Roadha Mihaaru
"ދައުވާއެއް ގޯސްކަމަށް އުމަރު ދަންނަވާފައެއް ނެތް"

އުމަރު ހެއްދެވީ އިތުރުފުޅެއް، ދައުވާތަކާ ގުޅޭ ވާހަކައެއް ނުދައްކަވާ: މުހުތާޒު

10 ނޮވެމްބަރ 2016

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ގޯސް ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނަށް ދެންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިޔަސް އެއީ ދޮގު ވާހަކައެއް ކަމަށް މުހްތާޒް ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ގޯސް ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނަށް ދެންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިޔަސް އެއީ ދޮގު ވާހަކައެއް ކަމަށް މުހްތާޒް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަން ސާބިތުވެ 17 އަހަރަށް ޖަލަށް ލާފައިވާ މުހްތާޒް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދައުވާތަކާ ގުޅޭގޮތުން އޭނާ އަށް ނިސްބަތްވާ ގޮތަށް އުމަރު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. މުހުތާޒު ވިދާޅުވި ގޮތުގައި އުމަރުގެ ބޭނުމަކީ ސިޔާސީ މަންފާ ހޯއްދެވުމެވެ.

އުމަރު ވިދާޅުވެފައި ވަނީ މިނިސްޓަރަކަށް ހުންނެވި އިރު ޕީޖީ އަށް ލަފާ ދިނުމުގެ ހައިސިއްޔަތެއް ނެތް ކަން އެނގިވަޑައިގެން ހުންނަވައި ވެސް، ސިޔާސީ ބޭފުޅުން ކުރެއްވި ކުށާއި އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ނުގުޅޭ ވާހަކަ އޭރުގެ ޕްރޮސެކިއުޓަ ޖެނެރަލަށް ދެންނެވި ކަމަށެވެ. ފޯނުން އެ ގޮތަށް ވިދާޅުވުމަށް ފަހު، ލިޔުމުން ނޯޓެއްގެ ސިފައިގައި ވެސް އެންގެވި ކަމަށް އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އުމަރު (މ) ހޯރަފުށީގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް އެރަށަށް ވަޑައިގެން ފުލުހުންގެ އިސް ބައެއް ބޭފުޅުންނާ އެކު. --ފޮޓޯ:ޕޮލިސް

ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އުމަރު (މ) ހޯރަފުށީގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް އެރަށަށް ވަޑައިގެން ފުލުހުންގެ އިސް ބައެއް ބޭފުޅުންނާ އެކު. --ފޮޓޯ:ޕޮލިސް

މި ވާހަކަތަކަށް ރައްދު ދެއްވަމުން މުހްތާޒު ވިދާޅުވީ ނަޝީދާއި ނާޒިމް އަދި ސިޔާސީ އެހެން ފަރާތްތަކަށް ދައުވާކުރީ، އެ ބޭފުޅުން ކުށްތަކަށް އަރައިގަނެފައިވާ ކަމަށް، އޭރު އުމަރު ނަސީރުގެ ބާރުގެ ދަށުގައިވާ ފުލުހުންގެ މުއައްސަސާގެ ތަހުގީގަށް ފާހަގަކުރެވިގެން ކަމަށެވެ. މިއިން، އެއްވެސް ދައުވާއަކާ ގުޅިގެން ފޯނުންނާއި އަނގަބަހުން އަދި ލިއުމުން ވެސް އުމަރު ނަސީރު އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާ ކަމަށް މުހުތާޒު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު މަގާމުގައި ހުރިއިރު ކުރީގެ ހޯމް މިނިސްޓަރާ ބައްދަލުކޮށްފައި ވާނީ ހަމައެކަނި ރަސްމީ ދެ ބޭނުމެއްގަ އެވެ. އެ ދެ ބައްދަލުވުމަކީ ވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އެދުމަށް ބޭއްވުނު ބައްދަލުވުންތަކެވެ،" ބަޔާނުގައިވެ އެވެ.

މުހްތާޒު ވިދާޅުވީ ފުރަތަމަ ބައްދަލުވުން ބޭއްވީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާ ބައްދަލުކުރިއިރު ކަމަށެވެ. ދެ ވަނަ ބައްދަލުވުމަކީ ގާނޫނުލް އުގޫބާތު ތަސްދީގުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ހަފުލާތަކަށް، ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަރުވާ ދައުވަތުތަކުގެ އިތުރުން ނޯޓެއް ނުވަތަ ރަސްމީ ސިފައެއްގައި ފޮނުވީ، މުހްތާޒު ވިދާޅުވި ގޮތުގައި، އެންމެ ސިޓީއެކެވެ. އެއީ، ކުޑަކުދިންނާ މެދުގައި ކުރާ ޖިންސީ ކުށާއި ކުޑަކުދިން ޖިންސީ ކުށްތަކަށް އަރައިގަތުމަށް އިތުރުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ވެބްސައިޓުތަކަށް ފަސޭހަ އިން ވަދެވޭ ގޮތަށް ހުރުން ކަން ފެނި އެކަން ހުއްޓުވަން ކުރި އަމުރާ ގުޅިގެން "އުމަރު ދެއްވި ތާކުންތާކު ނުޖެހޭ ޖަވާބާ ގުޅޭ ސިޓީއެއް" ކަމަށް ބަޔާނުގައިވެ އެވެ.

"ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފޯނު މެދުވެރިކޮށް އަޅުގަނޑާއި ކުރައްވާފައި ވަނީ އެންމެ މުއާމަލާތެކެވެ. އެއީ، އަޅުގަނޑު މަގާމާ ހަވާލުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އަޅުގަނޑަށް ފޮނުވާފައިވާ ޓެކްސްޓް މެސެޖެކެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ކަމަކާ ބެހޭގޮތުން ކުރައްވަވާފައިވާ މެސެޖެއް ކަމުން އޭގެ ތަފްސީލް ކޮންމެހެން ހާމަކުރުން މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ،" މުހްތާޒް ވިދާޅުވި އެވެ.

އޭގެ ފަހުން ދެން ދެއްކެވީ، މުހްތާޒް ވިދާޅުވި ގޮތުގައި، ތަހުގީގު އޮފިސަރުންތަކެއްގެ ހިއްސާކުރި ކަންބޮޑުވުންތަކެއްގެ ވާހަކަ އެވެ. އެއީ، މަރުގެ މައްސަލަތަކުގައި، ކްރިމިނަލް ކޯޓުން މީހުން ދޫކުރަމުންދާ ކަމުގެ ޝަކުވާއާ ގުޅިގެން، އެކަމުގައި ފިޔަވަޅު އަޅައިދޭން އެދި ކަމަށް ބަޔާނުގައިވެ އެވެ.

އޭނާ ވިދާޅުވީ މިގޮތަށް ކަން ހިނގާފައިވާއިރު، ދައުވާތަކާ ގުޅިގެން އުމަރު ވާހަކަ ދެއްކެވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އަގު ވައްޓާލައި އަމިއްލަ މަންފާއެއް ހާސިލްކުރަން ކަމަށެވެ. ކުރިން ކޮށްފައިވާ ވިޔާނުދާ ކަންކަމާއި ބުނެފައިވާ ބަސްތައް ފޮރުވަން، ޖަވާބުދާރީ ނުވެވޭ ފަދަ ހާލަތުގައި ތިބޭ ފަރާތްތަކާ ބެހޭ ގޮތުން މީޑީއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރު ފަތުރާތީ ކަންބޮޑުވާ ކަމަށް ވިދާޅުވެ މުހްތާޒް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

އިމްރާނާއި ނަޝީދު އަދި ނާޒިމް: މި ބޭފުޅުންގެ ދައުވާތަކާ މެދު އުމަރު ވަނީ ފާޑުވިދާޅުވެފައި.

އިމްރާނާއި ނަޝީދު އަދި ނާޒިމް: މި ބޭފުޅުންގެ ދައުވާތަކާ މެދު އުމަރު ވަނީ ފާޑުވިދާޅުވެފައި.

އުމަރު ވިދާޅުވެފައި ވަނީ، ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ކުރެވޭނީ މީހަކު ގާނޫނާ ހިލާފަށް ހިފެހެއްޓި ކަމުގެ ދައުވާ ކަމަށެވެ. އޭގެ އަދަބަކީ ބޮޑުވެގެން 2-3 އަހަރުގެ ޖަލު ހުކުމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލައެއް ފެނުނު ކަމުގެ ކުށުގައި ކުރީގެ ޑިފެންސް މިނިސްޓަރަށް ވަނީ 11 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ އެ ފިސްތޯލަ އިން ފެނިފައިވާއިރު ވެސް އެ ދައުވާގެ އަދުލުވެރިކަމާ ގުޅޭ ގޮތުން އުމަރު ވަނީ ސުވާލު އުފައްދައިވައިފަ އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އަދުލުވެރި ވެރިކަމެއްގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ސަބަބަކީ، އުމަރު ވިދާޅުވި ގޮތުގައި، އިމްރާނަކީ އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގައިލި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ. އުމަރު ވިދާޅުވީ މި ހުރިހާ ގޯސްތަކުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެއީ ދައުލަތް ހިންގަވަނީ ރައީސް ޔާމީން ކަަމަށްވެފައި މަޖިލިސް މެޖޯރިޓީ ޕީޕީއެމްގެ އަތުގައި އޮތުމުން ހުރިހާ ކަމެއް ހަމަޖެއްސުމުގެ ބާރު ލިިބިވަޑައިގެންފައިވާތީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.