Roadha Mihaaru
ފުރަތަމަ ތިބީ އަޅާނުލާ، ދެން ފެށީ ތަހުގީގެއް!

ޕީޕީއެމްގެ މުދާ ގެންދިޔައިރު "އަޅައެއް ނުލި"، މިހާރު އެހެން ތަހުގީގެއް!

07 ނޮވެމްބަރ 2016

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލާގައި، ޕާޓީގެ ރަސްމީ އޮފީހަށް ކޯޓު އަމުރެއް ނެތި، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަދެ މުދާތައް ގެންދިޔައިރު، ޕާޓީގެ ރައީސްގެ ފެކްޝަނުން ފިޔަވަޅު އަޅައިދޭން އެދުމުން "އަޅާނުލައި" ތިބެފައި، އެއްޗެހިތަކެއް ނައްތައިލުމުގެ ތަހުގީގެއް ކުއްލިއަކަށް ފެށުމުން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލާގައި، ޕާޓީގެ ރަސްމީ އޮފީހަށް ކޯޓު އަމުރެއް ނެތި، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަދެ މުދާތައް ގެންދިޔައިރު، ޕާޓީގެ ރައީސްގެ ފެކްޝަނުން ފިޔަވަޅު އަޅައިދޭން އެދުމުން "އަޅާނުލައި" ތިބެފައި، އެއްޗެހިތަކެއް ނައްތައިލުމުގެ ތަހުގީގެއް ކުއްލިއަކަށް ފެށުމުން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދާކުރެއްވި ޒިންމާތައް، އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ކޯޓުތަކުން ހަވާލުކުރުމާ އެކު، ހ. ތެމާގައި ހުރި މުދާތައް އެ ފެކްޝަނުން ވަނީ ގެންގޮސްފަ އެވެ. ރައީސް ޔާމީނަށް ސަޕޯޓްކުރާ ބަޔަކު އެ ތަން ހުސްކުރީ، މައުމޫންގެ ފަރާތްޕުޅުން އެއްވެސް މީހަކު ނެތި އަދި ފުލުހުންގެ ހާޒިރަކު ވެސް ނޫނެވެ. އެރޭ މައުމޫންގެ ފެކްޝަންގެ މީހުން އޮފީސް ކައިރިއަށް ނުދެވޭ ގޮތަށް ފުލުހުން ތިބީ ހުރަސް އަޅައިިގެންނެވެ.

ފުލުހުން މިހާރު ތަހުގީގުކުރަނީ ޕާޓީގެ މުހިއްމު ލިޔެކިޔުންތަކެއް މަދު ކަމަށް ބުނެ ރައީސް ޔާމީންގެ ފެކްޝަނުން ހުށަހެޅި މައްސަލައެކެވެ.

މައުމޫން ފެކްޝަނުން ޕީޕީއެމަށް އައްޔަން ކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްގެ މައްޗަށް މި މައްސަލާގައި ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުކޮށް އޭނާގެ އެޕާޓްމެންޓާއި ޕީޕީއެމްގެ ރައީސް އޮފީސް ރޭ ވަނީ ފާސްކޮށްފަ އެވެ. އަދި އަލީމާއި މައުމޫން ފެކްޝަންގެ އެހެން މުވައްޒަފަކު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ.

ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ބަޔަކު، ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ --މިހާރު ފޮޓޯ/ ނިޝާން އަލީ

ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ބަޔަކު، ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ --މިހާރު ފޮޓޯ/ ނިޝާން އަލީ

މި މައްސަލާގައި ފުލުހުން އަމަލްކުރަމުން ދާ ގޮތާ މެދު އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގާނޫނީ ބައެއް ވަކީލުންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވީ ވަކި ބަޔަކު މައްސަލަ ޖެއްސުމުން އެކަން ތަހުގީގުކުރަން ފުލުހުން ފަށާފައިވާއިރު ހުރިހާ މުދަލެއް އޮފީހުން ބޭރުކުރަމުން ދިޔަ އިރު އެކަން ހުއްޓުވަން އެދުމުން ފުލުހުން އެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށެވެ. ކޯޓު އަމުރެއް ނެތި އިމާރާތަކަށް ވަނުމާއި މުދާ ގެންދިއުމަކީ ގޯތިގެދޮރާއި މުދަލުގެ ހުރުމަތް ކަނޑާލުން ކަމަށާއި އެއީ އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށް ވެސް އެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުދާތައް ބަޔަކު ގެންދިޔައިރު، ފުލުހުން ވަކި ފެކްޝަނެއް "ހިމާޔަތްކޮށް" ބަލަހައްޓައިގެން ތިބުމަކީ ވެސް ކުށެކެވެ. އެއީ، ވަކީލް ވިދާޅުވި ގޮތުގައި، ފުލުހުންގެ ގާނޫނީ ޒިންމާއަދާނުކޮށް ގަސްތުގައި އިހުމާލުވުމެވެ.

ފުލުހުންނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން އެތަނުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "ޕީޕީއެމްގެ މުދަލާ ގުޅޭ މައްސަލާގައި ފުލުހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާތައް ފުރިހަމަ އަށް އަދާކުރަމުން އަންނަ" ކަމަށެވެ. އޭގެ އިތުރުން، "މިހާރު" އިން ކުރި ސުވާލުތަކަށް ފުލުސް އޮފީހުން ޖަވާބެއް ނުދެ އެވެ.

