Roadha Mihaaru
ދައުވާތައް ގޯސްކަމަށް ޕީޖީ އަށް ދެންނެވިން: އުމަރު

ނަޝީދާއި ނާޒިމާއި އިމްރާނަށް ކުރި ދައުވާ ގޯސްކަމަށް ޕީޖީ އަށް ދެންނެވިން: އުމަރު

01 ނޮވެމްބަރ 2016

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ގޯސް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އަރިހުގައި ދެންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ގޯސް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އަރިހުގައި ދެންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރު "މިހާރު" އަށް ވިދާޅުވީ މިނިސްޓަރަކަށް ހުންނެވި އިރު ޕީޖީ އަށް ލަފާ ދިނުމުގެ ހައިސިއްޔަތެއް ނެތް ކަން އެނގިވަޑައިގެން ހުންނަވައި ވެސް، އެ ބޭފުޅުން ކުރެއްވި ކުށާއި އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ނުގުޅޭ ވާހަކަ އޭރުގެ ޕްރޮސެކިއުޓަ ޖެނެރަލް މުހްތާޒް މުހްސިނަށް ދެންނެވި ކަމަށެވެ. ފޯނުން އެ ގޮތަށް ވިދާޅުވުމަށް ފަހު، ލިޔުމުން ނޯޓެއްގެ ސިފައިގައި ވެސް އެކަން އެންގެވި ކަމަށް އުމަރު ވިދާޅުވި އެވެ.

ސިޔާސީ މި ހަތަރު ބޭފުޅުންގެ އިތުރުން ބައެއް އެހެން ދައުވާތަކުގައި ވެސް، އުމަރު ވިދާޅުވި ގޮތުގައި، ގޯސްކޮށް ކަން ހިނގާފައިވާ ނަމަ އެކަން ސަމާލު ކަމަށް ގެންނަވާފައިވާނެ އެވެ.

އުމަރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުއުފުލޭނެ ކަމަށް އޭނާ ވިދާޅުވީ އެ ދައުވާގެ ސަބަބުން ސިފައިންގެ މުޅި މުއައްސަސާ އަކީ ޓެރަރިޒަމް ހިންގާ ތަނެކޭ ނުސީދާކޮށް ބުނެވޭނެތީ ކަމަށެވެ.

އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

"އަބްދުﷲ ގާޒީ ހައްޔަރު ކުރަން ނަޝީދު އަމުރު ކުރެއްވީ ސިފައިންގެ މައްޗަށް. [ނަޝީދަށް] އެ ދައުވާ ކުރުމުން ވާ ގޮތަކީ ނުސީދާކޮށް މި ބުނެވެނީ އެމްއެންޑީއެފްއަކީ ޓެރަރިޒަމް ހިންގާ އޮގަނައިޒޭޝަނެކޭ. އެހެންވެ އަޅުގަނޑު ދެންނެވީ ކުށަކާ ދައުވާއާ ނުގުޅެއޭ،" އުމަރު ވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުންނަށް ކުރި ދައުވާތަކާ މެދު އުމަރު ފާޑު ވިދާޅުވަން ފައްޓަވާފައި ވަނީ، ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ޕާޓީ އޮފީހުގައި ފާހަގަ ކުރަން، ފުލުހުން ހުރަސް އެޅުމުން، ޝީ ބިލްޑިންގުގައި ޕާޓީގެ ރައީސް، މައުމޫން އަަބްދުލްގައްޔޫމް ބޭއްވި ހަފުލާއެއްގަ އެވެ.

އިމްރާނާއި ނަޝީދު އަދި ނާޒިމް: މި ބޭފުޅުންގެ ދައުވާތަކާ މެދު އުމަރު ވަނީ ފާޑުވިދާޅުވެފައި.

އިމްރާނާއި ނަޝީދު އަދި ނާޒިމް: މި ބޭފުޅުންގެ ދައުވާތަކާ މެދު އުމަރު ވަނީ ފާޑުވިދާޅުވެފައި.

