01 ނޮވެމްބަރ 2020
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން އުޅޭ ފުރަތަމަ ޓްރިލޮޖީގެ ފުރަތަމަ ބައި "ބުރައްމަސްތުރާ" އަކީ ވާނުވާގައި އޮތް ފިލްމެކެވެ. މި ފިލްމަކީ އެންމެ ފުރަތަމަ 2018 ގައި ސިނމާތަކަށް ގެންނަން ޕްލޭންކުރި ފިލްމެކެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން އުޅޭ ފުރަތަމަ ޓްރިލޮޖީގެ ފުރަތަމަ ބައި "ބުރައްމަސްތުރާ" އަކީ ވާނުވާގައި އޮތް ފިލްމެކެވެ. މި ފިލްމަކީ އެންމެ ފުރަތަމަ 2018 ގައި ސިނމާތަކަށް ގެންނަން ޕްލޭންކުރި ފިލްމެކެވެ.
އެކަމަކު އޭގެ ފަހުން ދެ އަހަރުވެގެން ދިޔަ އިރު ވެސް، މަސައްކަތް ނިންމައިނުލެވި ފިލްމު އޮތީ ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ކަށަވަރުނުވެ އެވެ. "ޔެ ޖަވާނީ ހެ ދީވާނީ" އާއި "ވޭކަޕް ސިދު" ގެނެސްދިން ޑައިރެކްޓަރު އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ސިނަމާތަކަށް ގެންނާނެ ކަމަށް ބުނެ އެންމެ ފަހުން އިއުލާންކުރި ތާރީހަކީ އަންނަ މަހުގެ 4 އެވެ. ނަމަވެސް އެ ތާރީހުގައި ފިލްމު ނާޅުވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
މި ފިލްމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން އަދިވެސް ޝޫޓިންގެ ތެރެއިން ހަތް ވަރަކަށް ދުވަހުގެ މަސައްކަތް އޮތް ބާކީ އޮތް ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ ތެރެއިން ފުރަތަމަ އެޑިޓްގެ ތެރެއިން ކަޓްކުރި އިރު، ދިގުމިން އޮތީ ތިން ގަޑިއިރަށް ވުރެ އިތުރުކޮށެވެ. އެހެންވެ އެކަން މިހާރު އޮތީ އަރައިރުންގަނޑަކަށްވެފަ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި "ބުރައްމަސްތުރާ" ގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ވަނީ ދިގުމިނާ ދޭތެރޭ ހިތްހަމަނުޖެހިގެން ފިލްމުގެ ފައިނަލް އެޑިޓިން ނިންމާ އިރު ބޮޑުތަނުން ފިލްމު ކުރުކުރަން އެދިފަ އެވެ. ބައެއް މީޑިއާތަކުން ބުނީ އެއިން 25-30 މިނިޓް ކަނޑާލައި، ފިލްމު ދެ ގަޑިއިރަށް ވުރެ އިތުރު ނުކުރަން ފޮކްސް ސްޓާ އިން އެދުނު ނަމަވެސް، އަޔާން ހުރީ އެކަމާ ރުހޭ ގޮތަކަށް ނޫނެވެ.
އެ ސްޓޫޑިއޯއާ ހަވާލާދީ މީޑިއާތަކުން ބުނީ މި ޒަމާނުގައި ފިލްމުތައް ތިން ގަޑިއިރަށް ވުރެ އިތުރުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އއް ކަމަކީ އޯޑިއަންސް ސިނަމާތަކުގެ ގޮނޑިތަކަށް ފޫހަރައިގެން އެހާ ގިނަ އިރު ވަންދެން ތިބުމުގެ ކެތްތެރިކަން ވެސް ނުހުންނާނެތީ އެވެ. އަނެއްކޮޅުން އެއީ ފިލްމަށް އޯޑިއަންސް ފޫހިކުރުވާނެ ކަމެކެވެ. އަނެއްކޮޅުން ފިލްމު އެހާ ދިގު ނަމަ އޭގެ ވިޔަފާރި އަށް ވެސް ބޮޑުތަނުން އަސަރުކުރާނެ ކަމަށްވެ އެެވެ.
އެހެންވެ ފޮކްސް ސްޓާ އިން އެދިފައިވާ ގޮތަށް "ބުރައްމަސްތުރާ" ކުރުކުރަން އަޔާން ދެކޮޅު ހަދާ ނަމަ މިއީ އަނެއްކާ ވެސް ފިލްމު ރިލީޒްނުކުރެވި ދިގުލައިގެން ހިނގައިދާނެ އިތުރު ސަބަބަކަށް ވެދާނެ އެވެ. ބައެއް މީޑިއާތަކުން ބުނީ ފޮކްސް ސްޓާގެ އެދުމަށް އަޔާން އެއްބަސްނުވާން އުޅޭ މައިގަނޑު ސަބަބަކީ "ބުރައްމަސްތުރާ" އަކީ އޭނާ ވަރަށް ގިނަ ދުވަހުން ލިޔުނު ވަރަށް ވަރުގަދަ ސްކްރީންޕްޕްލޭއަކަށް ހަދާފައިވާ ފިލްމަކަށްވެފައި، މި ފިލްމަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ފިލްމަކަށްވެފައި ޝޫޓްކުރި އެއްވެސް މަންޒަރެއް ބޭކާރުކޮށްލަން ބޭނުންނުވާތީ އެވެ. މި ފިލްމަކީ ކަރަންގެ ދަރުމާ އިން އެންމެ ބޮޑު ހަރަދެއްކުރި އެއް ފިލްމު ވެސް މެ އެވެ.
އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާގައި ވެސް ޝޫޓްކޮށްފައިވާ "ބުރައްމަސްތުރާ" ގެ ބަޖެޓަކީ 150 ކްރޯޑް ރުޕީސް (20.12 މިލިއަން ޑޮލަރު) އެވެ.
މި ފިލްމަކީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. "ބުރައްމަސްތުރާ" ގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި މަޝްހޫރު ތެލެގޫ އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ އިތުރުން މޯނީ ރޯއި ހިމެނެ އެވެ.
"ބުރައްމަސްތުރާ" އަކީ އަޔާން ގެނެސްދޭން ނިންމާފައިވާ ފެންޓަސީ އެކްޝަން ޓްރިލޮޖީގެ ފުރަތަމަ ބަޔަށްވާ އިރު، މީގެ ވާހަކަ އިތުރު ދެ ފިލްމާ އެކު ކިޔައިދީ ނިންމައިލަން އޮތީ އަށް އަހަރުގެ ތެރޭގަ އެވެ.
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު
ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް: އަމީތާބް
އަޔާންގެ "ބުރައްމަސްތުރާ" ނިންމަން ހަންގޭރީ އަށް
"ބުރައްމަސްތުރާ" އާ އެކު އަޔާން ޕްރޮޑިއުސަރަކަށް
"ބުރައްމަސްތުރާ" ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި
"ބުރައްމަސްތުރާ" ގެ ފަހު މަންޒަރުތައް ނަގަނީ
"ބުރައްމަސްތުރާ" ގެ ޑިޖިޓަލް ޕްރިމިއާއާ ކަރަން ދެކޮޅު
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ބުރައްމަސްތުރާ" އިން އާލިއާ ނަގާ ފީ ކުޑަކޮށްފި