Roadha Mihaaru
ދެކުނު ކޮރެއާގައި ދަރިން ހޯދުމަށް ފައިސާގެ އެހީ ދެނީ

ދެކުނު ކޮރެއާގައި ދަރިން ހޯދުމަށް ފައިސާގެ އެހީ ދެނީ

12 އެޕްރީލް 2023

ދެކުނު ކޮރެއާގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތް އާދަޔާ ޚިލާފަށް ދަށަށް ދާތީ، އިތުރު ކުދިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ދެކުނު ކޮރެއާގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތް އާދަޔާ ޚިލާފަށް ދަށަށް ދާތީ، އިތުރު ކުދިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކުދިން އުފަންވާ ނިސްބަތަށް ބަލާއިރު ދެކުނު ކޮރެއާ ފާހަގަ ކުރެވިފައި ވަނީ، ކުދިން އުފަންވާ ރޭޓް އެންމެ ދަށް ގައުމުގެ ގޮތުގަ އެވެ. އެކަމުގެ ސަބަބުން، އެ ގައުމުގެ އިގްތިސާދު ކުރިއަރުވާނެ ގޮތްތަކަކާ މެދު އިތުރަށް ވިސްނަންޖެހިފައިވާ ކަމަށް، ދެކުނު ކޮރެއާ ސަރުކާރުން ބުނެ އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދެކުނު ކޮރެއާގައި ކުދިން އުފަންވާނެ ކަމަށް 2021 ވަނަ އަހަރު އަންދާޒާ ކުރި ނިސްބަތަކީ، ކޮންމެ އަންހެނަކަށް 0.81 ކުދިންނެވެ. ނަމަވެސް އެ ނިސްބަތް 2022 ވަނަ އަހަރު ވަނީ، 0.78 ކުދިންނަށް ދަށްވެފަ އެވެ.

ނަމަވެސް ކުރިއަރާފައިވާ ގައުމުތަކުގައި އެ ނިސްބަތަކީ، ކޮންމެ އަންހެނަކަށް 2.1 ކުދިންނެވެ. މިއީ ވިހާ މަރުވާގެ ނިސްބަތަށް ބަލާއިރު، އާބާދީއެއްގެ އަދަދު އެއް މިންވަރެއްގައި ދެމެހެއްޓުމަށް އެންމެ އެކަށީގެންވާ ނިސްބަތެވެ.

ދެކުނު ކޮރެއާ އަށް ދިމާވެފައިވާ މި މައްސަލަ ހައްލު ކުރުމުގެ ގޮތުން، އެ ގައުމުގެ ސަރުކާރުން މިދިޔަ އަހަރުން ފެށިގެން އަންނަނީ، ކޮންމެ ދެމަފިރިއަކަށް އެކި ކަހަލަ އިނާޔަތްތައް ދެމުންނެވެ. ކުދިންގެ ކުޅޭ ސާމާނާއި ކުދިން ލައިގެން ދުއްވާ ރިކްޝޯ ފަދަ ތަކެތި ވެސް ސަރުކާރުން ހިލޭ ފޯރުކޮށްދެ އެވެ.

މިދިޔަ އަހަރުން ފެށިގެން ދެކުނު ކޮރެއާގެ ކޮންމެ މަޔަކަށް ވެސް، ވިހެއުމާއެކު، ދަރީގެ ޚަރަދުތައް ހަމަޖައްސާ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން އަންނަނީ 2 މިލިއަން ވޮން (1510 ޑޮލަރު)ގެ މާލީ އިނާޔަތެއް ދެމުންނެވެ. އަދި އެއް އަހަރުން ދަށުގެ ކުއްޖަކު ހުރި ނަމަ، ކޮންމެ މަހަކު 528 ޑޮލަރާއި އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ކުއްޖަކު ހުރި ނަމަ، މަހަކު 264 ޑޮލަރު ދެ އެވެ.