ޕާޓީ ހިންގުން މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓާއި ހައި ކޯޓުން އެންގި އެންގުން ތަންފީޒު ކުރުމަށް، ޕާޓީ އޮފީހަށް ވަދެ، މުދާ ގެންދިޔައީ، ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށް އެ ފެކްޝަންގެ ސްޕޯކްސްޕާސަން އަލީ އާރިފް ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ފެކްޝަނުން "ބޮޑު ޖަރީމާއެއް ހިންގާފައިވާ ކަން" އެނގުނީ މުދާތައް ގެންދިއުމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ފުލުހުން ތަހުގީގުކުރާ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ދެ އިމާރާތެއް ބަލައި ފާސްކުރަނީ ޕީޕީއެމްގެ މުދާތައް "ހ. ތެމާ އިން މިހާރު ޕާޓީގެ އޮފީސް ކަމަށްވާ ހ. ކޮރަލްރީޕް އަށް ބަދަލުކޮށް ޕާޓީގެ މުދާތަކުގެ ތެރެއިން ފަސް ކޮމްޕިއުޓަރުގެ ހާޑް ޑްރައިވް އާއި ޕާޓީގެ ދަފްތަރުގެ އިތުރުން ބައެއް ލިޔެކިޔުންތައް ގެއްލިފައިވާތީ" އެވެ. އަދި "ޕާޓީގެ އިތުރު ހަތަރު ކޮމްޕިއުޓަރުގެ ހާޑު ފޯމެޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހެއްކާއި ގަރީނާ ހޯދުމަށް" ކަމަށް އެ އަމުރުގައިވެ އެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީސް ރޭ ފާސްކުރި ފަހުން، ރައީސް މައުމޫން އޮފީހުން ނިކުމެވަޑައިގަންނަވަނީ

ޕީޕީއެމްގެ ރައީސްގެ އޮފީސް ރޭ ފާސްކުރި ފަހުން، ރައީސް މައުމޫން އޮފީހުން ނިކުމެވަޑައިގަންނަވަނީ

މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ ކޯޓު އަމުރަށް އެކަނި ބަލާލުމުން ވެސް އަލީމާއި އެހެން ބައެއްގެ މައްޗަށް ކުރާ ޖިނާއީ ބޮޑު ތުހުމަތަކީ ދޮގު އިލްޒާމެއް ކަން ސާފުވާނެ ކަމަށެވެ. ޕާޓީގެ މުދާތައް ކޮރަޕްރީފަށް ބަދަލުކޮށް މުދާ ގެއްލިފައިވާ ކަމަށް އަމުރުގައި އޮތް އިރު އޮފީހަށް ގަދަކަމުން ވަދެގަނެ މުދާ ގެންދިޔައީ އަލީމްތޯ ނުވަތަ ތުހުމަތުކުރާ މީހުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ނޫން، އަލީމެއް ނޫން އަދި ފުލުސް އޮފީހަށް ރޭ ހާޒިރުކުރި މީހުންނެއް ނޫން ދެއްތޯ އެކަން ކުރީ. އެންމެން ކުރިމަތީގައި ހިނގި މަންޒަރެއް އެއީ، އެހެރީ ފޮޓޯތަކާއި ވީޑިއޯ،" ނާދިރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީ އޮފީހަށް ގަދަކަމުން ވަދެގަނެ ބާރުގެ ބޭނުންކޮށް، ވައްކަން ކުރުމަށް ފަހު އެހެން ބައެއްގެ ބޮލުގައި ތުހުމަތު އެޅުވުމުން ކަންބޮޑުވެ އެވެ. އަދި ފުލުހުންގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދާނެ ޖާގަ އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީ އޮފީހުގައި [ރައީސް ޔާމީން ފެކްޝަނުން] ތަޅު އެޅުވުމާ އެކު ފުލުހުންގެ އެހީ އަށް އަޅުގަނޑުމެން އެދުނިން، އަޅައެއް ނުލި. ޖެހިގެން އައި ދުވަހު ބަޔަކު އޮފީސް ތެރެއަށް ވަދެ ޕިކަޕްތަކަށް މުދާ އަރުވައިގެން ގެންދަން ފެށުމުން ވެސް އެކަން ހުއްޓުވައިދޭން އެދުނިން. ވީ ކަމެއް ނެތް،" ނާދިރާ ވިދާޅުވި އެވެ.

"އޮފީހުގައި ތަޅު އެޅުވި މައްސަލަ އާއި ގަދަކަމުން މުދާ ގެންދިޔަ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަތަކެއް ފުލުހުން ނުބަލާ. މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް."

އޮފީހުގައި ހުރި މުދާތައް ގެންދިޔައީ ކޮން ތާކަށް ކަމެއް އަދި ގެންދިޔައީ ކޮން ބަޔަކު ކަމެއް ވެސް ނޭނގޭ ކަމަށް ނާދިރާ ވިދާޅުވި އެވެ. މުދާތައް ގެންދަން ފެށުމުގެ ކުރިން ހުރިހާ މުދަލެއްގެ އިންވެންޓްރީ ނެގުމަށް ފަހު އެ އެއްޗެހި ބޭރުކުރަން ރައީސް ޔާމީން ފެކްޝަނާއި ފުލުސް އޮފީހުގައި ވެސް އެދިފައިވާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

"ދެ ފަރާތުން ވާހަކަ ދައްކައިގެން ދެ ފަރާތުގެ ބޭފުޅުން ތިބެގެން މުދާ ހަވާލުކުރަން އަޅުގަނޑުމެން އެދުނީ. އެކަމަކު އެގޮތަށް އަމަލުނުކޮށް ގަދަކަމުން ކުރި ކަމެއް ކުރީ. މި މައްސަލާގައި އަލީމް އަދި އެހެން ބޭފުޅުންގެ މައްޗަށް ޖިނާއީ ބޮޑު ތުހުމަތުތަކެއް ކުރަނީ އިންސާފުން ބޭރުން،" ނާދިރާ ވިދާޅުވި އެވެ.