Roadha Mihaaru
ރުކުމާ އަމިއްލަ ގޮތުން ވާދަކުރަން ފޯމު ހުށަހަޅައިފި

ރުކުމާ އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމު ހުށަހަޅުއްވައިފި

03 މާޗް 2019

އެމްޑީޕީގެ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް، މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް، މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ޕްރައިމަރީގައި، އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވީ ވިޔަފާރިވެރިޔާ ހުސައިން ޝަމީމް (އަނދުން ހުސައިން) އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން، ރުކުމާ އަމިއްލަ ގޮތުން ފޯމު މި ހުށަހެޅުއްވީ، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ. ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް އޮތީ ދީފަ އެވެ.

ރުކުމާ އީސީ އަށް ފޯމު ހުށަހަޅުއްވަނީ.

ރުކުމާ އީސީ އަށް ފޯމު ހުށަހެޅުއްވީ، އެ ދާއިރާގެ ގިނަ އަދަދެއްގެ މެމްބަރުންގެ ހާޒިރުގަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީން ވަކިވެވަޑައިގަތީ އެ ޕާޓީގައި އިޚުލާސްތެރިންނާއި އަދާވާތްތެރިން ވަކިނުވާ ދަރަޖަ އަށް ކަންތައް ދިއުމުން ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީ އުފައްދަން މަސައްކަތް ކުރި މީހުންގެ އިޚުލާސްތެރިކަން އެ ޕާޓީގެ ބައެއް ވެރިން މިހާރު ބަލައިނުގަންނަ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ބައެއް ވެރިން ފާޅުގައި އޭނާއާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށް ރުކުމާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޕްރައިމަރީން ބަލިވި މީހުން އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިފައި އޮތް ނަަމަވެސް ޕްރައިމަރީން ބަލިވި މީހުން އިންތިޚާބަށް ނުކުމެވަޑައި ނުގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.