Roadha Mihaaru
އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް ބަލަނީ

28 އޮކްޓޯބަރ 2020

ހއ. ހޯރަފުށީގައި ދެމަފިރިއެއް ދެމެދު ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް، ކަމާބެހޭ އިދާރާތަކާއެކު ބަލަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. ހޯރަފުށީގައި ދެމަފިރިއެއް ދެމެދު ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް، ކަމާބެހޭ އިދާރާތަކާއެކު ބަލަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހޯރަފުށީގައި ރޭ ހިނގި ގެވެށި އަނިޔާގެ މައްސަލައިގައި ގުޅުންހުރި ހުރި މުއައްސަސާތަކާއެކު މިނިސްޓްރީން މަސައްކަތް ކުރަމުނ އަންނަ ކަމަށެވެ. އެ މައްސަލައިގައި، އަނިޔާ ލިބިފައިވާ މީހާގެ ސިއްހީ ފަރުވާގެ ކަންކަން ބަލަމުން އަންނަކަމަށް ވެސް ބުންޏެވެ.

"އަނިޔާ ލިބުނު ފަރާތުގެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ،" ޓްވީޓުގައި ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޯރަފުށީގެ ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ރޭ 9:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"މި ގެވެށި އަނިޔާގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ހޯރަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އެ އަންހެން މީހާ ވަނީ ރޭ އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލައިފަ އެވެ. އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސްރޭ ނަގައި އެ މީހާ އަށް ފަރުވާ ދެމުން އަންނަކަމަށެވެ. ނަމަވެސް ހާލު އެހާ ސީރިއަސް ނޫން ކަމަށް ވިދާޅުވި އެވެ.

"މިކޮޅުން ނުނެގޭ އެކްސްރޭ ނަގަން ކުޅުދުއްފުއްޓަށް ރެފަ ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ފިރިހެން މީހާއަށް ވެސް މި ހަމަނުޖެހުމުގައި އަނިޔާވެ ހޯރަފުށީ ހެލްތު ސެންޓަރުން ފަރުވާ ދީފައިވެ އެވެ.