ދައުވާތައް ގޯސްކަމަށް އުމަރު މިހާރު ވިދާޅުވާ އިރު، މިނިސްޓަރަކަށް ހުންނެވި އިރު ނަޝީދަށް ކުރި ދައުވާ ވެސް ދިފާއު ކުރައްވައި އެ މަނިކުފާނަށް އަދަބު ހައްގުވާ ކަމަށް ވާހަކަ ދައްކަވާފައިވެ އެވެ. އޭރު މިގޮތަށް ވާހަކަ ދެއްކެވުމަށް ފަހު ސަރުކާރުން ވަކިވެވަޑައިގެން ތަފާތު ވިސްނުމެއްގައި ވާހަކަ ދައްކަވާތީ ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

މިކަމަށް ރައްދު ދެއްވައި އުމަރު އޭނާގެ ޓުވިޓާގައި އާއްމު ކުރެއްވި ލިއުމެއްގައި ވިދާޅުވީ އޭނާ އޭރު ހުންނެވީ ހޯމް މިނިސްޓަރަކަށް ކަމަށާއި ދައުވާ ކުރަން ނިންމަވާނީ ޕްރޮސިކިއުޓަ ޖެނެރަލް ކަމަށެވެ. މިނިސްޓަރަކަށް ހުންނެވި އިރު ގޯސްތަކުގެ ވާހަކަ ފާޅުގައި ނުދެއްކެވުނީ، އުމަރު ވިދާޅުވި ގޮތުގައި، އެއީ ދައުލަތަށް ވަފާތެރިވުމަށް ހުވާ ކޮށްގެން ހުންނަވާ ބޭފުޅަކަށް ކުރަން ފަސޭހަ ކަމަކަށް ނުވާތީ އެވެ.

"ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ގޯސްކޮށް ކަމެއް ކުރައްވައިފި ނަމަ އެކަމަކަށް ހައްލު ހޯދަން މަސައްކަތް ކުރާނީ ދައުލަތުގެ އެތެރޭގައި. ހުވާ ކޮށްގެން ހުރިހާ ދުވަހަކު ބޭރަށް ނުކުމެ މީޑިއާގައި ދައުލަތުގެ ގޯސް ވާހަކައެއް ނުދެއްކޭނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ނަޝީދުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ކުރެވޭނީ މީހަކު ގާނޫނާ ހިލާފަށް ހިފެހެއްޓި ކަމުގެ ދައުވާ ކަމަށެވެ. އޭގެ އަދަބަކީ ބޮޑުވެގެން 2-3 އަހަރުގެ ޖަލު ހުކުމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލައެއް ފެނުނު ކަމުގެ ކުށުގައި ކުރީގެ ޑިފެންސް މިނިސްޓަރަށް ވަނީ 11 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިނގިލީގެ ނިޝާން އެ ފިސްތޯލަ އިން ފެނިފައިވާއިރު ވެސް އެ ދައުވާގެ އަދުލުވެރިކަމާ ގުޅޭ ގޮތުން އުމަރު ވަނީ ސުވާލު އުފައްދައިވައިފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އަދުލުވެރި ވެރިކަމެއްގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ސަބަބަކީ، އުމަރު ވިދާޅުވި ގޮތުގައި، އިމްރާނަކީ އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގައިލި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ.

އުމަރު ވިދާޅުވީ މި ހުރިހާ ގޯސްތަކުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެއީ ދައުލަތް ހިންގަވަނީ ރައީސް ޔާމީން ކަަމަށްވެފައި މަޖިލިސް މެޖޯރިޓީ ޕީޕީއެމްގެ އަތުގައި އޮތުމުން ހުރިހާ ކަމެއް ހަމަޖެއްސުމުގެ ބާރު ލިިބިވަޑައިގެންފައިވާތީ ކަމަށެވެ. އަދި އެއީ އެ ބާރު އެ ގޮތަށް އޮތް ކަން އެތައް ފަހަހަރަކު ސާބިތު ކޮށްދީފައިވާތީ ކަމަށް ވެސް އުމަރު ޓުވިޓާގައި ވިދާޅުވި އެވެ.