Roadha Mihaaru
ފެނާންޑޭސްގެ ދިފާއުގައި ސޯލްޝެއާ ވާހަކަ ދައްކައިފި

ފެނާންޑޭސްގެ ދިފާއުގައި ސޯލްޝެއާ ވާހަކަ ދައްކައިފި

20 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 20) - އިނގިރޭސި ޕްރިިމިއާ ލީގުގައި އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ދެ މެޗުގައި ބްރޫނޯ ފެނާންޑޭސްގެ ކުޅުން ދަށްވެފައިވާ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ރައްދުދީފި އެވެ.

ލަންޑަން (ޖެނުއަރީ 20) - އިނގިރޭސި ޕްރިިމިއާ ލީގުގައި އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ދެ މެޗުގައި ބްރޫނޯ ފެނާންޑޭސްގެ ކުޅުން ދަށްވެފައިވާ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ރައްދުދީފި އެވެ.

ލީގުގައި އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ދެ މެޗަކީ މި މަހު 12 ވަނަ ދުވަހު ޕައުލް ޕޮގްބާގެ ގޯލުން 1-0 އިން ބާންލީ އަތުން މޮޅުވި މެޗާއި މިދިޔަ އާދިއްތަ ދުވަހުގެރޭ ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށް 0-0 އިން އެއްވަރުވި މެޗެވެ. ދެ މެ މެޗުގައި ވެސް ފެނާންޑޭސް ވަނީ ބަދަލުކޮށްފަ އެވެ.

"އޭނަ (ފެނާންޑޭސް) އަކީ މި ޓީމުގައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިޔާ. އޭނަގެ ފޯމަކަށް އަސަރެއް ނުކުރޭ. މެޗަކަށް ފަހު މެޗެއް ކުޅެން ޖެހޭއިރު ރަނގަޅަށް ރިކަަވާވުމަކީ ވެސް ފެނާންޑޭސްގެ ކޮލިޓީއެއް. ފެނާންޑޭސްގެ ކުޅުމުން ވަރުބަލިކަމެއް ނުފެނޭ،" ލީގުގައި މިރޭ ފުލަމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސޯލްޝެއާ ބުންޏެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ސްޕޯޓިން ލިޒްބަން ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ފެނާންޑޭސް އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕްރިމިއާ ލީގުގައި މިިހާތަނަށް ފެނާންޑޭސް ކުޅުނު 32 މެޗުގައި އޭނާ ވަނީ 19 ގޯލު ޖަހައި 14 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިދިޔަ އަހަރު ފެނާންޑޭސް ވަނީ ޕްރިމިއާ ލީގުން ކޮންމެ މަހަކު ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރެއްގެ މަތިން ހޯދައިފަ އެވެ. އެއާ އެކު ފެނާންޑޭސްވެފައިވަނީ އަހަރެއްގެ ތެރޭ އެ އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އަށެވެ.

އިނގިރޭސި މީޑިއާ އިން ފެނާންޑޭސް އަށް ފާޑުކިޔުން އަމާޒުވާ އަނެއް ކަމަކީ ވަރުގަދަ މެޗުތަކުގައި އޭނާގެ ކުޅުން ބޮޑަށް ފާހަގަނުވާތީ އެވެ. ލީގުގައި އެންމެ ފަހުން ލިވަޕޫލާއި ޔުނައިޓެޑް އެއްވަރުވި މެޗަށް ފަހު ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޯއީ ކީން ބުނީ ފެނާންޑޭސް ރަނގަޅުކުރަން ޖެހެނީ ބޮޑެތި މެޗުތަކުގައި ދައްކާ ކުޅުމެވެ. ކީންގެ އެ ވާހަކަތަކަށް ސޯލްޝެއާ ތާއީދެއް ނުކުރެ އެވެ.

"ލިވަޕޫލާ ދެކޮޅަށް އެ ފްރީކިކް (ހިލޭ ޖެހުން) ޖެހިނަމަ ނޫނީ ލޫކް ޝޯގެ ހުރަހުން ފެނާންޑޭސް ޖެހި ބޯޅަ ގޯލުގެ ކަނަކަށް އަމާޒުވިނަމަ އެންމެން ބުނާނެ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފެނާންޑޭސް ކަމަށް،" ސޯލްޝެއާ ބުންޏެވެ.

ލީގުގައި ރޭ ކުޅުނު މެޗުން ލެސްޓާ ސިޓީން ވަނީ ޗެލްސީ ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް ޔުނައިޓެޑް މިރޭ ކުޅޭ މެޗަށް ނުކުންނައިރު އެ ޓީމު ތިން ވަނަ މަގާމުގައި އޮތުމުގެ ފުރުސަތު އެބައޮތެވެ. އެއީ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ އެވެ. ސިޓީ ކުޅެނީ އެސްޓަން ވިލާއާ އެވެ. މިރޭގެ ފަހު މެޗުގައި ފުލަމްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭއިރު އެ މެޗުން މޮޅުވެގެން އެ ޓީމަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 1:15 ގަ އެވެ.