Roadha Mihaaru
ފީފާ އެވޯޑުގައި ސަޕޯޓަރުންނަށް ވޯޓް ލެވޭނެ!

ފީފާ އެވޯޑުގައި ސަޕޯޓަރުންނަށް ވޯޓް ލެވޭނެ!

31 އޮކްޓޯބަރ 2016

ޒިއުރިކް (އޮކްޓޯބަރު 31) - މި އަހަރު ފީފާ އިން އަލަށް ތައާރަފްކުރާ ފުޓްބޯޅަ އެވޯޑުގައި ސަޕޯޓަރުންނަށް ވޯޓުލެވޭ ގޮތަށް އެ ޖަމިއްޔާ އިން ހަމަޖައްސައިފި އެވެ.

ޒިއުރިކް (އޮކްޓޯބަރު 31) - މި އަހަރު ފީފާ އިން އަލަށް ތައާރަފްކުރާ ފުޓްބޯޅަ އެވޯޑުގައި ސަޕޯޓަރުންނަށް ވޯޓުލެވޭ ގޮތަށް އެ ޖަމިއްޔާ އިން ހަމަޖައްސައިފި އެވެ.

ފްރާންސް ފުޓްބޯޅަ މެގަޒިން އިން ދެމުން އަންނަ ބެލޮންޑިއޯއާ ގުޅިގެން މިދިޔަ ހަ އަހަރު ފީފާއިން އެވޯޑްތައް ދެމުން އައި ނަމަވެސް ފީފާއިން ވަނީ މި އަހަރުން ފެށިގެން ވަކިން އެވޯޑްތައް ދޭން ނިންމައިފަ އެވެ. ފީފާއިން ވަނީ 1991 އިން ފެށިގެން 2009 އަކާ ހަމައަށް ވަކިން އެވޯޑްތައް ދީފަ އެވެ.

"ދި ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" ގެ ނަމުގައި ފީފާ އިން ބާއްވާ ފުރަތަމަ އެވޯޑް ހަފްލާ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ސްވިޒަލެންޑުގެ ޒިއުރިކްގަ އެވެ. މި ފަހަރު ވެސް ފީފާ އިން ވަނީ އަށް އެވޯޑެއް ދޭން ނިންމައިފަ އެވެ. މި ފަހަރުގެ އެވޯޑަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ވޯޓިން ސިސްޓަމެވެ.

ވޯޓު ކުރިއަށްދާނީ ދެ ބަޔަކުންނެވެ. ވޯޓުގެ 50 ޕަސެންޓަކީ ދުނިޔޭގެ އެކި ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ހޮވާލެވޭ ނޫސްވެރިންގެ މެދުގައި ނެގޭ ވޯޓެވެ. އަނެއް 50 ޕަސެންޓް ވޯޓު ނަގާނީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކުންނެވެ.

މިއީ ފީފާއިން ދޭ އެވޯޑެއްގައި ސަޕޯޓަރުންނަށް ވޯޓުލެވޭ ގޮތަށް ހެދި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރު ފީފާއިން ވަނީ ފީފާ ފޭން އެވޯޑް ވެސް ދޭން ނިންމައިފަ އެވެ. މި އެވޯޑް ލިބޭނީ ފީފާގެ އެކްސްޕާޓް ޕެނަލް އިން މުޅި އަހަރު ހިނގާ ކަންތައްތަކަށް ބެލުމަށް ފަހު ހޮވާ ސަޕޯޓަރަކަށެވެ.

ފީފާއިން މި ފަހަރު ވެސް ދޭން ނިންމާފައިވާ އެވޯޑްތަކަކީ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ، އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗު، އެންމެ މޮޅު ގޯލަށްދޭ ފީފާ ޕުސްކަސް އެވޯޑް، ފީފާ ފޭން އެވޯޑް، ފީފާ ފެއާ ޕްލޭ އެވޯޑް އަދި ފީފާ ޕްރޯ އިލެވެން އެވެ.