Roadha Mihaaru
ޖަލްސާ އަށް ދާން މަޖުބޫރުކޮށް، އިންޒާރު ދެނީ!

ރައީސް ޔާމީން ފެކްޝަނުގެ ޖަލްސާ އަށް ދާން މަޖުބޫރުކޮށް، އިންޒާރު ދެނީ!

02 ނޮވެމްބަރ 2016

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން "އަސްލު ޖަލްސާ" ނަމުގައި އަންނަ ހުކުރު ދުވަހު ރޭ ކާނިވަލުގައި ބާއްވާ ޖަލްސާ އަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ދާން އަންގައި، ނުދާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް ބައެއް ކުންފުނިތަކުގެ މުވައްޒަފުން މިއަދު ބުނެފި އެވެ. އެކަމަކު ރައީސް ޔާމީން ފެކްޝަނުން މި ވާހަކަތައް ދޮގުކުރެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން "އަސްލު ޖަލްސާ" ނަމުގައި އަންނަ ހުކުރު ދުވަހު ރޭ ކާނިވަލުގައި ބާއްވާ ޖަލްސާ އަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ދާން އަންގައި، ނުދާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް ބައެއް ކުންފުނިތަކުގެ މުވައްޒަފުން މިއަދު ބުނެފި އެވެ. އެކަމަކު ރައީސް ޔާމީން ފެކްޝަނުން މި ވާހަކަތައް ދޮގުކުރެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކު ބުނީ، އެތަނުގެ މެނޭޖިން ޑިރެކްޓަރު އަރިހަށް މުވައްޒަފުންތަކެއް ހާޒިރުކޮށް، ޖަލްސާގައި ބައިވެރިވުމަށް އަންގާފައިވާ ކަމަށެވެ. އަދި ޖަލްސާ އަށް ނުދާ މީހުންގެ ހާޒިރީ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އަންގާފައިވާ ކަމަށް މުވައްޒަފުން ބުންޏެވެ.

އެއީ، ކޮން ކުންފުންޏެއް ކަން "މިހާރު" އަށް އެނގުނަސް، ނަން ނުލިއުނީ މުވައްޒަފުންގެ ހައްގު ހިމާޔަތްކުރުމަށެވެ. އޭގެ އިތުރުން ވެސް އެހެން ބައެއް ކުންފުނިތަކާއި މިނިސްޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، ޕީޕީއެމް ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ ޖަލްސާ އަށް ދާން އަންގަމުން އެބަގެންދެ އެވެ. އެގޮތުން ބައެއް މިނިސްޓްރީތަކުގެ ސިޔާސީ އިސްވެރިން ވަނީ މުވައްޒަފުންނާ ބައްދަލުކޮށް، ޖަލްސާ އަށް ދިއުމަށް އަންގަވާފައި ކަމަށް ވެސް އެނގިފައިވެ އެވެ.

އެންމެންނަށް މި ޖަލްސާގައި ބައިވެރިވެވޭނެ. އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް މަޖުބޫރެއް ނުކުރޭ. --ހަލީލް

އެހެން ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ، ބަލިވުމުގެ ސަބަބުން ޖަލްސާ އަށް ދާން އުޒުރުވެރިވާ މީހުން، ސަލާން ސެޓްފިކެޓް ހުށަހަޅަން ވެސް އެ ކުންފުނީގެ މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ.

ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް މި މައްސަލާގައި ވިދާޅުވީ ޖަލްސާ އަށް ސަރުކާރު މުވައްޒަފުން އަދި އެހެން ބަޔަކު ވެސް ދާން މަޖުބޫރު ނުކުރާ ކަމަށެވެ. ސިޔާސީ ކަންކަމަކީ މަޖުބޫރުން ކުރުވާ ކަންކަން ނޫން ކަމަށާއި އެފަދަ އެއްވެސް އެންގުމެއް އެއްވެސް ބަޔަކަށް އަންގާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ އާއްމު މެމްބަރުންނާއި ހެޔޮ އެދޭ ހުރިހާ ފަރާތްތަކަކުން ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު މިއޮތީ ހުޅުވާލާފައި. އެންމެންނަށް މި ޖަލްސާގައި ބައިވެރިވެވޭނެ. އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް މަޖުބޫރެއް ނުކުރޭ،" ހަލީލް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިޔަސް ޖަލްސާ ބޭއްވުމާ ގުޅޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް އުޅުއްވީ ކެބިނެޓުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލް މެމްބަރުންނެވެ. އެ ބައްދަލުވުން އޮތީ އިއްޔެ މެންދުރު މުލީއާގޭގަ އެވެ.

ޕީޕީއެމް ދެބައި ނުވާއިރު، ވެސް އެ ޕާޓީގެ ޖަލްސާތަކަށް ސަރުކާރުގެ މުވައްޒަފުން ދިއުމަށް މަޖުބޫރުކޮށްފައިވެ އެވެ. އެކަމާ ހިތްހަމަނުޖެހުންފާޅުކޮށް، ކުންފުންޏެއްގެ މުވައްޒަފުންތަކެއް މީޑިއާއާ އެކަން ހިއްސާކޮށް، ސޮއިކުރުވި ހާޒިރީ ވެސް އާއްމުކޮށްފައިވެ އެވެ.

ރައީސް ޔާމީން ފެކްޝަނުން ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ ބާއްވާއިރު، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުން ބާއްވަން އުޅުނު ޖަލްސާއަށް ވަނީ ހުރަސްއަޅައިފަ އެވެ.

ޕީޕީއެމްގައި ރައީސް މައުމޫން އަދާކުރެއްވި ޒިންމާތައް ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުންނެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރުމާ އެކު ޔާމީން ފެކްޝަނުން ވަނީ ޕާޓީގެ ރަސްމީ އޮފީހުގައި ހުރި މުދަލާއި ލިޔެކިޔުންތައް ވެސް ގެންގޮސްފަ އެވެ.