Roadha Mihaaru
ޕްލޭސްޓޭޝަން 5 އަދި ވިއްކާނީ އޮންލައިންކޮށް އެކަނި

ޕްލޭސްޓޭޝަން 5 މިވަގުތު ވިއްކާނީ އޮންލައިންކޮށް އެކަނި

07 ނޮވެމްބަރ 2020

އަންނަ ހަފުތާގެ ތެރޭގައި ވިއްކަން ތައްޔާރުވަމުން އަންނަ ޕްލޭސްޓޭޝަން (ޕީއެސް) 5 މި ވަގުތު ވިއްކާނީ އޮންލައިންކޮށް އެކަނި ކަމަށާއި ގޭމް ކޮންސޯލް ގަންނަން ފިހާރަތަކުގެ ދޮށުގައި ކިއޫތައް ނުހެދުމަށް ސޮނީން އެދެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ ހަފުތާގެ ތެރޭގައި ވިއްކަން ތައްޔާރުވަމުން އަންނަ ޕްލޭސްޓޭޝަން (ޕީއެސް) 5 މި ވަގުތު ވިއްކާނީ އޮންލައިންކޮށް އެކަނި ކަމަށާއި ގޭމް ކޮންސޯލް ގަންނަން ފިހާރަތަކުގެ ދޮށުގައި ކިއޫތައް ނުހެދުމަށް ސޮނީން އެދެފި އެވެ.

އެ ކުންފުނީގެ ބްލޮގްގައި ނެރުނު ބަޔާނެއްގައި ބުނީ ޕީއެސް 5 އެންމެ ފުރަތަމަ ނެރެން ނިންމާފައިވާ މާކެޓްތަކުގައި އަންނަ މަހުގެ 12 އާއި 19 ގައި ވިއްކަން ފަށާތީ ވަރަށް ގިނަ ބަޔަކު އެ ގަންނަން، ޕީއެސް ވިއްކާ ފިހާރަތަކުގެ ދޮށުގައި ކިއޫތައް ހަދާނެކަން އެނގޭ ކަމަށެވެ. އެކަމަކު މި ދުވަސްވަރު އެއްވެސް ފިހާރައަކަށް ގޮސްގެން ޕީއެސް ގަންނަން ނުލިބޭނެ ކަމަށާއި ގޭމް ގަންނަން ލިބޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށް ބުންޏެވެ.

"އަހަރެމެންގެ ރިޓެއިލް ޕާޓްނަރުން ވެސް ގޭމް ވިއްކާނީ އެ މީހުންގެ އޮންލައިން ޕްލެޓްފޯމްތަކުން އެކަނި. އެހެންވީމާ ފިހާރަތަކުގެ ދޮށުގައި ކިއޫ ނުހެދުމަށް އެދެން،" ސޮނީގެ އެސްއައީ ކޮމިއުނިކޭޝަންސްގެ ސީނިއާ ޑިރެކްޓަރު ސިދު ޝުމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވަގުތު ފިހާރަތަކަށް ގޮސްގެން ޕީއެސް 5 ނުގަނެވޭ ގޮތަށް ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ. ގިނަ ބަޔަކު އެއްތާކަށް ގައިގޯޅިވެވޭ ނަމަ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި ޕީއެސްގެ އަހުލުވެރިންނަށް އެފަދަ ގޮތެއް ދިމާވާން ނޭދޭ ކަމަށް ސޮނީން ބުންޏެވެ.

"އަހަރެމެން އެދެނީ ހުރިހާ އެންމެންނަށް ވެސް ރައްކާތެރިކަން. އެހެންވީމާ ގައިޑްލައިންތަކާއި ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކުރަން އެދެން،" ސިދް ވިދާޅުވި އެވެ.

ސޮނީގެ މި ނިންމުމާ ގުޅިގެން، ޕީއެސް ވިއްކާ ބައެއް ރިޓެއިލް ޕާޓްނަރުން ވަނީ މި އަހަރު މުޅިން ވެސް އޮންލައިންކޮށް ގޭމް ވިއްކަން ނިންމައިފަ އެވެ.

ޕީއެސް 5 ގެ ޕްރި-އޯޑަރަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވައިލުމާ އެކު ޑިމާންޑް ވަރަށް ބޮޑަށް އުފުލި، އޯޑަރަށް ވެސް ބުރޫއެރި އެވެ. ނަމަވެސް ސޮނީން ބުނެފައި ވަނީ ގޭމް ހޯދަން ބޭނުންވާ ހުރިހާ އެންމެންނަށް ވެސް ގޭމް ނެރޭ އިރު، ގޭމް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

އާ ކޮންސޯލްގެ ދެ ވާޝަނެއް ނެރޭނެ އެވެ. ބުލޫ-ރޭ ޑްރައިވާ އެކު ނެރޭ ސްޓޭންޑާޑް ވާޝަންގެ އަގަކީ 499 ޑޮލަރު (7,684.60ރ.) އެވެ. އަދި ޑިޖިޓަލް އެޑިޝަންގެ އަގަކީ 399 ޑޮލަރު (6,144.60ރ.) އެވެ. ގޭމް މި މަހުގެ 12 ގައި ނެރޭނީ އެމެރިކާ އާއި ކެނެޑާ އާއި ޖަޕާނާއި މެކްސިކޯ އާއި އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގެ އިތުރުން ދެކުނޮ ކޮރެއާގަ އެވެ. އަދި އެހެން ގައުމުތަކަށް ނެރޭނީ މި މަހުގެ 19 ގަ އެވެ.