Roadha Mihaaru
ކުދިންގެ "ސިކުނޑި ކިޔާލަދޭ" ކާރެއް ނެރެނީ

ކުދިންގެ "ސިކުނޑި ކިޔާލަދޭ" ކާރެއް ނެރެނީ

13 ނޮވެމްބަރ 2020

ކާރު އުފައްދާ ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި ހިއުންޑޭ އިން ކުޑަކުދިންގެ "ސިކުނޑި ކިޔާލަދޭ" ޓެކްނޮލޮޖީއާ އެކު އުފައްދާފައިވާ ކާރެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާރު އުފައްދާ ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި ހިއުންޑޭ އިން ކުޑަކުދިންގެ "ސިކުނޑި ކިޔާލަދޭ" ޓެކްނޮލޮޖީއާ އެކު އުފައްދާފައިވާ ކާރެއް ދައްކާލައިފި އެވެ.

ރަސްމީކޮށް އަދި ނަމެއް ދިފައި ނުވާ މި އިލެކްޓްރިކް ކާރުގައި ހިއުންޑޭ އިން ބޭނުންކޮށްފައި ވަނީ އިމޯޝަން އެޑަޕްޓިވް ވެހިކަލް ކޮންޓްރޯލް (އީއޭވީސީ) ޓެކްނޮލޮޖީ އެވެ. މީގެ އެހީގައި ކުދިންގެ މޫނުމައްޗަށް އަންނަ އިހުސާސްތަކުން ކުދިންގެ މޫޑް ދަނެގަނެ، ކާރުގެ ލައިޓިން އާއި މިއުޒިކް ބަދަލުކޮށްދެ އެވެ. އޭގެ ސަަބަބުން ކުދިންނަށް އުފާވެރިކަން ގެނެސްދޭނެ އެވެ. އަދި މީގައި ބޭނުންކޮށްފައިވާ ސެންސަތަކުގެ އެހީގައި ކުދިންގެ ހިތުގެ ވިންދާއި ނޭވާލުމުގެ ރޭޓް ވެސް އަންގައިދެ އެވެ.

ކުޑަކުދިން ވަރަށް ޝައުގުވެރި ވާނެ ގޮތްގޮތް ބަލައިގެން ފަރުމާކޮށްފައިވާ ކުޑަ ކާރަކީ ހަންޑޭ އިން އިލެކްޓްރިކް ވެހިކަލްތަކާ ދިމާއަށް ދާން އުޅޭކަމުގެ އިޝާރާތެއް ވެސް މެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އީއޭވީސީ ޓެކްނޮލޮޖީ ހިމަނައިގެން ބޮޑެތި މީހުންނަށް ވެސް ހާއްސަ ކާރުތައް އުފައްދާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

މަޑު ނޫކުލަ އާއި ގަދަ އޮރެންޖް ކުލައިގެ އިތުރުން ކަޅު ކުލަ ހިމެނޭ ގޮތަށް، ބަލައިލަން ވެސް ވަރަށް ސާދާކޮށް ފެންނަ ކުޑަކުދިންގެ މި ކާރަކީ ގަޑިއަކު ހަތް ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ.

އެކަމަކު ނެރޭނެ އިރަކާއި އަގު އަދި އިއުލާންކޮށްފައެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނީ މި އަހަރުގެ ނިމުމުގެ ކުރިން ހަންޑޭ އިން މި ކާރު ނެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެއީ ލިމިޓެޑް އެޑިޝަނެއްގެ ގޮތުގަ އެވެ.