Roadha Mihaaru
ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރޭނެ

ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރޭނެ

08 ޖެނުއަރީ 2022

ޖަޕާންގެ މަޝްހޫރު ކުންފުނި، ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރެން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާންގެ މަޝްހޫރު ކުންފުނި، ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރެން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ ކުންފުނީގެ އިލެކްޓްރިކްގެ ކާރުގެ މޮޑެލް މާދަމާ ނިޔަލަށް އެމެރިކާގެ ލަސް ވެގަސްގައި ކުރިއަށް ގެންދާ މި އަހަރުގެ ކޮންޒިއުލާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި އަންގާރަ ދުވަހު ދައްކާލުމާ އެކީގަ އެވެ. އެގޮތުން އެސްޔޫވީގެ ޕްރޮޓޯޓައިޕެއް "ވިޝަން-އެސް02" ގެ ނަމުގައި އެ ކާރު ދެއްކި އެވެ.

އިލެކްޓްރިކް ކާރެއް ސޮނީން ފުރަތަމަ ދެއްކީ 2020 ގެ ސީއީއެސްގަ އެވެ. އެކަމަކު އޭރު ކާރު ބާޒާރަށް ނެރޭނެކަން ހާމަކޮށްފައެއް ނުވެ އެވެ.

މި އަހަރުގެ ސީއީއެސްގައި ސޮނީގެ ސީއީއޯ ކެނިޗީރޯ ޔޮޝީޑާ ވިދާޅުވި ގޮތުގައި އިލެކްޓްރިކް ކާރު އުފައްދަން ހާއްސަކޮށްގެން މިހާރު ސަބްސިޑަރީއެއްގެ ގޮތުގައި "ސޮނީ މޮބިލިޓީ އިންކް" ގެ ނަމުގައި ކުންފުންޏެއް ވެސް ހަދަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސޮނީން ނެރޭ އިލެކްޓްރިކް ކާރު މި އަހަރުގެ ތެރޭގައި ވިޔަފާރި އުސޫލުން ވިއްކަން ވެސް ފަށާނެ އެވެ. އަދި މި އުފެއްދުން ވާނީ ޓެކްނޮލޮޖީގެ ގޮތުން ވެސް ވަރަށް ފުރިހަމަ އުފެއްދުމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންގިލާބީ ބަދަލެއް ގެނުވައިދޭނެ އުފެއްދުމެއް އަހަރެމެން ނެރޭނީ. އެހެންވީމަ މީގައި ސެންސިން އާއި ކްލައިޑާއި ފައިވްޖީ އާއި އެންޓަޓައިންމަންޓް ޕްރޮޑަކްޓްތައް ވެސް އެކުވެފައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ. "އަދި މިއީ އާޓިފިޝަލް އިންޓެލިޖެންސާއި ރޮބޮޓިކް ފީޗާތަކެއް ވެސް ހިމެނޭނެ އެއްޗަކަށް ވާނެ."

ސޮނީން އިލެކްޓްރިކް ކާރު އުފެއްދުމުގެ މަސައްކަތަށް ނުކުތަސް މިކަން ކުރިއަށް ގެންދާ ސީދާ ކުންފުނީގެ އަމިއްލަ ބްރޭންޑެއްގެ ގޮތުގައިތޯ ނުވަތަ ކާރު އުފައްދާ އެގެން ކުންފުންޏަކާ ގުޅިގެންތޯ ކަމެއް ސާފުކޮށް ދީފައެއް ނުވެ އެވެ.

މަޝްހޫރު ކުންފުނިތަކުގެ ތެރެއިން އިލެކްޓްރިކް ކާރު އުފައްދަން ފޫގަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި އައިފޯނު ނެރޭ އެޕަލް ކުންފުނި ވެސް ހިމެނެ އެވެ. އެ ކުންފުނީގެ އަމާޒަކީ 2024 ނުވަތަ 2025 ގައި "ސެލްފް ޑްރައިވިން" ނުވަތަ އަމިއްލަ އަށް ދުވާ ކާރު ނެރުމެވެ.