Roadha Mihaaru
އަހަންނަށް ޔުނައިޓެޑް ހަމަމަގަށް އެޅުވޭނެ: ސޯލްޝެއާ

އަހަންނަށް ޔުނައިޓެޑް ހަމަމަގަށް އެޅުވޭނެ: ސޯލްޝެއާ

07 ނޮވެމްބަރ 2020

މެންޗެސްޓާ (ނޮވެމްބަރު 7) - މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ދަށްވެ ޕްރެޝަރު ބޮޑުވެފައިވީ ނަމަވެސް އޭނާ އަށް އެ ޓީމު ހަމަމަގަށް އެޅުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މެންޗެސްޓާ (ނޮވެމްބަރު 7) - މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ދަށްވެ ޕްރެޝަރު ބޮޑުވެފައިވީ ނަމަވެސް އޭނާ އަށް އެ ޓީމު ހަމަމަގަށް އެޅުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޔުނައިޓެޑް މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ 15 ވަނައިގައި އޮތްއިރު، އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ޕްރިމިއާ ލީގުން އާސެނަލް އަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުގައި ވަނީ ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރް އަތުން ބަލިވެފަ އެވެ. ޕްރިމިއާ ލީގުގެ ނަތީޖާ އަށް ބަލާއިރު މިއީ 2013/2014 ގެ ސީޒަނުގައި ޑޭވިޑް މޮއިސް ހުއްޓާ ޔުނައިޓެޑްގެ ނަތީޖާ ދަށްވި ފަހުން އެހާ ދަށްކޮށް ލީގު ސީޒަނެއް ޔުނައިޓެޑުން ފެށި ފުރަތަމަ ފަހަރެވެ.

ދާދި ފަހުން އިނގިރޭސި މީޑިއާތަކުން ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރަން އުޅޭ ކަމަށް ރިޕޯޓްކުރުމާ ގުޅިގެން ޔުނައިޓެޑުން ވަނީ އެކަން ދޮގުކޮށް ސޯލްޝެއާއާ އެކު ކުރިއަށްދާން އެ ކްލަބުން ނިންމާފައިވާކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން މިއަދު އެވަޓަން އަތުން ބަލިވެއްޖެނަމަ ސޯލްޝެއާ އަށް ޔުނައިޓެޑްގެ ކޯޗުކަން ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

"އަހަރެން އަމިއްލަ ނަފްސަށް އިތުބާރު ނުކުރާނަމަ ދެން ކުރާނީ ކާކު؟ އެއް މެޗެއް ނޫނީ ދެ މެެޗެއްގެ ނަތީޖާ ގޯސްވީމަ ކަރުދާހުން ހަދާފައިވާ ގެޔެއް ވެއްޓޭހެން އަހަންނެއް ނުވާނެ. އަހަންނަށް އަދިވެސް އިތުބާރު އެބައޮތް. މި ޓީމު ހަމަމަގަށް އެޅުވުމުގެ ގާބިލުކަން އަހަރެންގެ ކިބައިގައި އެބަހުރި،" ސޯލްޝެއާ ބުންޏެވެ.

ކުރިން ޔުނައިޓެޑަށް ކުޅުނު ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ ކުޅުންތެރިންނާއި ކޯޗުންގެ ކިބައިން ބޮޑެތި ކަންތައްތަކަށް ސަޕޯޓަރުންނާއި ކްލަބްގެ ވެރިން ވެސް ޑިމާންޑްކުރާ ކަމަށާއި ސަބަަބަކީ އެއީ ދުނިޔޭގެ އެންމެ ބޮޑު ކްލަބަށްވުން ކަމަށެވެ.

"މިހާރު އަހަރެމެން މި ތިބީ ޔަގީނުން ވެސް ތިބެން ބޭނުންވާ ހިސާބެއްގައެއް ނޫން. އެކަމަކު މީގެ މާނަ އަކީ އަހަރެން މިކަން ދޫކޮށްލާފައި ދިއުމެއް ނޫން،" ކުރިން ކާޑީފް ސިޓީ އާއި މޯލްޑް އަށް ކޯޗުކޮށްދިން ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑުން ސޯލްޝެއާ ގެނައީ 2018 ވަަނަ އަހަރުގެ ޑިސެމްބަރު މަހު ހޯސޭ މޮރީނިއޯ ވަކިކުރުމަށް ފަހު ވަގުތީ ކޯޗަކަށެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ސޯލްޝެއާ ހުއްޓައި ޔުނައިޓެޑުން ވަނީ ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން ޓޮޓެންހަމްގެ އޭރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއާ ވާހަކަ ދައްކައިފަ އެވެ. އެކަމަކު އޭރު ޓޮޓެންހަމް ދޫކޮށްފައި ޔުނައިޓެޑަށް އަންނަން ޕޮޗެޓީނޯ ބޭނުންނުވާތީ އާއި ސޯލްޝެއާ ނެރުނު ރަނގަޅު ނަތީޖާރަކުގެ ސަބަބުން ޔުނައިޓެޑުން އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ދިނީ އެވެ.

ދާއިމީ އެއްބަސްވުން ދިން ފަހުން ސޯލްޝެއާ އަށް މިހާތަނަށް ކްލަބް ބޭނުންވާ ހިސާބަށް ނުގެންދެވެ އެވެ. ބޮޑެތި ހަރަދުތަކެއް ކުރި ނަމަވެސް މިދިޔަ ދެ އަހަރަށް ބަލާއިރު ބޭނުންވާ މިސްރާބަށް ނުދެވޭތީ ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ވަގުތު ހުސްކޮށް ހުރި ޕޮޗެޓީނޯއާ އެކީ ޔުނައިޓެޑުން މިދިޔަ ހަފްތާގައި ވަނީ ބައްދަލުކޮށްފަ އެވެ. ޔުނައިޓެޑްގެ ޕްރޮޖެކްޓާ މެދު ޕޮޗެޓީނޯ ޝައުގުވެރިވެ އެވެ.