Roadha Mihaaru
ރަސޫލާއަށް ފުރައްސާރަކުރުމީ ފިތުނަ އުފެއްދުން: ސަރުކާރު

ރަސޫލާ އަށް ފުރައްސާރަކުރުމަކީ ފިތުނަވެރިކަމުގެ އަަމަލެއް: ފޮރިން މިނިސްޓްރީ

28 އޮކްޓޯބަރ 2020

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ފިތުނަވެރިކަމުގެ ގޮތުން ގަސްތުގައި ހިންގާ އަމަލުތައް ކަމަށާއި އެކަން ރާއްޖޭން ކުށްވެރިކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ފިތުނަވެރިކަމުގެ ގޮތުން ގަސްތުގައި ހިންގާ އަމަލުތައް ކަމަށާއި އެކަން ރާއްޖޭން ކުށްވެރިކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ދަރިވަރުންތަކަކަށް ކީރިތި ރަސޫލާގެ ކާޓޫނު ކުރަހައި ދެއްކި ކަމަށް ބުނެ ފްރާންސްގެ ޓީޗަރަކު މަރާލި ހާދިސާ އަށް ފަހު އެ ގައުމުގައި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގުން އިތުރުވެފައި ވަނިކޮށް ރާއްޖޭން ނެރުނު ބަޔާނުގައި މިފަދަ އަމަލުތަކާ މެދު ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައ ބުނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

"އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރެޓިކް މި ރާއްޖޭން އަބަދު ވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން، އިންސާނީ އަސާސީ ހައްގެއްގެ ގޮތުގައި ދަމަހައްދާނެ އެވެ. ނަމަވެސް ހައްދު ފަހަނައެޅުމުގެ ހުރިހާ ކަމަކަށް ރާއްޖެއިން ދެކޮޅު ހަދަމެވެ،" ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ އިސްލާމް ދީނަކީ ސުލްހަވެރިކަމުގެ ދީނެއް ކަމަށާއި އެ ދީނާ ޓެރަރިޒަމް ނުވަތަ ދީނީ ހަރުކަށި ފިކުރާ ގުޅުވައި ވާހަކަދެއްކުމަކީ ރާއްޖޭން އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ރާއްޖެއިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކޮށް ކެތްތެރިކަން އިސްކޮށް އަނިޔާވެރިކަމާއި ރުޅިވެރިކަން ފެތުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.

ހަމަޖެހުމާއި ސުލްހަ އަށް ބައިނަލްއަގުވާމީ ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ރާއްޖެ އަބަދު ވެސް ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓްރީީގެ ބަޔާނުގައިވެ އެވެ.