Roadha Mihaaru
ސަމޫހްގެ ވޯޓު މެސީ އަށް، ލިޒީގެ ވޯޓު މޯގަން އަށް

ފީފާގެ އެވޯޑަށް ގައުމީ ކެޕްޓަނުންގެ ވޯޓު: ސަމޫހް މެސީ އަށް، ލިޒީ މޯގަން އަށް

28 ފެބުރުއަރީ 2023

ފީފާގެ ދި ބެސްޓް އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ރާއްޖޭގެ ގައުމީ ފިރިހެން ޓީމުގެ ކެޕްޓަން ސަމޫހް އަލީ، ލިއޮނެލް މެސީ އަށް ވޯޓް ދީފި އެވެ.

ފީފާގެ ދި ބެސްޓް އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ރާއްޖޭގެ ގައުމީ ފިރިހެން ޓީމުގެ ކެޕްޓަން ސަމޫހް އަލީ، ލިއޮނެލް މެސީ އަށް ވޯޓް ދީފި އެވެ.

ގައުމީ އަންހެން ޓީމުގެ ކެޕްޓަން އާމިނަތު ލީޒާ (ލިޒީ) ވޯޓް ދިނީ އެލެކްސް މޯގަން އަށެވެ.

ފީފާގެ އެވޯޑްގައި އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗު ހޮވާނީ ގައުމީ ކެޕްޓަނުންނާއި ކޯޗުންގެ ވޯޓް ވެސް ހިމަނައިގެންނެވެ. އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އަދި ކޯޗަށް ވޯޓް ދޭން ޖެހޭނެ އެވެ.

އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ ހޮވުމަށް ސަމޫހޫގެ އެއްވަނަ ވޯޓް ދީފައި ވަނީ މެސީ އަށެވެ. އޭނާގެ ދެވަނަ ވޯޓް ދީފައި ވަނީ އެވޯޑްގައި މެސީ އާ ވާދަ ކުރި ކިލިޔަން އެމްބާޕޭ އަށެވެ. ތިން ވަނަ ވޯޓް ދީފައި ވަނީ ކަރީމް ބެންޒެމާ އަށެވެ.

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މެސީ

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މެސީ

އެންމެ މޮޅު ކޯޗު ހޮވުމަށް ސަމޫހްގެ އެއްވަނަ ވޯޓް ދީފައި ވަނީ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮއްޓީ އަށެވެ. ދެ ވަނަ އަށް ވޯޓް ދީފައި ވަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށެވެ. ތިން ވަނަ އަށް ވޯޓް ދީފައި ވަނީ ފްރާންސްފެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވުމަށް، ލިޒީ އެއް ވަނަ ވޯޓް ދިނީ އެލެކްސް މޯގަން އަށެވެ. ދެ ވަނަ އަށް ވޯޓް ދީފައި ވަނީ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދި ސްޕެއިންގެ އެލެކްސިއާ ޕުޓެލާސް އަށެވެ. ތިން ވަނަ އަށް ވޯޓް ދީފައި ވަނީ ފްރާންސްގެ ވެންޑީ ރެނާޑް އަށެވެ.

އަންހެން ފުޓްބޯޅައިގެ އެންމެ މޮޅު ކޯޗު ހޮވުމަށް ލިޒީ އެއް ވަނަ ވޯޓް ދީފައި ވަނީ އިންގްލެންޑްގެ ކޯޗު ސަރީނާ ވިއެގްމަން އަށެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ ވެސް އޭނާ އެވެ. ދެ ވަނަ އަށް އޭނާ ވޯޓް ދީފައި ވަނީ ބްރެޒިލްގެ ކޯޗު ޕިއާ ސުންދަގޭ އަށެވެ. ތިން ވަނަ އަށް ވޯޓް ދީފައި ވަނީ ފްރާންސްގެ ލިޔޯން އަށް ޔުއެފާ އަންހެން ޗެމްޕިއަންސް ލީގު ހޯދައި ދިން ސޯނިއާ ބޮމްޕަސްޓާ އަށެވެ.

ގައުމީ ފިރިހެން ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް އެއްވަނަ ވޯޓް ދިނީ ކިލިޔަން އެމްބާޕޭ އަށެވެ. ދެ ވަނަ އަށް ވޯޓް ދިނީ މެސީ އަށެވެ. އަދި ތިން ވަނަ އަށް ވޯޓް ދިނީ އާލިންގް ހާލަންޑަށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެލެކްސިއާ ޕުޓެލާސް

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެލެކްސިއާ ޕުޓެލާސް

އެންމެ މޮޅު ކޯޗު ހޮވުމަށް އިޓަލީ އަށް ނިސްބަތްވާ މޮރިއޭރޯގެ އެއް ވަނަ ވޯޓް ދިނީ އަންޗެލޮއްޓީ އަށެވެ. ދެ ވަނަ އަށް ވޯޓް ދިނީ ޕެޕް ގާޑިއޯލާ އަށެވެ. ތިން ވަނަ އަށް ވޯޓް ދިނީ އާޖެނެޓީނާގެ ލިއޮނެލް ސޮކަލާނީ އަށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވުމަށް ގައުމީ އަންހެން ޓީމުގެ ކޯޗުގެ ގޮތުގައި ވޯޓް ދީފައި ވަނީ އާންމުކޮށް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ މަރްޔަމަ މިރްފަތު އެވެ. އޭނާގެ އެއް ވަނަ ވޯޓް ދިނީ އެލެކްސިއާ އަށެވެ. ދެ ވަނަ އަށް ވޮޓް ދިނީ އޮސްޓްރޭލިއާގެ ސެމް ކާރް އެވެ. ތިން ވަނަ އަށް ވޯޓް ދިނީ ނެދަލެންޑްސްގެ ވިވިއަން މިއެޑެމާ އަށެވެ.

އެންމެ މޮޅު ކޯޗުގެ މިރުފަތުގެ އެއް ވަނަ ވޯޓް ދިނީ ސަރީނާ ވިއެގްމަން އަށެވެ. ދެ ވަނަ އަށް ވޯޓް ދިނީ ޗެލްސީގެ ކޯޗު އެމާ ހޭސް އެވެ. އަދި ތިން ވަނަ ވޯޓް ދިނީ ސޯނިއާ އަށެވެ.