Roadha Mihaaru
އެމްޑީޕީގެ ދަފްތަރުން ރީކޯ މޫސަ އުނިކުރަން އެދެފި

އެމްޑީޕީގެ ދަފްތަރުން ރީކޯ މޫސަ އުނިކުރަން އެދެފި

31 އޮކްޓޯބަރ 2016

ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކޮށްފައިވާތީ އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކުރަން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކޮށްފައިވާތީ އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކުރަން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެ އެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ރީކޯ މޫސައާ މެދު ޕާޓީން ފިޔަވަޅު އަޅައި ޕާޓީން ވަކިކޮށްފައިވާތީ އެކަން ތަންފީޒުކޮށްދޭން އިލެކްޝަންސްގައި އެދިފައިވާ ކަމަށެވެ. އޭނާގެ ނަން އުނިކޮށް މަޖިލީހަށް ވެސް އެކަން އަންގައިދޭން އެދިފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މޫސަ ޑިސެމްބަރު 22، 2014 ގައި އެމްޑީޕީން ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ. އެހެންވެ، ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ މޫސަ މާފަށް އެދިވަޑައިގަތުމަށް ފަހު، 50 މެމްބަރުންގެ ސޮޔާ އެކު އަލުން ޕާޓީ އޮފީހަށް ފޯމް ހުށަހެޅުމަށެވެ. އަދި އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަކުރުން ފަސް އަހަރަށް ވަނީ މަނާކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބެވޭނީ އިނގިލީގެ ނިޝާނާ އެކު ފޯމު ހުށަހަޅާ މީހުންނަށް ކަމަށް ގާނޫނަށް ގެނައި އިސްލާހާ އެކު އިނގިލީގެ ނިޝާން ހަމަކުރަން ޕާޓީތަކަށް ދިން އެއް މަސް ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް އެމްޑީޕީން މޫސަގެ ފޯމު އިލެކްޝަނަށް ހުށަހަނާޅަ އެވެ.

އެކަމަކު، އޭނާ ޕާޓީން ވަކި ނުކޮށް، ފިންގާޕްރިންޓާ އެކު ފޯމު ހުށަހެޅި ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ޕާޓީން ވަކިކޮށް އިލެކްޝަނުން މަޖިލީހަށް ވެސް އެންގި އެވެ.

މޫސަ ވަކި ނުކޮށް މި ތިން މެމްބަރުން ވަކިކުރި މައްސަލާގައި އިލެކްޝަނަށް ފާޑުކިޔުން އަމާޒުވި އެވެ. އެ ތިން މެމްބަރުން އަލުން ދަފްތަރުގައި ހިމަނައި އިލެކްޝަނުން އެކަން މިހާރު ވަނީ މަޖިލީހަށް އަންގައިފަ އެވެ.