އޭގެ އިތުރުން އިބްތިދާއީ މަރުހަލާގެ ދަރިވަރަކު ނަމަ، އެ ކުއްޖެއްގެ ކިޔެވުމުގެ ޚަރަދުތަކަށް މަހަކު 151 ޑޮލަރު ސަރުކާރުން ދެ އެވެ. މީގެ އިތުރުން ވެސް، އެކަނިވެރި މައިންނަށާއި އާމްދަނީ މަދުން ލިބޭ އާއިލާތަކަށް ވެސް ސަރުކާރުން އިތުރު އިނާޔަތްތައް މިހާރު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކުދިން ހޯދުމަށް ބާރު އެޅުމުގެ ގޮތުން އިތުރު އެހެން އިނާޔަތްތައް ވެސް ވަނީ ސަރުކާރުން ހަމަޖައްސައިދީފަ އެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނުންގެ ބޭސްފަރުވާގެ ޚަރަދުތަކާއި ދަރިމައިވުމަށް ބޭނުންވާ ފަރުވާގެ ޚަރަދުތައް ވެސް ސަރުކާރުން ހަމަޖައްސައިދެ އެވެ. ދަރިން ލިބުމަށް ފަހު ވަޒީފާއަށް ދާ ނަމަ، ކުދިން ބެލެހެއްޓޭނެ އިންތިޒާމުތައް ވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ.

ދަރިން ހޯދުމަށް ބާރު އެޅުމުގެ ގޮތުން ހަމަޖައްސާފައިވާ އެންމެ އާދަޔާ ޚިލާފު އެހީއަކީ، ކައިވެނި ކުރަން ބޭނުންވާ ދެމީހުން ރައްޓެހިވެގެން އުޅޭ އިރު، އެކަކު އަނެކަކާ ބައްދަލުކުރުމަށް ހިނގާ ޚަރަދުތަކެވެ. އެފަދަ މީހުން ރެސްޓޮރެންޓެއްގައި ބައްދަލުކުރާ ނަމަ، ކެއުމުގެ ޚަރަދާއި ޓިކެޓެއް ނަގައިގެން ވަދެވޭ ފަދަ ތަނެއްގައި ބައްދަލުކުރާ ނަމަ، އެކަމަށް ހިނގާ ޚަރަދުތައް ވެސް ސަރުކާރުން ހަމަޖައްސައިދެ އެވެ.

ނަމަވެސް އާންމު ރައްޔިތުން ޚިޔާލު ހޯދުމުގެ މައްޗަށް ހަދާފައިވާ ދިރާސާތައް ދައްކާ ގޮތުން، ސަރުކާރުން ދޭ މިފަދަ އިނާޔަތްތަކުން އެކަނި، އާބާދީ އިތުރުނުވާ މައްސަލަ ހައްލެއް ނުވާނެ އެވެ. އެކަމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުދިން ހޯދުމަށް ބޭނުންނުވުމެވެ. އަލަށް ކައިވެނިކުރާ ގިނަ މީހުންގެ ތެރޭގައި ވެސް، ދަރިން ހޯދުމުގެ ޝައުގުވެރިކަން ހުރި ނިސްބަތް ވަރަށް ދަށެވެ.

އެންމެ ފަހުން ހެދި ދިރާސާއިން ދައްކާ ގޮތުގައި 19-34 އަހަރުގެ މީހުންގެ ތެރެއިން 36.7 ޕަސެންޓް މީހުން ދަރިން ހޯދަން ބޭނުމެއް ނުވެ އެވެ. ވެރިރަށް ސޯލްގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން ހަ މީހަކު ބުނަނީ ދަރިން ހޯދަން ބޭނުން ނުވާ ކަމަށެވެ.

އޭގެ ބަދަލުގައި ގިނަ މީހުންގެ ވިސްނުން މިހާރު ހުރީ، މީހަކާ ނުއިނދެ ލޯބިވެރިޔާއާ އެކުގައި ދިރިއުޅުން ވެއަތު ކުރާށެވެ. ނުވަތަ ކާވެނިކުރި ކަމުގައި ވިޔަސް ދަރިން ހޯދައި ބަލައި ބޮޑުކުރުމުގެ ބުރަ އުފުލާކަށް ގިނަ މީހުން ބޭނުމެއް ނުވެ އެވެ.