށްފަ އެވެ.